ރީކޯ މޫސާ މަނިކު

އެމްޑީޕީގެ ދަފްތަރުން ރީކޯ މޫސަ އާއި އަލްހާން އުނިކޮށްފި

އެމްޑީޕީގެ ދަފްތަރުން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އުނިކޮށްފި އެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު މުހައްމަދު ޝަކީލް މިރޭ ވިދާޅުވީ، މޫސަ އަދި އަލްހާން އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާކަން އަންގައި މިއަދު އެމްޑީޕީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެމްޑީޕީއިން ރީކޯ މޫސައަށް ފިޔަވަޅު އަޅައި، އޭނާ ޕާޓީ ވަކިކުރަން ނިންމީ، އޭރުގެ އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒް ހުސައިނާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު މުއުތަސިމް އަދްނާން އެ ކޯޓުން ވަކި ކުރަން ނެގި ވޯޓުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ކަނޑައެޅި ވިޕާ ހިލާފުވި މޫސަ ވޯޓު ދެއްވި މައްސަލައެއްގަ އެވެ.

އަލްހާން ޕާޓީން ވަކިކުރަން ފިޔަވަޅު އަޅާ ކޮމެޓީން ނިންމީ، އެ ޕާޓީއަށް ގެއްލުންވާ ގޮތަށް އަލްހާން ވާހަކަ ދައްކައި، އެފަދަ އަމަލުތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ ގައުމީ މަޖިލީހުގެ 50 މެންބަރަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ނިންމުމާ ހިންހަމަނުޖެހި އެކަން އެމްޑީޕީގެ އިސްތިއުނާފު ކޮމެޓީއަށް އަލްހާން ހުށަހަޅާފައިވެސް ވެ އެވެ.

މޫސަ އަދި އަލްހާންއަށް އަލުން ޕާޓީއަށް ވަދެވޭނީ މާފަށް އެދިވަޑައިގަތުމުން ކަމަށް އެ ޕާޓީން ބުނެފައިވާއިރު މާފަށް އެދޭވަރުގެ ކަމެއް ކޮށްފައިނުވާނެ ކަމަށް އެ ދެ ބޭފުޅުން ވެސް ވަނީ ވިދާޅުވެފަ އެވެ. އެ ދެ ބޭފުޅުންނަކީ ވެސް އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ހޯދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ދެ ބޭފުޅުންނެވެ.