ރިޕޯޓް

ނަޝީދު މިރޭ ވަޑައިގަންނަވަނީ ހަޔާތް ބަދަލުކޮށްލި ގާޒީގެ ކުރިމައްޗަށް

ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި މިރެޔަކީ ބޮޑު ރެއެކެވެ. އެ މަނިކުފާނު މިރޭ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ އެ މަނިކުފާނުގެ ސިޔާސީ ހަޔާތް އެކޮޅުކޮޅުން ޖެހުނު ސަބަބު ކަމަށްވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ އެވެ. ސަރުކާރުގެ ތަހުގީގު ޖަލު، ދޫނިދޫން މިރޭ ނަޝީދު ވަޑައިގަންނަވަނީ އަބްދުﷲ ގާޒީގެ ކުރިމައްޗަށެވެ. އަދި އަބްދުﷲ ގާޒީ މިރޭ ނަޝީދާ ދެކޮޅަށް ހެކިބަސް ދެއްވާނެ އެވެ.

އަބްދުﷲ ގާޒީ އަށް ކޯޓާ 100 ފޫޓަށް ވެސް ކައިރި ނުވެވޭނެ ކަމަށާއި އަލުން ވެރިކަން ލިބުނަސް އަދިވެސް ހައްޔަރު ކުރާނެ ކަމަށް ވިދާޅުވި ނަޝީދު މިރޭ އަބްދުﷲ ގާޒީއާއެކު ކްރިމިނަލް ކޯޓްގެ ކުޑަކުޑަ ކޯޓު ރޫމު ތެރޭ ތިއްބަވަން ޖެހިވަޑައިގަންނަވާނީ ގާތްގަނޑަކަށް ހަތަރުކަޅި ހަމަވާ ގޮތަށް ކުރިމަތިލައްވައިގެންނެވެ. މިއީ އަބްދުﷲ ގާޒީ ހައްޔަރުކުރި ފަހުން ނަޝީދުއާ އެއް ހާޒިރެއްގައި ތިއްބަވާނެ ފުރަތަމަ ފަހަރެވެ. ހާއްސަ ވަގުތުކޮޅެވެ. ދެ ބޭފުޅުންގެ މި އާދަޔަހިލާފު ވަގުތުކޮޅު މި އަންނަނީ ސިފައިން ފޮނުވައިިގެން ހައްޔަރުކުރިތާ ތިން އަހަރާ އެއްމަސް ދުވަސް ފަހުންނެވެ.

މީގެ ކުރިން ނަޝީދު އާއި އަބްދުﷲ ގާޒީ ބައެއް ފަހަރު ދިމާވެފައި ވިޔަސް ރަސްމީ ސިފައެއްގައި ބައްދަލުވެފައެއް ނުވެ އެވެ. އެންމެފަހުން މި ދިމާވަނީ ނަޝީދުގެ ހަޔާތަށް އަނެއްކާވެސް ބޮޑު ބަދަލެއް ގެނުވަފާނެ ޝަރީއަތެއްގައި ނަޝީދު ވަރަށް ނިކަމެތި ވެފައި ވަނިކޮށެވެ. އެމަނިކުފާނުގެ އަރިހުގައި ގާނޫނީ ވަކީލެއް ނެތެވެ. ދިފާއެއް ނެތެވެ.

ނަޝީދު މިރޭ ވެސް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ހުދު ގަމީސްކޮޅުގައި ރީނދޫ ޓައީ އަޅުއްވައިގެނެވެ. އަބްދުﷲ ގާޒީ ވެސް މިރޭ ވަޑައިގަންނަވަނީ އާދަވެ ތުރު ކުރުރައްވާ ހުދުގަމީހާއި ކަޅު ފަޓުނޫގައި ކަމަށް ބެލެވެ އެވެ. ކޮންމެ ގޮތެއް ވިޔަސް މިރޭ އަބްދުﷲ ގާޒީ ނަޝީދާ ދެކޮޅަށް ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވޭއިރު މިރޭ އެ ވަޑައިގަންވަނީ އެ ގާޒީގެ ކޯޓަށެވެ.

ނަޝީދުގެ ވެރިކަން ވެއްޓުނީ ގާނޫނާ ހިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގެންގުޅެން ފެށުމުން އިދިކޮޅު ސިޔާސީ ފަރާތްތަކުން ފެށި މުޒާހަރާ ހޫނުވެ އެއިން ފަޅައިގެންދިޔަ ހުޅުގަނޑުގެ ތެރެއިން އައި އެތައް ކަމެއްގެ ތެރެއިންނެވެ. އޭގެ ފަހުން އަންނަ މި ކުރިމަތިލުން ވެގެންދާނީ ތާރީހީ އަދި ހާއްސަ ވަގުތުކޮޅަކަށެވެ.

ރައީސް ނަޝީދާއި އަބްދުﷲ ގާޒީއަކީ މިޒާޖުގެ ގޮތުން ވަރަށް ތަފާތު ދެބޭފުޅުންނެވެ. އަބްދުﷲ ގާޒީއަކީ ވާހަކަ މަދު މަޑުމައިތިރި އަދި އާދަވެ އިސް ތިރި ކުރައްވައިގެން ހުންނަވާ ބޭފުޅެކެވެ. ރައީސް ނަޝީދަކީ ވާހަކަ ގިނަ، ދޫފަސޭހަ ބޭފުޅެކެވެ. އެހެން ކަމުން މިރޭގެ މިވަގުތުކޮޅަށް މުޅި ރާއްޖެ އޮތީ އިންތިޒާރު ކޮށްގެނެވެ.