ރިޕޯޓް

ރަންދިހަ ފަހެއް: ދިވެހި ނޫޓުގެ އާއިލާއަށް އާސިފައެއް

Mar 10, 2015
1

މިހާރު ބޭނުން ކުރަމުން ގެންދާ ދިވެހި ރުފިޔާގެ ނޫޓުތައް އުފަންވީ 1983 ވަނަ އަހަރު އެވެ. މިހާރު އަހަރެމެންގެ ވޮލެޓުން ފެންނަ ދިވެހި ރުފިޔާގެ ނޫޓުތައް ފަރުމާކުރީ މަރުހޫމް މައިޒާން ހަސަން މަނިކާއި ޑޭޒީމާގޭ އަހުމަދު އައްބާހެވެ. މި ނޫޓުތައް ނެރުނުތާ މިހާރު 30 އަހަރު ވެއްޖެ އެވެ. ނޫޓުތައް ވެސް ވަނީ ބަދަލަކަށް ބޭނުންވެފަ އެވެ. މިއާއެކު މަރުކަޒީ ބޭންކުން ވަނީ މި އަހަރު އަލަށް ފަރުމާކޮށްގެން ނޫޓުތަކެއް ނެރެން ނިންމާފަ އެވެ. މި ފަހަރު "ހަނދާނީ ނޫޓެއް" ވެސް ނެރޭނެ އެވެ. މި ބަދަލާއިއެކު ދިވެހި ރުފިޔާގެ އާއިލާ ޒުވާން ވެގެން ދާނެ އެވެ.

"އާ ނޫޓު ސީރީޒެއް ނެރުމުގެ ބޭނުމަކީ ދިވެހި ރުފިޔާއަކީ ސަލާމަތީ ގޮތުން އިތުބާރާއި ޔަގީންކަން އޮންނަ ފައިސާ އަކަށް ހެދުން. ރުފިޔާގައި ޒަމާނީ ސިފަތައް ހިމެނުމަކީ މުހިންމު ކަމަށް ވާތީ މި ބަދަލު ގެންނަނީ،" ދިވެހި ރުފިޔާގެ އާ ނޫޓުތައް ނެރެން ޖެހޭ ސަބަބާބެހޭ ގޮތުން މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވި އެވެ.

 

 

މި ނޫޓުގެ އެންމެ ބޮޑު އެއް ތަފާތަކީ ނޫޓުތަކުގެ ކަރުދާހެވެ. ނުވަތަ ނޫޓު ޗާޕުކުރާ މެޓީރިއަލެވެ.

އާޒިމާ ވިދާޅުވީ މިހާރު ނޫޓު ޕްރިންޓް ކުރަނީ ކޮޓަން ބޭސް މެޓީރިއަލެއްގައި ކަމަށާއި، ނަމަވެސް ރަންދިހަ ފަހެއްގެ އާ ނޫޓުތައް ހުންނާނީ ޕޮލިމާ (ޕްލާސްޓިކް ބޭސް) ނޫޓު ތަކެއްގެ ގޮތުގައި ކަމަށެވެ.

"ޕޮލިމާއަކީ ދުނިޔޭގައި ވަރަށް ގިނަ ގައުމުތަކުގައި ބޭނުންކުރާ ނޫޓު ތަކެއް. އޮސްޓްރޭލިޔާ އާއި ކެނެޑާގެ އިތުރުން މެލޭޝިޔާ އާއި ވިއެޓްނާމް ފަދަ ގައުމުތަކުގައި ވެސް ބޭނުން ކުރޭ. މީގެ އިތުރުން ސިންގަޕޫރުގެ ބައެއް ނޫޓުތައް ވެސް ހުންނަނީ ޕޮލިމާ މެޓީރިއަލުން،" އަޒީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕޮލިމާ ހިޔާރު ކުރުމުގެ ބޭނުމަކީ ފައިސާގެ ސަލާމަތީ ފިޔަވަޅުތަކަށް ބެލުން ކަމަށާއި، މިހާރުގެ ނޫޓުތައް ހުރި ގޮތުން ނޫޓުގައި ހުންނަން ޖެހޭ ސެކިއުރިޓީ ފީޗާސްތައް ހިމަނަން ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

"މި ވަރަށް އުނދަގޫވާނެ ކައުންޓަ ފީޓް ކުރަން. ޕޮލިމާއަކީ ވަރަށް އަގު ބޮޑު އެއްޗެއް އަމިއްލަ މީހަކު ތައްޔާރު ކުރާނަމަ އެހެންވީމަ އެއަށް އެކަނި ބެލިނަމަވެސް ކައުންޓަ ފީޓް ކުރަން ދަތިވާނެ،" އަޒީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޫޓުގެ އާ ޓެކްނޮލޮޖީ ވެސް މިހާރު ހިމަނަނީ ޕޮލިމާ ނޫޓުތަކުގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ބޭނުންވޭ އާ ޓެކްނޮލޮޖީ ނޫޓުތަކުގައި އިންކޯޕަރޭޓް ކުރަން. އެހެންވެ ޕޮލިމާ އަށް ދަނީ،" އަޒީމާ ވިދާޅުވި އެވެ.

ރަންދިޔަ ފަހެއްގެ ނަމުގައި ނެރެނީ 10ރ. އާއި 20ރ. އަދި 500ރ. ގެ ނޫޓުގެ އިތުރުން ރާއްޖެއަށް އަލަށް ނެރޭ 1،000ރ. ގެ ނޫޓެވެ. މި އަހަރުގެ އޮކްޓޫބަރު މަހު 10ރ. އާއި 50ރ. އަދި 1،000ރ. ގެ ނޫޓު ތައާރަފު ކުރާނެ އެވެ. އަދި 20ރ. އާއި 100ރ. އަދި 500ރ. ގެ ނޫޓު ތައާރަފު ކުރާނީ އަންނަ އަހަރެވެ.

އަޒީމާ ވިދާޅުވި ގޮތުގައި މިހާރު އެންމެ މަތީ ނޫޓެއްގެ ގޮތުގައި ގެންގުޅޭ 500ރ. ގެ ބަދަލުގައި 1000ރ. ގެ ނޫޓެއް ނެރެން ނިންމީ ދިރާސާތަކެއް ކުރުމަށްފަހު ކަމަށެވެ.

"އަޅުގަނޑުމެން އެކި މޮޑެލްތައް ބޭނުން ކޮށްގެން ދިރާސާ ކުރިން. މި ގޮތުން ބަލާފައި ފަސް ރުފިޔާގެ ނޫޓު ކޮއިން (ފައިސާ ފޮއްޗަ) އަކަށް ބަދަލު ކުރަން ނިންމީވެސް. މީގެ އިތުރުން 1000ރ. ގެ ނޫޓެއް ތައާރަފު ކުރަނީ ކޭޝް ބޭނުންކުރާ އަދަދު ގިނަވުން،" އަޒީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ނޫޓުތައް ނެރުނު ނަމަވެސް އެއް އަހަރު ދުވަސް ވަންދެން މިހާރު ބޭނުންކުރަމުން ގެންދާ ނޫޓުތައް ބޭނުން ކުރާނެ ކަމަށެވެ.

"އެއް އަހަރުގެ ފަހުން އެމްއެމްއޭ އިން އާއި ބޭންކުތަކުން ވެސް މި ނޫޓުތައް ބަދަލުކޮށް ދޭނެ،" އަޒީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޫޓުތައް ޗާޕު ކުރުމަށް ކޮންމެ ވެސް ވަރެއްގެ ހަރަދެއް ދިޔަނަމަވެސް ދިގު މުއްދަތައް ބަލާއިރު، މިކަމުން އޮތީ ފައިދާ ކަމަށެވެ.

"މިއީ އެހާ އަވަހަށް ހަލާކުވާ ނޫޓުތަކެއް ނޫން. އެހެންވެ ދިގު މުސްތަގުބަލަށް ބަލާއިރު ނޫޓުތައް ބަދަލު ކުރަން މިހާރު ކުރާ ހަރަދު ކުޑަ ވެގެން ދާނެ،" އަޒީމާ ވިދާޅުވި އެވެ.

 

 

"ރަންދިޔަ ފަހެއް" ގެ ނޫޓުތައް ފަރުމާކޮށްފައިވަނީ ދިވެއްސެކެވެ. މި ނޫޓުތައް ފަރުމާކޮށްފައިވަނީ އަބްދުﷲ ނަޝާތެވެ. އޭނާގެ ޒުވާން ހިޔާލުގެ މައްޗަށް ކުރެހި މި ނޫޓުތައް މަރުކަޒީ ބޭންކުން ބޭއްވި މުބާރާތުން އެއްވަނަ ލިބުމުގައި މި ނޫޓުތަކުން ރާއްޖެ ރީތިކޮށް ދައްކުވައި ދީފައިވުން ހިމެނެ އެވެ. މީގެ އިތުރުން މި ނޫޓުން ރާއްޖެ ރަމްޒުކޮށްދޭ މަންޒަރުތައް ތަފާތު ސްޓައިލްތަކުގައި ފެނެން ހުރެ އެވެ. އަދި ނޫޓު ފަރުމާކޮށްފައިވަނީ ޓޫރިސްޓުންގެ ހިތްތައް ފަތަހަ ކުރާ ގޮތަކަށެވެ. މި ނޫޓުގައި ދިވެހިން ފަހުރުވެރިވާނެ ގިނަ ކަންތައް ތަކެއް ހިމަނާފައިވެ އެވެ. މި ހުރިހާ ސަބަބުތަކާއެކު ނަޝާތުގެ ނޫޓުވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ބޭނުން ކުރާ ފައިސާގެ ނޫޓުތަކާ އެއް ސަފެއްގައި ވާދަ ކުރާނެ ނޫޓަކަށްވެފަ އެވެ.

 

ގަވަރުނަރު، އަޒީމާ ވިދާޅުވީ ނޫޓު ފަރުމާކޮށްދިނުމަށް ބޭރުގެ ބޮޑެތި ކުންފުނިތަކުން ވެސް ހުށަހެޅި ކަމަށާއި، ނަމަވެސް މަރުކަޒީ ބޭންކުން ބެލީ ދިވެހިން ލައްވާ އެ މަސައްކަތް ކުރުވުމަށް ކަމަށެވެ.

"އެހެން ގިނަ ގައުމުތަކުގައި ފައިސާ ޑިޒައިން ކުރަން ކޮމްޕެޓިޝަނެއް ނުބާއްވާނެ. އަޅުގަނޑުމެންނަށް ވެސް އެ ފުރުސަތު އޮތް ޑިޒައިން ކުރާ ބޭރުގެ ކުންފުނިތަކަށް ދޭން .އެކަމަކު ބޭނުންވީ ރާއްޖޭގައި ތިބި ކްރިއޭޓިވް ބޭފުޅުންނަށް އެ ފުރުސަތު ދޭން. އަޅުގަނޑުމެން ވިސްނީ ދިވެހިންގެ ނޫޓު ޑިޒައިން ކުރާނީ ދިވެހިން ނޭ،" އަޒީމާ ވިދާޅުވި އެވެ.

 

 

އާ ނޫޓުތަކާއެކު މަރުކަޒީ ބޭންކުން ދަނީ ހަނދާނީ ނޫޓެއް ވެސް ނެރެން ތައްޔާރުވަމުންނެވެ. މި ނޫޓަކީ ހަނދާނެއްގެ ގޮތުގައި ފޮރުވާފައި ބާއްވަން ދޭ ހަދިޔާ އެކެވެ. މި ނޫޓުގެ ސައިޒު ވެސް އާދައިގެ ނޫޓުތަކަށް ވުރެ ބޮޑެވެ. ހަނދާނީ ހަދިޔާގެ ގޮތުގައި ނެރޭ ނޫޓުގެ މޫނުމަތީ އަގަކީ 5،000ރ. އެވެ.

އަޒީމާ ވިދާޅުވީ ކުރިން ނެރެފައިވަނީ ހަނދާނީ ފައިސާ ފޮއްޗެއް ކަމަށެވެ. ނަމަވެސް މި ފަހަރު ހަނދާނީ ނޫޓެއް ނެރުމަކީ ރާއްޖެއަށް އާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ނޫޓުވާނީ ހުރިހާ ރައްޔިތުންނަށް ވެސް މިނިވަންކަމުގެ ހަނދާނެއްގެ ގޮތުން ބޭނުންވާނެ ނޫޓަކަށް،" އަޒީމާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި ހަނދާނީ ނޫޓަކީ ވިޔަފާރި ކުރަން ބޭނުންކުރާނެ އެއްޗެއް ނޫން ކަމަށެވެ.

"މިއީ ލީގަލް ޓެންޑާއެއްގެ ގޮތުގައި ބޭނުން ކުރާ އެއްޗެއް. އެ ބޭފުޅަކު ބޭނުންނަމަ ވިއްކާ ވެސް ލެވިދާނެ ނޫޓެއް މިއީ،" އަޒީމާ ވިދާޅުވި އެވެ.