ބޭރުގެ ނުފޫޒުތައް ވަދެ ރާއްޖޭގައި ހިންގި ސިޔާސީ ގަޑުބަޑުތަކުގެ ތެރޭގައި އެފަދަ ފަރާތްތަކުން އަބަދުވެސް އެމީހުން ރުހޭ ފަރާތްތަކަށް ހިމާޔާތް ދެއެވެ. ބޮޑު ހުޅަށްފަހު އިނގިރޭސީނަށް އިބްރާހިމް ދޮށިމޭނާ ކިލެފާނާވީ އެމީހުންގެ "މޭގެ އެތިކޮޅަކަ"ށެވެ. އައްޑޫ ބަޣާވާތަށްފަހު ކުއްލި ގޮތަކަށް ދިވެހި ސަރުކާރަށް އެނގުމަކާ ނުލައި އަބްދުﷲ އަފީފު "އުފުލާލައިގެން" އާއިލާއާއެކުގައި މަނަވަރެއްގައި ގެންގޮސް ސީޝެލްސްގައި ވަޒަންވެރި ކުރުވައި ހިމަޔާތް ދިނީ އެއީ އެމީހުންގެ ރާއްޖޭގައި އިންދަން ބޭނުންވާ އޮށާ ގުޅިފައިވާ "މުސްތަގުބަލުގެ އުންމީދު" ކަމަށް ބުނަމުންނެވެ.
"ދިވެހި ރައްޔިތަކު އަޅުގަނޑަށް ނޭނގި 'ވަގަށްނަގައިގެން' ގެންދިޔައީ ކީއްވެގެން ހެއްޔޭ؟" މި ސުވާލަކީ އިނގިރޭސީންގެ ދުއްތުރާލުން ސަލާމާތްވެ މުޅިން މިނިވަންވާން އެ މީހުންނާއި ރާއްޖެއާ ދެމެދު އެދުވަސްވަރު ކުރެވެނު ގިނި ގަދަ މަޝްވަރާތަކުގައި ބޮޑު ވަޒީރު އިބްރާހިމް ނާސިރު އެންމެ ގިނައިން ކުރައްވަންޖެހިވަޑައިގެންނެވި ސުވާލެވެ.
އެކަމެއް ހިނގައި މާޒީގެ ތެރެއަށް ދިޔައީ އެވެ. ރާއްޖޭގެ ވެރިކަން ކުރެވި ރައީސް މުހައްމަދު ނަޝީދަށް މިހާރު އެވަނީ އިނގިރޭސީ ވިލާތުން ސިޔާސީ ހިމާޔަތްދީފަ އެވެ. ބަލިވެގެން ވާގި ނެތޭ މީހަކަށް ވެދާނެ ކަމަށް ދެއްކި ބަހަނާއާއެއެކު ވަޑައިގެން ވިދާޅުވެފައި ވަނީ އާލާސްކަންފުޅެއް ނެތޭ އެވެ. ރައީ ނަޝީދުގެ ޔޫކޭ ދަތުރުފުޅަކީ ޓެރަރިޒަމްގެ ދައުވާގައި 13 އަހަރަށް ޖަލަށްލާން ހުކުމް ކުރުމުން އެކަމުގެ ތެރެއިން މިންޖުކުރަން ނުވަތަ ރައީސް ނަޝީދަށް ފަރުވާ ދިނުމަށް ކުއްލިއަކަށް ހޯދި ފުރުސަތެއް ނޫނެވެ. އެއީ މާ ކުރިން ރައީސް ނަޝީދުގެ ވެރިކަން 7 ފެބުރުއަރީގައި ވެއްޓުނު ހިސާބުން ފެށިގެން ބޭނުންވެފައި އޮތް ކަމެކެވެ. އެކަމަށް އިސްނަގައި ހަތަރު ގައުމަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔައެވެ. ފަބުރުއަރީ 7 ވަނަ ދުވަހު ސަރުކާރު ބަދަލުވުމާއެކު އެރޭގައި ވެސް މާލޭގެ ޖައްވަށް އެއަޑު ފަތުރައިލި އެވެ. ޖަލު ހުކުމާއެކު ސަރުކާރަށާއި ރައީސް އަބްދުﷲ ޔާމީނަށް އެތައް ގޮތަކުން ޖެއްސި ޕްރެޝަރުތަކުގެ ތެރެއިން ނަޝީދު ގެންދިޔައީ އިނގިރޭސީންނާއި އިންޑިއާ އާއި އިސްވެއޮވެ އެމެރިކާގެ ރުހުމާއެކު އެމީހުން ބާރުލައި އެކަން ކޮއްޕައިގެނެވެ. އެއީ އިނގިރޭސީން ރޯކުރަމުން އައި ހުޅުކޮޅެއް ކަނިވަަމުން ގޮސް ނިވިދާނެ ކަމުގެ ބިރަށްޓަކަ އެވެ.
އިނގިރޭސީން ނަޝީދު ގެންދަން ބޭނުންވި ހެއްޔެވެ؟ އެކަމުގައި އިންޑިއާއާ އެމެރިކާ ބައިވެރިނުވޭ ހެއްޔެވެ؟ ރައީސް ނަޝީދަށް ފަހު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ވަހީދަށް އެ ޕްރެޝަރާ ކުރިމަތިލައްވަން ޖެހި ވަޑައިގެންނެވި އެވެ. ރައީސް ޔާމީނަށް އެ ޖެއްސުމާއި ދުއްތުރާ ކުރިމަތިވެ ވަޑައިގެންނެވިކަން މުޅީން ޔަގީނެވެ.
ނަމަވެސް ރައީސް ރައީސް ވަހީދުގެ ހަޔާތްޕުޅާ ބެހޭ ގޮތުން ލިޔުންތެރިތާ، އަދި ނޫސްވެރިޔާ މުހައްމަދު ޖަމީލް ލިޔުއްވެވީ ބަޔޮގްރަފީ "އިންސާފު" މިރޭ އާންމުވުމާ ހަމައަށް ވެސް ސީދާ ރަސްމީ އެއްވެސް ފަރާތަކުން އެކަން މިހާތަނަށް ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ. އެއީ ސިޔާސީ ކަންކަމާއި ފިކުރީ ރޭވުން ހިނގާގޮތެވެ.މުޅިން ވެސް އިވެނީ ވާހަކަ އެވެ.
އެއްވެސް އިންސާފަކާއި ނުލައި އިނގިރޭސީން އަފީފުވެސް ގެންދިޔަ ގޮތަށް ރައީސް ނަޝީދު "ޖަހައިގެނެގެން" ގެންގޮސް "ފޮރުވައި ފިރުމަން" ބޭނުވެ އެ މަސައްކަތް ކުރި މިންވަރު ރައީސްގެ ވަހީދުގެ ބަޔޮގްރަފީގައި ޖަމީލު ވަރަށް ރަނގަޅަށް ވަހީދުގެ އަރިހުން ސާފުކޮށް ދެއްވާފައި ވެއެވެ. "އިންސާފު" ގައިވާ ގޮތުން ރައީސް ނަޝީދު ގެންދަން ބާރު އަޅުއްވައި އެންމެ ބޮޑަށް ނުކުތީ "އަވަށްޓެރި ގައުމެއް" ގެ ހައިކޮޮމިޝަނަރެވެ. -- ނަމައް ނެތެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގެ ތެރެއަށް ވަދެ، ހަލުވައި ހިލުވައި ހަދަނީ އަވަށްޓެރިންގެ ތެރެއިން ކޮން ބައެއްކަން ރާއްޖެއަށާއި ދިވެހިންނަށް އެނގެ އެވެ. އެހެން ކަމުން ވަހީދުގެ "އިންސާފު" ގައި އެއީ ކޮންގައުމެއްކަން ބުނެފައި ނެތަސް ހައިރާންވާކަށް ނުޖެހެ އެވެ. އެކަމުގައި މީޑިއޭޓަރަކަށްވެގެން އޮތީ އިންޑިއާ އެވެ. އަދި އެކަން ކުރުވީ އިނގިރޭސީން ފަހަތުގައި އޮވެ އެމެރިކާ ބާރު އަޅައިގެންކަން ވެސް އެނގެ އެވެ.
ފެބުރުއަރީ 7 ގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު އެވީ ގޮތަކަށް ބަދަލުވެއްޖެ އެވެ. ހަމަ އެ ދުވަހުގެ މެންދުރުފަހު ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާވެސް ކުރައްވައިފި އެވެ. އާ ރައީސް ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ވަޑައިގެންނެވީ ސިފައިންގެއަށެވެ. އެތަނުގައި ހުންނަވައި ހަވީރު 5:00 ޖަހަން އުޅެނިކޮށް ސެކިއުރިޓީންނަށް ދެންނެވިއެވެ: "މިއަދު ކޮންމެހެން އަވަސް އަރުވާލައިގެން މުލިއާގެއިން ވަޑައި ނުގެންނެވިއަސް އެންމެ ރަނގަޅު ކަމަށް ރައީސް ނަޝީދަށް ދަންނަވާށެވެ،"
އެހެން ނަމަވެސް ރައީސް ނަޝީދު އެގޮތް ގަބޫލުފުޅު ނުކުރައްވާ އަވަސް އަވަހާ ވަޑައިގެންނެވީ އެވެ. އާ ރައީސް ވަޑައިގެންނެވީ ރައީސް އޮފީހަށެވެ. އެމަނިފާނު ގައުމާ މުހާތަބު ކުރެއްވުމަށްފަހު ގެއަށް ވަޑައިގެން ހިލާލީގޭގައި އޮތް ސައިފޮދެއްގައި ސިޔާސީ ޕާޓީތަކުގެ ވެރިންނާއެކު ގައުމީ އެއްބައިވަންތަކުގެ ސަރުކާރެއް އެކުލަވައިލަން މަޝްވަރާ ކުރައްވަމުން ގެންދެވި އިރު ހިލާލީގޭގައި ރައީސަށް ހާއްސަ ކުރެއްވިފައިވާ ކޮޓރިކޮޅުގައި އޮތް ރައީސްގެ ފޯނު "ހަޅޭއްލަވަމުން" ދެއެވެ. ކަނޑައި ނުލައި ގުޅުއްވަމުން ގެންދެވީ އަވަށްޓެރި ގައުމެއްގެ ހައިކޮމިޝަނަރެވެ. ރައީސް ވަހީދަކަށް އެކަން އެނގިވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް އަނބިކަނބަލުން އިލްހާމަށް އެނގިވަޑައިގަންނަވަ އެވެ. ރައީސް ކަމުގެ ފުރަަތަމަ ދުވަހު ރައީސް މުހިންމު ބައްދަލުމެއްގައި އިންނެވުމުން އެކަމަނާ ވެސް އެ ފޯނެއް ނުނަންގަވަ އެވެ. ނަމަވެސް ހައިކޮމިޝަނަރުގެ ކޯލު އެންމެ ފަހު ރައީސްގެ އަނބިކަނބަލުންގެ ފޯނަށް އަންނަން ފެށުމުން ޖެހިވަޑައިގަތީ ފޯނަށް ޖަވާބު ދެއްވާށެވެ.
"ވަރަށް މުހިންމު ކަމަކު ރައީސާ ބައްދަލުކޮށްލަން ބޭނުންވެ އެވެ! އަޅުގަނޑުގެ މި މެސެޖް ރައީސަށް ފޯރުކޮށްދެއްވި ދާނެތޯ އެވެ؟" އަވަސް އަރުވާލައްވާފައި ހައިކޮމިޝަނަރު ވިދާޅުވި އެވެ.
ރައީސް އިންނެވީ ބައްދަލުވުމެއްގައި ކަމަށް އަނބިކަބަލުން ދެންނެވުމުން އެހާ އަވަށް ވިދާޅުވި އެވެ. "ރައީސް ނަޝީދު ފުރުވާލަން އަޅުގަނޑު އެބަ ބޭނުންވެ އެވެ! މަނަވަރެއް މިހާރު ތައްޔާރަށް އެބައޮތެވެ، އެެހެންވެ ނަޝީދު ފުރުވާލަން ވެގެން އެވާހަކަ ރައީސާ ދައްކާލަންވެގެނެވެ! މި މެސެޖް ރައްދު ކޮށްދެވިދާނެ ހެއްޔެވެ؟"
"ވަހީދު އިންނެވީ މީޓީންއެއްގަ އެވެ! ބައްދަލުވުމުން ނިމިވަޑައިގަތުމުން ތިޔަ މެެސެޖް އަޅުގަނޑު އަރުވާނަމަވެ!"
އެހެން ނަމަވެސް އެ ވާހަކައެއް ރައީސް އަރިހު އިލްހާމް ނުދަންނަވަ އެވެ. އެެހެން ދިމާވީރައީސްގެ ބައްދަލުވުން ނިމުނީ ރޭގަނޑު ވަރަށް ވެސް ލަސްވި ފަހުންނެވެ.
ދެން އައީ ފެބުރުއަރީ 8 އެކެވެ، ބޮޑު ހިނގާލުމުގެ ތަޅައިލުންގަނޑު ނިމި ހުޅުޖެހި ތަންތަންން އަނދައި ހުލިވަނީ އެވެ. މާލޭގެ ބޮޑުބައެއް ކަރުނަ ގޭހުން ދޮވެލައި މުޅި ރާއްޖެ އެކަމުގެ ސިހުމުގެ ތެރޭގައި އޮއްވާ އަވަށްޓެރި ގައުމުގެ އެ ހައިކޮމިޝަނަރު ކުއްލި ގޮތަކަށް ރައީސް ހުންނަވާ ހިލާލީގެއަށް ވަޑައިގެން ރައީސާ ބައްދަލު ކުރައްވައިފި އެވެ.
އޭނާގެ އެ ބައްދަލުވުން ރައީސާއެކު ކުރިޔަށް ދިޔައީ ވަރަށް ސިއްރުކޮށް ހިލާލީގޭގެ ކޮންފަރެންސް ރޫމުގަ އެވެ. އެ ބައްދަލުވުން ފެށުމާއެކު ހައިކޮމިޝަނަރު ރައީސް ވަހީދަށް ދެންނެވި އެވެ:
"ރައީސް ބޭނުންފުޅިއްޔާ އަޅުގަނޑުމެނަށް ރައީސް ނަޝީދު އަޅުގަނޑުމެންގެ ގައުމަށް ގެންދެވިދާނެ!"
"އެހެންތޯ؟" ހައިރާންފުޅުވެ ވަޑައިގެން އިންނަވާ ރައީސް އެއްސެވި އެވެ. "ގެންދާނީ ކިހިނެއް؟"
"އެއީ އެއްވެސް ކަމެއް ނޫން، ހަމަ އެއްވެސް ފަރާތަކަށް އެނގުމެއް ނެތި ރާއްޖެއިން އަޅުގަނޑުމެނަށް އޭނާ ގެންދެވިދާނެ!"
"އިންސާފު" ގައި ބުނެފައި ވަނީ ހައިކޮމިޝަނަރުގެ ވާހަފުޅުގައި ނަޝީދު ގެންދާނީ ރާއްޖެއަށް ހާއްސަ ޖެޓެއް ފޮނުވައިގެން ކަމަށް ރައީސް ވަހީދަށް ހީފުޅު ކުރެއްވުނެވެ. އަދި އެ ގައުމުގެ ދެ މަނަވަރެއް ވެސް ކައިރީގައި އޮތް ކަމަށް ރައީސަށް އެނގިވަޑައިގެންފައިވާތީ އެއީވެސް ގޮތެއް ކަމަށް ލަފާ ކުރެއްވުނެވެ. ރައީސް ނަޝީދު އެގޮތަށް "ޖަހައިގަނެގެން" ގެންގޮސްފިނަމަ އެކަން އެނގޭ ހިސާބުން ރައްޔިތުންނަށް ޖަވާބުދާރީވާނެ ގޮތަކާ މެދުވެސް ރައީސްގެ ހިތްޕުޅުގައި ސުވާލު އުފެދުނެވެ. ބޭރުގ ގައުމަކުން އައިސް ދިވެހި ރައްޔިތަކު އެހެން އުފުލާލައިގެން ގެންދިއުމުގެ ފުރުސަތު ދިނުމަކީ ރައީސަށް ވެސް ލިބި ވަޑައިގަންނަވާ ބާރަކަށް ނުވާތީއާއެކު ދެންނެވި އެވެ:
"އަޅުގަނޑު ޔަގީން ކޮށްދެމެވެ، ރައީސް ނަޝީދަށް އެއްވެސް ގެއްލުމެއް އަދި މިތާނައި އޭނާއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަކަ ނުދޭނަމަވެ،"
"ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ގާނޫނީ ގޮތުން އަރުވަންޖެހޭ ހުރިހާ ހިމާޔަތެއް ރައީސް ނަޝީދަށް އަރުވާނަން. އެހެންވީމާ ކޮންމެހެން އޭނާ ގެންދާކަށް އަޅުގަނޑަކަށް ނުފެނޭ" ރައީސް ވިދާޅުވި އެވެ.
ފެބުރުއަރީ 7 ގައި އަވަސް ކޮށްލައިގެން މުލިއާގެއިން ނުކުންނަށް ނިންމެވީ އެ ދަތުރު ރޭވެމުންދާތީ ކަމަށް ވެސް ވެދާނެ އެވެ. އެހެން ނުވީ ކަމަށްވެސް ވެދާނެ އެވެ. އެ ދުވަހު އެ ހައިކޮމިޝަނަރު ބޭނުންފުޅުވި ގޮތަށް ރައީސް ވަހީދު ދޫކޮށްލެވި ނަމަ ރައީސް ނަޝީދު ގެންދެވުނީހީ ފުރަތަމަ އައްޑުއަށް ކަމަށް ބެލެވެ އެވެ. ސަބަބަކީ އިޝާރާތް ކުރި ދެ މަނަވަރު އޮތީ ދެކުނުން އައްޑު އަތޮޅާ ވަރަށް ކައިރީގަ އެވެ.