ގައުމީ ދުވަސް

ރައީސްގެ ގޮވާލެއްވުން: ގައުމީ ލޯބި އިތުރުކޮށްދެއްވާ

  • ގައުމަށް ޓަކައި ގުރުބާންވާ ޖެހޭ
  • ގައުމީ ލޯތްބަށް ބަދަލެއް އައިސްގެން ނުވާނެ
  • އަބްތޯލުންގެ ހަޔާތުން އިބުރަތް ހާސިލްކުރަން ގޮވާލި

ގައުމު ދެކެ ލޯބިވުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައި ދިރިގެން އަންނަ އެންމެ މަތިވެރި ޝުއޫރު ކަމުގައި ހަދަންޖެހޭ ކަމަށާއިޒަމާނެއްގެ ކޮޅުންވެސް އެ ލޯތްބަށް ފަނޑުކަމެއް އަޔަ ނުދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ނެރުއްވި ހިތޯބުގައި ވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް އަގުހުރި ނަސޭހަތުގެ ބަސްކޮޅެއް ފޮނުވާފަ އެވެ. ރައީސް ވަނީ ގައުމުގެ އެއްބައިވަންތަކަމަށް ލޮޅުންއަރާފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދިނުމަށާއި، އަންނަންއޮތް ޖީލުތަކަށް މި ގައުމު ވާސިލުކޮށްދޭން ވާންޖެހުނު ކޮންމެ ގުރުބާނީއެއްވާން ފަސްނުޖެހުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ، މިއަދުގެ ޒުވާނުންނާއި، އަންނަންއޮތް ޖީލުތަކުން، ގައުމީ އަބްތާލުންގެ ގުރްބާނީތަކުން އިބްރަތް ހާސިލުކޮށް، ގައުމައިގެން ކުރިއަށްދިއުމުގެ އާ އަޒުމްތަކެއް ކަނޑައަޅަންޖެހޭ ކަމަށެވެ. ދިވެހި ކޮންމެ ރައްޔިތަކީ، ގައުމަށްޓަކައި ގުރުބާންވި އަބްތޯލުން ފަދައިން ގައުމު ދެކެ އިންތިހާއަށް ލޯބިވާ ބަޔަކަށް ވާންޖެހޭނެ ކަމަށާއި އެ ލޯތްބަށް ދުވަހަކުވެސް ފަނޑުކަމެއް އަޔަދީގެން ނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"..މި ލޮބުވެތި ގައުމަށްޓަކައި ފަހުރުވެރިވުމާއި، ގައުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރްބާނީއެއް ވުމާއި، ގައުމުދެކެ ލޯބިވުމަކީ، އަޅުގަނޑުމެންގެ ގައުމީ އަބްތޯލުން ފަދައިން ކޮންމެ ދިވެހި ފަރުދެއްގެ ހިތުގައި ދިރިގެން އަންނަ އެންމެ މަތިވެރި ޝުއޫރު ކަމުގައި ވާންޖެހޭނެ، އަދި، ޒަމާނެއްގެ ކޮޅުންވެސް މި ކަންކަމަށް ބަދަލެއް ނާންނާނެ މިންވަރަކަށް މިކަން އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައި އޮންނަންވާނެ،" ރައީސްގެ ހިތޯބުގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ގައުމީ ދުވަހަކީ ހިޖުރައިން ރަބީއުލް އައްވަލް މަހުގެ އެއްވަނަ ދުވަހެވެ. އެއީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވީ ދުވަހެވެ.