ރިޕޯޓް

އިންޑިޔާގައި ރާއްޖެ އިޝްތިހާރު ކުރާކަށް ނުވޭތަ؟

  • އިންޑިޔާއަށް ދަތުރު ފެށުމުން ފުރުސަތު ބޮޑު
  • ޓޫރިސްޓުން އިތުރު ކުރަން އިޝްތިހާރު ކުރަން ޖެހޭ
  • އިންޑިޔާ ފިލްމީ ދާއިރާގައި އިޝްތިހާރު ކުރަން ޖެހޭ

އިންޑިޔާގައި ދާދި ފަހުން ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުން ދިމާވި ހާދިސާ އެކެވެ، ކޯޓުލާފައި، ވަރުގެ ކޮޅަށް ނަލަ ހެދިގެން ތާޖު ހޮޓަލުން ދިމާވި މީހެކެވެ. އޭނާ އަހާލީ އަހަރެން ކޮން ގައުމެއް ހެއްޔެވެ؟ އަހަރެން ދިވެހިރާއްޖެއޭ ބުނީމެވެ. ޖަވާބުގައި އެ މިހާ ބުނީ "އޯކޭ މޮރިޝަސް ދޯ" އޭ މިހެންނެވެ. އަދި މޮރިޝަސް އަކީ ރީތި ގައުމެކޭ ބުންޏެވެ. އަހަރެން އަނެއްކާ ވެސް މޮރިޝަސް އެއް ނޫނޭ ބުނީމެވެ؛ ޖަވާބުގައި އޭނާ ބުނީ ރާއްޖެ އޮންނަނީ ކޮން ތަނަކު ހެއްޔެވެ؟ ސުވާލަކީ އިންޑިޔާގައި އިންވެސްޓްމަންޓް އިޝްތިހާރު ކުރާއިރު އެ ގައުމު ރާއްޖޭގެ ޓޫރިޒަމަށް ހުޅުވާލުމަށް މަސައްކަތް ކުރަން ނުވޭ ހެއްޔެވެ؟ އިންޑިޔާގައި އޮތީ ހަމައެކަނި އިންވެސްޓް ފުރުސަތުތައް އެކަންޏެއް ނޫނެވެ. ޓޫރިޒަމަށް އެ ގައުމު އިންޑިޔާ އޮތީ ތަންމިނަށް ހުޅުވިފަ އެވެ.

"އިންޑިޔާއަކީ 20 މިލިއަން މީހުންގެ މާކެޓެއް. އެ ގައުމުގައި އެބައޮތް އެތެރޭގައި ދަތުރުކުރާ 300 މިލިއަން މީހުން. މި މީހުންނަނީ ރާއްޖެ ފަދަ ގައުމުތަކަށް އާދެވޭ ފެންވަރުގެ މީހުން. އެހެންވެ މި މާކެޓު ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ،" ޓޫރިޒަމް ޕީއާރު ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގެޓަވޭސްގެ މެނޭޖިން ޑިރެކްޓަރު އަހުމީމް އަބްދުއް ރައްޒާގު ވިދާޅުވި އެވެ

ރާއްޖޭގެ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2010 ވަނަ އަހަރު، އިންޑިޔާ އިން ރާއްޖެ އަށް ޒިޔާރަތް ކުރީ 25،556 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރުގެ އޮކްޓޫބަރު މަހަށް ބަލާއިރު، މި އަދަދު ވަނީ 50،369 މީހުންނަށް އިތުރުވެފަ އެވެ. އެއީ މި އަހަރު އެކަނި ރާއްޖެއަށް ޒިޔާރަތް ކުރި 39،848 މީހުންނާ އަޅާބަލާއިރު ގާތްގަނޑަކަށް 26.4 ޕަސެންޓް އިތުރު އަދަދެކެވެ. މި އަދަދަށް އިންޑިޔާ އިން ރާއްޖެ އަށް ޓޫރިސްޓުން އިތުރުވެފައި މިވަނީ ރާއްޖެ އެގައުމުގައި ޑެސްޓިނޭޝަން ފެންވަރުގައި އިޝްތިހާރު ކުރުމެއްނެތި އެވެ. އަދި މި މުއްދަތުގައި އެ ގައުމުން ރާއްޖެއަށް ސީދާ އާދެވޭނެ ގޮތެއްނެވެ. އަދި އިންޑިޔާ ރާއްޖެއާ އިން ވެގެން އޮތް ނަަމަވެސް އެ ގައުމުގެ ބޭރަށް ދަތުރުކުރާ އާބާދީގެ ބޮޑު ބަޔަކަށް ރާއްޖެ އެއްގޮތަކަށް ނޭނގެ އެވެ. ހާއްސަކޮށް ރާއްޖެ އަންނަން އިންޑިޔާ މީހުންނަށް ލިބޭ ވިސާގެ ފަސޭހަކަމާއި، ރާއްޖޭގައި އިންޑިޔާ ޓޫރިސްޓުންނަށް ހުރި ފުރުސަތުތައް އެނގެމުން ނުދެ އެވެ.

މި ހިސާބުން އަނެއްކާވެސް އިންޑިޔާ އަށް އިންވެސްޓްމަންޓް ފޯރަމްގައި ކުރި ދަތުރުކުރި ދިމާވި އެހެން ހާދިސާ ހިއްސާ ކޮށްލާނަމެވެ. ނިއުދިއްލީ، ބައިނަލް އަގުވާމީ ވައިގެ ބަނދަރުން ރާއްޖެ އަންނަން ފުރަން ވެގެން ދިޔައީ އަތުގައި ހުރި އިންޑިޔާ ފައިސާ ކޮޅު ޑޮލަރަށް ބަދަލުކޮށްލާށެވެ. މަޝްހޫރު "ތޯމަސްކުކް" ގެ މަނީ އެކްސްޗޭޖް ކައުންޓަރަކެވެ. އެ ކައުންޓަރުގައި ހުރި މުވައްޒަފު އެހީ އަހަރެމެންގެ ވިސާ ކޮބައި ހެއްޔެވެ؟ ވިސާ ނެތީއްޔާ، ފައިސާ މާރުކޮށްދޭން އޭނާ ފަހަތު ފަޔަށް ބުރަވި އެވެ. މައްސަލައަކީ އޭނާ އަށް އިންޑިޔާ އަށް ދާ ދިވެހިން ނަށް ވިސާގެ ފަސޭހަކަން އޮތްކަން ނޭނގުމެވެ. ނަމަވެސް އިންޑިޔާ މީހުންނާއި ދިވެހިންނަށް ދެ ގައުމަށް ދާން ފަސޭހަ ގޮތް ތަކެއް ހުރި ވާހަކަ ބުނުމުން އޭނަ ހުރީ ހައިރާންވެފަ އެވެ.

އިޝްތިހާރު ކުރަންވީ ސިނަމާގައި- ބޮލީވުޑްގަ

މީގެ މައިގަނޑު ސަބަބެއް ކަމަށް ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކުން ބުނަނީ އިންޑިޔާގައި ރާއްޖެ އިޝްތިހާރު ކުރެވެމުން ނުދިއުމެވެ. ހާއްސަކޮށް ހޮލީވުޑްގެ މަޝްހޫރު ތަރިންނާއި އިންޑިޔާގެ ފިލްމު ބަލާ ބޮޑު ކޮމިއުނިޓީ އަށް ޓާކެޓުކޮށް ރާއްޖެ އިޝްތިހާރު ކުރަން ޖެހެ އެވެ. ނަމަވެސް އެހެން ގައުމުތަކުން ދަނީ އިންޑިޔާ ޓޫރިސްޓުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ނަތީޖާ އެ ގައުމުތަކަށް ފެންނަމުން ވެސް ދެ އެވެ. ހާއްސަކޮށް އަވަށްޓެރި ގައުމުތަކާއި އާސިއާންގެ ގައުމު ތަކަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ ބޮޑު ބައެއް އިންޑިޔާ އިން ހިއްސާ ކުރެ އެވެ.

އަވަށްޓެރި ސްރީލަންކާގެ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ސްރީލަންކާ އަށް އެންމެ ގިނަ އިން ޓޫރިސްޓުން ދަނީ އިންޑިޔާއިންނެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 288،636 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު އިންޑިޔާއިން ދިޔަ 251،481 ޓޫރިސްޓުންނާ އަޅާބަލާއިރު 14 ޕަސެންޓް އިތުރުވުމެކެވެ. އަދި ފިލިޕީންސްއަށް މިދިޔަ އަހަރު އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރި 12 ގައުމުގެ ފަސް ވަނާގައި އޮތީ އިންޑިޔާ އެވެ. އަދި ތައިލެންޑު ފަދަ ގައުމުތަކަކީވެސް އިންޑިޔާ ޓޫރިސްޓުން ގިނަ އަދަކަށް ދާ ގައުމުތަކެވެ. މީގެ ސިއްރަކީ އިންޑިޔާގެ ބައިސްކޯފު، ނުވަތަ ސިނަމާތަކުގައި މި ގައުމުތަކުގެ އިޝްތިހާރުތައް ފެނުމެވެ. ހާއްސަކޮށް އިންޑިޔާގެ ފިލްމު ބެލުމަށް ޝައުގުވެރިވާ އެތައް ބިލިއަން މީހުންގެ އާބާދީއަށް ޓާކެޓުކޮށް ފިލްމު ފެށުމުގެ ކުރިން ގައުމުތަކުގެ ޑެސްޓިނޭޝަން އިޝްތިހާރު ފެންނަން ފެށުމެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޑްޓް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ އިންޑިޔާއިން ރާއްޖެއަށް ބައިލައްކަ ޓޫރިސްޓުން އައި ނަމަވެސް މިއީ މަދު އަދަދެއް ކަމަށެވެ.

"އިންޑިޔާ މާކެޓު ހޯދުމަށް އެހެން ގައުމުތަކުން ގިނަ މަސައްކަތް ތަކެއް ކުރޭ. މިސާލަކަށް ސްރީލަންކާ. ސްރީލަންކާގެ ޓޫރިޒަމް އިޝްތިހާރު މުންބާއީ ފަދަ ގައުމުތަކުގެ ބަސްތަކުގައި ވެސް އެބަހުރި. މޮރިޝަސް އަށް ބަލާއިރު އެ ގައުމަށް އިންޑިޔާ އިން އެކަނި ވެސް އެއްލައްކަ ޓޫރިސްޓުން އާދެ. އެހެންވެ ރާއްޖެ އަށް މިއަށް ވުރެ ރަނގަޅު ކުރެވެން ޖެހޭ،" އަބްދުﷲ ވިދާޅުވި އެވެ.

ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި މޯލްޑިވްސް ގެޓަވޭސްގެ ސީއޯއޯ ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވީ ބޮލީވުޑް މެދުވެރިކޮށް އިޝްތިހާރު ކުރުމުން އިންޑިޔާއަށްދާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވާ ކަމަށެވެ.

"ބޮލީވުޑް ތްރޫކޮށް މާކެޓު ކުރުމުން ވަރަށް ރަނގަޅު ފައިދާއެއް ލިބޭ ގައުމުތައް އެބަހުރި. މިސާލަކަށް ދިއްވާލޭ، ދުލްހަނިޔާ ލޭޖާންއެގޭ ފިލްމު ސުވިޓްޒަލޭންޑުގެ ލަވައެއް އެ ގައުމުގެ ޓޫރިޒަމަށް ބޮޑު ފައިދާއެއް ކުރި. އިންޑިޔާއިން ސުވިޓްޒަލޭންޑަށް ދިޔަ މީހުންގެ އަދަދު އިތުރުވި. ޝާހް ރުކްހާންގެ ދިލްވާލޭގެ ލަވައެއް އައިސް ލޭންޑުގައި ނެގުމުން ދުވަހަކު ކުރިނާރާ ވަރަކަށް އެ ގައުމަށް މިހާރު އިންޑިޔާ މީހުން އެބަދޭ،" ސަނީ ވިދާޅުވި އެވެ.

އިންޑިޔާ ސީދާ ފްލައިޓް- ކުރިއެރުމެއް!

އިންޑިޔާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުން އިތުރު ކުރަން ޖެހޭ ސަބަބަކީ އިންޑިޔާ އަށް ރާއްޖޭން ޑައިރެކްޓް ފްލައިޓް އަޅަން ފެށުމެވެ. ރާއްޖޭގެ އެއާލައިނެއް ކަމަށްވާ މެގަ މޯލްޑިވްސްއިން ވަނީ އިންޑިޔާގެ ނިއުދިއްލީއަށް ފްލައިޓްތައް ފަށައި، އަންނަ މަހު މުންބާއީ އަށް ސީފާ ފްލައިޓްތައް ފަށަން ތައްޔާރު ވަމުންނެވެ. އަދި މޯލްޑިވިއަންވެސް ދަނީ ފްލައިޓް ފަށަން ތައްޔާރުވަމުންނެވެ.

މެގަ މޯލްޑިވްސްގެ ޑިރެކްޓަރު މިފްޒާލް އަހުމަދު ވިދާޅުވެފައިވާ ގޮތުގައި ނިއުދިއްލީ ފްލައިޓްތަކުގެ ސަބަބުން އިންޑިޔާ ޓޫރިސްޓުން އިތުރު ވެގެންދާނެ ކަމަށެވެ.

"އިންޑިޔާއަކީ އެންމެ ގިނައިން ޓޫރިސްޓުން އިތުރުވާ އެއް ގައުމު. މިދިޔަ ތިން އަހަރު ތެރޭގައި 20-25 ޕަސެންޓް ވަރު އިންޑިޔާ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފައި. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި އިންޑިޔާ މާކެޓު ވެސް ޗައިނާ މާކެޓު ގޮތަށް ވާނެ ކަމަށް ބެލެވޭ. ކުރިން މީހުން ހިއެއް ނުކުރޭ ޗައިނާ އިން އެހާ ގިނަ މީހުން އަންނާނެ ކަމަށް. އިންޑިޔާ އިން ވެސް އަންނަ އަހަރު ބޮޑެތި ނަމްބާސް އަންނާނެ،" މިފްޒާލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނިއުދިއްލީ- މުންބާއީ ރާއްޖެ އަށް ސީދާ ފްލައިޓް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ޓޫރިސްޓުން އިތުރުވާނެ ކަމެއް ކަމަށެވެ.

"މީގެ ސަބަބުން އިންޑިޔާ މާކެޓު ވަރަށް ބޮޑު ފުރުސަތު ތަކެއް ހުޅުވިގެންދާނެ،" މިފްޒާލް ވިދާޅުވި އެވެ.

އިންޑިޔާ އޮތީ ރާއްޖެއާ ޖެހިގެންނެވެ. އެހެންވެ ރާއްޖެއަށް ޓޫރިޒަމުން ގިނަ ފައިދާތަކެއް ނެގިދާނެ އެވެ. ނަމަވެސް އެކަން ކުރުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން ގައުމު އިޝްތިހާރު ކުރަން ޖެހެ އެވެ.