ރިޕޯޓް

ތަފާތު ދަރިއެއް! ތަފާތު މަންމައެއް!

ހަޔާތުގައި އެކި މީހުންނަށް ކުރިމަތިލާން ޖެހެނީ އެކި ކަންކަމާ އެވެ. ތަޖުރިބާކުރަން ޖެހޭ ކަންކަން ވެސް ތަފާތެވެ. އެކަން ދަނެހުރެ ޅ. ހިންނަވަރަށް އުފަން ޒަކިއްޔާ ޒަހީން ވެސް ޒަވާޖީ ހަޔާތް ފެށީ ވަރަށް އުއްމީދާއެކު އެވެ. ޒަކިއްޔާގެ ހަޔާތް އުޖާލާވެގެން ދިޔައީ ދެ ފިރިހެން ދަރިން ވެސް ލިބުނު ހިސާބުންނެވެ. އެހެނަސް ދެން ދިރިއުޅުމުގައި އަޅަން ޖެހުނު ގޯޅިއަކީ ކަށި ގިނަ ގޯޅިއެކެވެ.

ޒަކިއްޔާގެ ހަގު ދަރިފުޅު އަބްދުﷲ ޖިނާހު ވިހެއުމާއެކު ތަފާތު ކަންކަމާ އޭނާއާ ކުރިމަތިލާން ޖެހުނެވެ. ވިހޭއިރު ވެސް ޖިނާހުގެ ބޮލުގެ ދެ ފަޅި އޮތީ ދެވަރަށެވެ. އައިބުކޮށެވެ. އެހެނަސް އޭނާގެ މާމަގެ މަސައްކަތުން އެ އައިބުކަން ކުޑަކުރި އެވެ. ދަރިފުޅު ނޯމަލްވީ ކަމަށް ހީކޮށްގެން ހުރި ޒަކިއްޔާއަށް ދެން ޖެހުނު ކުރިމަތިވީ އެހެން ކަމަކާ އެވެ. އޭރު ޖިނާހަށް ދޮޅު އަހަރެވެ. އެއް ރޭ އޭނާގެ އަގައިން ފޮނުތަކެއް ނިކުމެ ތެޅި ފޮޅުނީ އެވެ. ޒަކިއްޔާ ހީކުރީ އެއީ ފިޓް ޖެހެނީ ކަމަށެވެ. އެގޮތަށް ތިން ރެއަކު ޖިނާހަށް އެހެންވި އެވެ. ސިއްހީ މަރުކަޒަށް ގެންގޮސް ފިޓް ޖެހުމުން ދޭ ފަރުވާ ވެސް ދިނެވެ.

ދަރިފުޅު އެ ހާލުގައި އުޅެނިކޮށް ޒަކިއްޔާ މާލެ އަ އެވެ. މާލެ އައިސް ޖިނާހު އައިޖީއެމްއެޗަށް ދެއްކުމުން އެނގުނީ އޭނާގެ ލޮލުގެ މައްސަލައެއް ހުރި ކަމެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ. ޖިނާހުގެ ލޮލުގައި ހުރީ ކޮން މައްސަލައެއްތޯ ބެލުމަށް އިންޑިއާއަށް ދިޔަ އެވެ. އިންޑިއާގެ ޑޮކްޓަރު ބުނީ ޖިނާހުގެ ބޮލުގެ އެއް ފަޅީގައި ފެން ހެދެން ފަށާފައިވާ ކަމަށެވެ. ޖިނާހަށް ތިން އަހަރުވަންދެން ވެސް ފަރުވާކުރީ ބޮލަށެވެ.

އޭރު ޒަކިއްޔާގެ ޒަވާޖީ ހަޔާތް ރޫޅި، އެކަނިވެރި މަންމައަކަށް ވެސް ވެއްޖެ އެވެ. އޭނާ މާލޭގައި އަމިއްލަ އާއިލާއެކު ދިރިއުޅެން ވެސް ފަށައިފި އެވެ.

ޒަކިއްޔާއަކީ ޒިންމާދަރު މަންމައެއްގެ އިތުރަށް ޒިންމާދާރު ވަޒީފާއެއް ވެސް އަދާކުރަމުންދާ މީހެކެވެ. ދަރިފުޅު ޅައިރު މާލޭގައި މަންމައާ ހަވާލުކުރުމަށްފަހު އޭނާ އުޅުނީ އަތޮޅުތަކުގައި ޕަބްލިކް ހެލްތް ވޯކަރެއްގެ ވަޒީފާ އަދާކުރުމަށެވެ. ނަމަވެސް މަހުން މަހަށް ދަރިފުޅު ކައިރިއަށް މާލެ އާދެ އެވެ.

ދަރިފުޅު ސްކޫލް ވެއްދުމަށްފަހު ޒަކިއްޔާ ވެސް މާލެއިން ވަޒީފާ ހޯދައިފި އެވެ. އިމާދުއްދީން ސްކޫލްގައި ވަޒީފާ އަދާކުރަން ފެށި އެވެ. އޭރު ވެސް ދަރިފުޅު ކައިރިން ތަފާތު ކަންކަން ޒަކިއްޔާއަށް ދިޔައީ ފާހަގަވަމުންނެވެ. ޖިނާހަކީ ސްކޫލްގައި އުޅޭއިރު ކްލާސް ތަރޭގައި އުޅުމަށްވުރެ ކްލާސް ބޭރުގައި ހިންގާ ހަރަކާތްތަކަށް މާ ޝައުގުވެރިވާ ކުއްޖެކެވެ. އަދި އޭނާ އެހާމެ ތޫނު ފިއްޔެވެ. ކޮންމެ ގްރޭޑަކުން ވެސް ދިޔައީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

ދުވަސްތައް ގުނަމުން ދަނިކޮށް ޖިނާހަށް 10 އަހަރުވެއްޖެ އެވެ. ކުރިން ޖިނާހުގެ ކައިރިން ނުފެންނަ އެތައް ކަމެއް ފެންނަން ފަށައިފި އެވެ. އޭނާ ރުޅިގަދަވާން ފަށައިފި އެވެ. ރުންކުރުވާން ފަށައިފި އެވެ. ޓީޗަރުން ބުނާ ބައެއް ބަސްތަކާ ގުޅިގެން ވެސް ރުޅިއަންނަ ފެށި އެވެ. އަންނަ ރުޅީގައި މީހުންގެ ގައިގާ ޖަހައި ކިޔަވަން ގެންގުޅޭ ފޮތްތައް ވެސް ވީދަނީ އެވެ. ޒަކިއްޔާ އޭރު ވެސް އެއީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަކަށް ހީވެސް ނުކުރެ އެވެ. އޭނާ ހީކުރީ އުމުރާއެކު އަންނަ ބަދަލުތަކެއް ކަމަށެވެ.

ސްކޫލް މަތިން ފޫހިވެ ގްރޭޑް ހައަކަށް ކިޔަވަން ދާން ވެސް ޖިނާހު ދެކޮޅު ހެދި އެވެ. ނަމަވެސް އިމާދުއްދީން ސްކޫލުން ތާޖުއްދީން ސްކޫލަށް ބަދަލުކޮށް، ވަރަށް ނަސޭހަތް ދިނުމަށްފަހު ޖިނާހު ސްކޫލަށް ގެންދިޔަ އެވެ. ތާދުއްޖީންއަށް ޖިނާހު ބަދަލުކުރީ ޒަކިއްޔާއަށް ލިބުނު ޕްރޮމޯޝަނެއްގައި އޭނާއަށް ހިރިޔާ ސްކޫލުން ވަޒީފާ ހަމަޖެހުމުންނެވެ. ދާހިތުން ނުގޮސް ވެސް ގުރޭޑް ހައެއް ޖިނާހު ނިންމާލީ ރަން ކާމިޔާބަކާއެވެ. އޭނާއަކީ ކިޔަވަން މޮޅު ކުއްޖެއް ނަމަވެސް ސްކޫލުގެ އިތުރު ހަރަކާތްތަކާއި އެހެން ކަންކަމުން ވެސް ޖިނާހު އެކަހެރިކުރާ ކުރުމަކީ ޒަކިއްޔާ ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. އެކަމާ ޖިނާހު ވެސް ޝަކުވާކުރެ އެވެ. ސްކޫލަށް ނުދާން އުޅެނީ ވެސް އެހެންވެ އެވެ. އެހަނަސް އޭނާ މިހާރު ސްކޫލަށް ދަނީ ވެސް މަންމައަށްވެފައިވާ ވައުދެއްގެ ސަބަބުންނެވެ. އެއީ އޭނާ ގުރޭޑް 10 ނިންމާނެ ކަމަށްވެފައިވާ ވައުދެވެ.

ޖިނާހުގެ ކިބައިން އަދާޔާ ހިލާފު ގިނަ ކަންކަން ފެންނަން ފެށުމުން ޑޮކްޓަރަށް ދެއްކައި އައިކިޔު ޓެސްޓެއް ހެދި އެވެ. އެ ޓެސްޓުން ޖިނާހުގެ މައިލްޑް އޯޓިޒަމް ހުންނަކަން އެނގުމުން ޒަކިއްޔާ ލިބުނީ ބޮޑު ޝޮކެކެވެ. އޭގެއިތުރަށް ވެސް ޖިނާހުގެ ކިބައިން އެހެން "އޭޑީއެޗްޑީ" އާއި "ޓިކްސް" ކިޔާ ނުކުޅެދުންތެރިކަމެއް ޑޮކްޓަރުން ވަނީ ފާހަގަކޮށްފަ އެވެ. އޭނާ ރުޅިގަދަ ވަނީ އެހެންވެ އެވެ. އޭގެ ސަބަބުން އޭނާގެ ގަޔަށް ވާން އަރައި ތަފާތު ގޮތްގޮތްވެ އެވެ. މިހާރު ވެސް އެކަމަށް އޭނާ ދަނީ ބޭސްކުރަމުންނެވެ.

އެކަމުގެ ހިތްދަތިކަމުގެ ހުއްޓާ ޒަކިއްޔާއަށް ދެން އެނގުނީ ޖިނާހުގެ ލޮލުގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރި ކަމެވެ. ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ލޮލުގެ ފެނުން މިހާރަށްވުރެ އަލި ނުކުރެވޭނެ ކަމަށެވެ. ޖިނާހަށް މިހާރު ފެންނަނީ ވަރަށް ކުޑަކޮށެވެ. ވަރަށް އަލިގަދަކޮށްފަ ނެތިއްޔާ އޭނާ އެއްވެސް އެއްޗެއް ނުފެނެ އެވެ. އެ ލޮލުގެ މައްސަލައަށް އާސަންދައިން ވެސް ފަރުވާ ނުހޯދޭއިރު އެފަދަ ކުދިން ބޭނުންކުރަން ތައްޔާރުކޮށްފައިވާ ހާއްސަ ތަކެތި ވެސް ރާއްޖެއިން ލިބެން ނުހުރެ އެވެ. މިއީ ޒަކިއްޔާ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެކެވެ.

ލޮލުގެ ފެނުން މާބޮޑަށް ދަށްވެގެން ދިޔުން ވެގެން ދިޔައީ ޖިނާހުގެ ކިޔެވުމަށް އެޅުނު ހުރަހަކަށެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ޓާމްގެ މާކްސް އޭނާގެ ދަށެވެ. އަމިއްލައަށް ލިޔެވޭ އެއްޗެއް ވެސް އޭނާއަށް ނޭނގެ އެވެ. އެކަމާ ކަންބޮޑުވެ އޭނާއަށް ޓެސްޓް ހެދޭނެ ގޮތެއް ހޯދުމަށް ޒަކިއްޔާ ހިނގަން ފެށި އެވެ. އެޑިއުކޭޝަން މިނިސްޓްރީއަށް އެކަމަށް އެދި އެތައް ފަހަރަކު ދިޔަ އެވެ. ޒަކިއްޔާގެ މަސައްކަތުން ދެވަނަ ޓާމްގެ ޓެސްޓް ފެށެން ދުވަހަކަށްވެފައި އޮތްވާ އެޑިއުކޭޝަން މިނިސްޓްރީން އެކަން ހަމަޖެއްސުމަށް ސްކޫލަށް އެންގި އެވެ. ޖިނާހު ގުރޭޑް އަށެއްގެ ފަހު ޓާމްގެ ޓެސްޓްތަކުގެ ތެރެއިން ތިން ޓެސްޓް ހަދާފައިވަނީ ކޮމްޕިއުޓަރުގަ އެވެ. އަނެއް ފަސް ޓެސްޓް ހެދީ ހަމަ އަތުންނެވެ. ޖިނާހަކީ ކޮމްޕިއުޓަރަށް ވަރަށް ފަރިތަ ކުއްޖެކެވެ. ކީބޯޑް ހިތުދަހެވެ. މިފަހަރު އިމްތިހާނުން ރަނގަޅު ނަތީޖާއެއް ވެސް ޖިނާހު ހޯދި އެވެ.

އެ ފުރުސަތު ޖިނާހަށް ހޯދައިދިނީ ޒަކިއްޔާގެ ވަރަށް ބުރަ މަސައްކަތުންނެވެ. އެކަމަށް އެތައް ތަނަކަށް ޒަކިއްޔާ ހިނގިއިރު އެޑިއުކޭޝަނުން އެ ފުރުސަތު ދިނުމަށް ސްކޫލަށް އެންގި ނަމަވެސް ސްކޫލުން ވެސް ޒަކިއްޔާއަށް ދަތިތަކެއް ކުރިމަތިވި އެވެ. ރިސޯސް ނެތް ކަމަށް ވެސް ސްކޫލުން ބުނި ކަމަށް ޒަކިއްޔާ ބުނެ އެވެ.

ޖިނާހު ފަދަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މުޖުތަމައުން ލިބެންޖެހޭ އެއްބާރުލުމާއި އަޅާލުން ލިބެން ޖެހޭ އެންމެ ފުރިހަމައަށް ނުލިބޭތީ ޒަކިއްޔާ ނުހަނު ކަންބޮޑުވެ އެވެ. ތާޖުއްދީން ސްކޫލްގެ އެކްސްކޯގައި ވެސް ހިމެނޭ ޒަކިއްޔާ ބުނީ، ސްކޫލްތަކުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ގޮތްތަކެއް ނެތް ކަމަށެވެ. އެކުދިންނަށް ދޭން ޖެހޭ ސަމާލުކަން ނުދެވޭ ކަމަށެވެ. ބާކީކޮށްލެވޭ ކަމަށެވެ.

އޭގެއިތުރަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން ވެސް އެންމެ އެކަށީގެންވާ އެއްބާރުލުން ނުލިބޭކަން ޒަކިއްޔާ ފާހަގަކުރި އެވެ. ޒަކިއްޔާ އެންމެ ކަންބޮޑުވާ ކަމަކީ އޭނާ ނެތް ދުނިޔެއްގައި ޖިނާހު އުޅޭނެ ގޮތެވެ. އޭނާގެ އާއިލާ ޖިނާހަށް ފުރިހަމަ ލޯބި ދެމުން ދިޔަ ނަމަވެސް ޒަކިއްޔާގެ އަމިއްލަ ގެދޮރެއް ނެތުމުން އޭނާ ކަންބޮޑުވެ އެވެ. ޖިނާހަށް އުޅޭނެ ތަނެއް ނެތިދާނެތީ ހާސްވެ އެވެ. ރަށުގައި ވެސް އަމިއްލަ ގެއެއް ޒަކިއްޔާގެ ނެތްއިރު މާލޭގައި އުޅެނީ ކުއްޔަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ފްލެޓަށް ކުރިމަތިލައިގެން އޭނާއަށް މާކްސް ލިބުނު ނަމަވެސް ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި އޭނާ ނުހިމެނުނެވެ.

މިހާރު ދެވަނަ ކައިވެންޏެއްކޮށް އެ ކައިވެންޏަށް ތިން އަހަރުވެފައިވާ ޒަކިއްޔާ، ހާއްސަ އެހީއަށް ބޭނުންވާ ދަރިފުޅަށް އެފަދަ ދެވަނައެއް ނެތް މިންވަރަށް ލޯބިދެމުން އިންސާނިއްތަށްޓަކައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސްކޫލްގައި އަދާކުރާ ހެލްތް އޮފިސަރުގެ މަގާމުގެ އިތުރުން ރެޑް ކްރެސެންޓްގައި ހިލޭ ސާބަހަށް ވެސް ޒަކިއްޔާ ދަނީ މަސައްކަތްކުރަމުންނެވެ. ރެޑް ކްރެސެންޓުން ބާއްވާ ގިނަ ހަރަކާތްތަކުން ޒަކިއްޔާގެ މޫނު ފެންނާނެ އެވެ.

ޖިނާހުގެ ފަދަ ތަފާތު ކުއްޖަކަށް އެންމެ ބޭނުންވާ ލޯތްބާ އަޅާލުން ދެވޭނީ ޒަކިއްޔާ ފަދަ ކެރޭ ހިތްވަރުގަދަ މަންމައަކަށެވެ. އެފަދަ ހަރަކާތްތެރި، ތަފާތު މަންމައަކަށެވެ.