ޑރ. އަހުމަދު ޒިޔާދު ބާގިރު

ޒަކާތް ދައްކަނީ ދައްކަންޖެހޭ މީހުންގެ 10 ޕަސެންޓް

މުދަލުގެ ޒަކާތް ދައްކަނީ ނިސޯބު ހަމަވާ މީހުންގެ 10 ޕަސެންޓް ކަމަށާއި ރާއްޖެ ފަދަ ސައްތައިން ސައްތަ ގައުމެއްގައި ޒަކާތް ފަދަ އަޅުކަމަކަށް ފަރުވާކުޑަކޮށްލައިގެން ތިބުމަކީ ހިތާމަ ހުރި ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ވިދާޅުވެއްޖެ އެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އަލަށް ފޮނުވާ ހަ ކުއްޖަކަށް އެކަމުގެ ލިޔުން ދިނުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޒިޔާދު ވިދާޅުވީ، ޒަކާތަކީ އިސްލާމް ދީނުގެ އެންމެ މާތް އެއް ރުކުނަށް ވާއިރު، މުދަލުން ޒަކާތް ދައްކަނީ ޒަކާތް ދައްކަންޖެހޭ މީހުންގެ 10 ޕަސެންޓް ކަމަށެވެ. އެއީ މުސްލިމުންގެ ގޮތުގައި ތިބެ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށާއި ޝަރުތު ހަމަވާ މީހާ އެ ރުކުން ފުރިހަމަ ނުކުރާހާ ހިނދަކު އިސްލާމްކަން ފުރިހަމަ ނުވާ އެރުކުން ފުރިހަމަ ކުރުމަށް މިނިސްޓަރު ޒިޔާދު އިލްތިމާސް ކުރެއްވި އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

ޒިޔާދު ވިދާޅުވީ މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި ފަރާތްތަކުގެ ދަތި ފިލުވުމަށް ދައުލަތަށް އެހީވާން ތިބި ބަޔަކީ އެ މުޖުތަމައެއްގައި ދިރިއުޅޭ ރައްޔިތުން ކަމަށެވެ.

"މުޖުތަމައުގެ ލާބަޔަށް ސަރުކާރުން މުހިއްމު މަސައްކަތްތައް ކުރަމުންދާއިރު، ސަރުކާރަށް އެހީތެރިވާން ތިބޭނެ ބަޔަކީ ރައްޔިތުން. މުޖުތަމައުގައި ހުރި މިފަދަ ކަންކަން ރަނގަޅުކުރެވޭނީ އެހީތެރިކަން ފޯރުކޮށްދީގެން. ޒަކާތަކީ އެ ރުކުން ފުރިހަމަ ނުކުރާހާ ހިނދަކު ފުރިހަމަ މުސްލިމަކަށް ނުވެވޭނެ ފަދަ އަޅުކަމެއް. އެހެންކަމުން އެ ރުކުން އަދާ ކުރުމަށް ވާޖިބު ހުރިހާ ފަރާތަކުން އިސްކަންދިނުމަށް އިލްތިމާސް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިފަހުން މުޖުތަމައުގައި ހަވާސާވެފައިވާ އެކި ފަރާތްތަކާއި އާއިލާތަކަށް އެހީތެރިވުމަށް ސަރުކާރުން ކޮށްފައިވާ ގިނަ މަސައްކަތްތައް ފާހަގަކޮށް މިނިސްޓަރު ޒިޔާދު ވަނީ ޝުކުރު އަދާކޮށް އެކަންކަމަށް ހިއްވަރުދެއްވާފަ އެވެ.

ޒަކާތް ދިނުމަށް އިސްކަންދިނުމަށް މިނިސްޓަރު އިލްތިމާސްކުރައްވާފައިވާއިރު، ޒަކާތަށް ލިބޭ ފައިސާއިން ސަރުކާރުން ދަނީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންގެ މަސަދުތައް ފުއްދުމަށް ގިނަ ހޭދަތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް ޒަކާތު ފަންޑުގެ ހަރަދުގައި 34 ކުދިން ވަނީ ބޯންމެރޯ ޓްރާންޕްލާންޓް ހެދުމަށް ފުރުސަތު ދީފަ އެވެ.