އަންނަ ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސްކޮށްދިނުމަށް އެދި، ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަނުމަށް އިދިކޮޅު އެމްޑީޕީއިން ހުށަހެޅި ހުށަހެޅުން ސިވިލް ކޯޓުން ބަލައިގެންފި އެވެ.
އެމްޑީޕީގެ ހުށަހެޅުން މިއަދު ސިވިލް ކޯޓުން ގަބޫލު ކޮށްފައިވާކަން އެ ޕާޓީން ކަށަވަރުކޮށްދީފައިވާއިރު މި މައްސަލާގައި އެމްޑީޕީގެ ފަރާތުން ހުށަހަޅާ ބަޔާން މާދަމާ ހެނދުނު ކޯޓަށް ހުށަހަޅަން ވަނީ އަންގާފަ އެވެ.
އެމްޑީޕީގެ ސެކްރެޓްރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރު ވިދާޅުވީ މައްސަލައިގެ ތެރެއަށް އެމްޑީޕީއިން ވަނުމަށް ނިންމީ ކައުންސިލް އިންތިހާބަށް އެމްޑީޕީއިން ގިނަ ތައްޔާރީތަކެއްވެ މިހާރު ވެސް ތައްޔާރުވަމުންދާއިރު އެ އިންތިހާބު ފަސްކޮށްފިނަމަ އެ ޕާޓީއަށް ބޮޑެތި ގެއްލުންތަކެއްވާނެތީ ކަމަށެވެ.
ޕީޕީއެމްއިން ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވަނީ، ޕާޓީ ހިންގުމުގައި ދިމާވި އުނދަގޫތަކެއްގެ ސަބަބުން ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް އެ ޕާޓީއަށް ވެވިފައިނުވާތީ ކަމަށް ބުނެ އެވެ.