ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ވާޖިބަކަށް ހެދީ ގައުމު އަމާން ބަނދަރަކަށް ގެންދަން: ވަހީދު

ވެރިކަމާ ހަވާލުވެވަޑައިގެންނެވީ، ގާނޫނު އަސާސީން އެކަން ލާޒިކުރާތީ ކަމަށާއި އަމާޒަކަށްވީ ގައުމު ދާހިލީ ހަމަނުޖެހުމަކަށް ވެއްޓުނަނުދީ އަމާން ބަނދަރަކަށް ގެންގޮސްދިނުން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

"އިންސާފު"ގެ ނަމުގައި ރޭ ރައީސް ވަހީދުގެ ބަޔޮގްރަފީ ނެރުމަށް ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ، ގައުމު ގޮވާލާ ވަގުތުގައި ފަސް ޖެހިގެން ނުވާނެ ކަމަށާއި ގައުމަށް ހިދުމަތްކުރުމަކީ ވާޖިބެއް ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ހިދުމަތަށް މި ގައުމު ދެ ފަހަރެއްގައި ގޮވާލި ކަމަށް ވިދާޅުވި އެވެ. އެއީ، ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހާއި އެމަނިކުފާނުގެ ދައުރުގެ ފަހު ދުވަސް ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުން އިންތިހާބުކުރި ފުރަތަމަ ރައީސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވާ ނިކުމެވަޑައިގަތުމުން އަޅުގަނޑު އެ ހޫނު ގޮނޑީގައި އެ ދުވަހު އިށީންނަން ޖެހުނީ، އެ ދުވަހު އަޅުގަނޑު އަމަލުކުރީ ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ގޮތަށް،" ރައީސް ވަހީދު ވިދާޅުވި އެވެ. "އެ ދުވަހު އަޅުގަނޑުގެ އެންމެ އިސް ވާޖިބަކަށްވީ ދިވެހި ރާއްޖެ ދާހިލީ ހަމަނިޖެހުމެއްގެ ތެރެއަށް ވެއްޓުނަ ނުދީ ގައުމު ހަމަހިމޭން ބަނދަރަކަށް ގެންގޮސްދިނުން،"

އެމަނިކުފާނުގެ ދައުރުގެ ފަހު ދުވަހު ވެސް ދިމާވީ ވަރަށް ނާޒުކު ހާލަތެއް ކަމަށާއި އެ ދުވަހު ވެސް އެމަނިކުފާނު އަމަލުކުރެއްވީ، ގާނޫނު އަސާސީ އާއި ގާނުނުގެ ތެރެއިން ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތަށް ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ ވެރިން ވެސް ރައްޔިތުން ވެސް ގާނޫނު އަސާސީއަށް ތަބާވާން، ގާނޫނުގެ ތަރަހައިގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަން،" ރައީސް ވަހީދު ވިދާޅުވި އެވެ.