ހަބަރު

ފެން އުފެއްދުން ސްޓޭބުލްކޮށް ގޭގެއަށް ފެން ދޫކުރާ ވަގުތުތައް އިތުރުކޮށްފި

އެމްޑަބްލިޔުއެސްސީ އިން ފެން އުފެއްދޭ ވަރު ކޮންމެވެސް ވަރަކަށް ހަމަޔަކަށް އަޅުވައި، ގިނަ ވަގުތުތަކެއްގައި ގޭގެއަށް ފެން ދޫކޮށްފައި ބަހައްޓާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް އެ މައްސަލަ ހައްލު ކުރުމަށް ރައީސް އުފައްދާފައިވާ ޓާސްކް ފޯސް އިން މިރޭ ބުނެފި އެވެ.

ޓާސްކް ފޯސްގެ ފަރާތުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިރޭ ބޭއްވި ނިއުސްކޮންފަރެންސްގައި ވިދާޅުވީ ފެން އުފެއްދުން އިތުރު ކުރެވިފައިވާ ކަމަށާއި އެމްޑަބްލިއުއެސްސީގެ ހާލަތު ވެސް މިހާރު ސްޓޭބުލް ވަމުން އަންނަ ކަމަށެވެ. އަދި މިހާރު ލިބިފައިވާ ކުރިއެރުންތަކަށް ބަލާ ފެން ދޫކުރާ ވަރު ތިންގަނޑިއިރަށް އިތުރު ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ކޮންމެ އިމާރާތެއްގެ ހުރިހާ ފްލޯތަކަކަށް މާދަމާ އިން ފެށިގެން ފެން ދޫކުރެވޭ ވަރު ވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. 

"މިހާރު ޕްރެޝަރުގައި ހުރިހާ ތަނަކަށް ފެން ލިބޭނެ. އުސް އިމާރާތްތަކަށް ވެސް ދެން ލިބޭނެ. މިއީ މިތަނުގެ ޓެކްނީޝަނުންގެ ވަރަށް ބުރަ މަސައްކަތް. ފެން ދޫކުރާ ވަރު އިތުރު ކުރުމަކީ އަޅުގަނޑުމެންނަށް ހޯދުނު ވަރަށް ބޮޑު ކުރިއެރުމެއް،" މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ފުރަތަމަ ފެން ދޫކުރާ ވަގުތު އެންމެ މަތީ ފްލޯތަކަށް ފެން ނުލިބުމުގެ މައްސަލައެއް އުޅެފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ފެން ދޫކުރަމުން އަންނަނީ ދުވާލަކު ދެ ފަހަރު ދެ ގަޑިއިރަށެވެ.

ފެނުގެ މައްސަލަ މުޅިން ހައްލު ކުރުމަށް ސިންގަޕޫރުން ގެންނަ ދެ ޕެނަލް ބޯޑް މިހާރު މާލެ ގެނައުމުގެ މަގުމަތީގައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސްރީލަންކާގެ އެއާފޯސްގެ މަތިންދާ ބޯޓަކުން ގެންނަ އެ ޕެނަލްތައް މާދަމާގެ ވަގުތެއްގައި މާލެ އަންނާނެ އެވެ. އަދި އެ ޕެނަލް ބޯޑުތައް މާލެއަށް އަންލޯޑް ކުރުމަށް ސިފައިން ތައްޔާރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ނަރެއް ގުޅާލުންހާ ފަސޭހަ ކަމެއް ނޫން. އެއީ ވަރަށް ބޮޑެތި އެއްޗިހި އަދި އެތަކެތި ގުޅަން ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ. އެޕަންލްތައް ގެނެސް އިންސްޓޯލް ކުރެވުމުން ކުރިން ވެސް ރޭވިފައި އޮތް ދުވަހު ފެނުގެ މައްސަލަ އަލުން އާންމު ހާލަތަކަށް ގެނެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ޕެނަލް ބޯޑުތައް އެކީ އަދައި މުޅި މާލެއިން ވަނީ ފެންކެޑިފަ އެވެ. އެކަމާ ގުޅިގެން އާންމުންނަށް ބޯފެން ފޯރުކޮށް ދިނުމުގެ މަސައްކަތް 27 ސަރަހައްދެއްގައި އަންނަނީ ކުރަމުންނެވެ. އަދި އިންޑިއާ ޗައިނާ، ސްރީލަންކާ އިން ވެސް އަންނަނީ ރާއްޖެއަށް ފެން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.