ހަބަރު

ފިތުނަ އުފެދޭ ގޮތަށް ފަތުވާ ނެރެގެން ނުވާނެ: މިނިސްޓަރު

ފަތުވާގެ ނަމުގައި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ނެރެ، ބައިބައިވުން އުފެދޭ ގޮތަށް ހިޔާލުފާޅު ކުރުމަކީ ފަތުވާ ދިނުން ކަމުގައި ނުބެލެވޭނެ ކަމަށާއި އެފަދަ ގޮތްގޮތަށް އަމަލު ނުކުރުމަށް އެންމެހާ އިލްމްވެރިންނަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާޣިރު ގޮވާލައްވައިފި އެވެ.

"ފަތުވާއަކީ އަމަންއަމާންކަމުގެ ވަސީލަތެއް" މި ނަމުގައި ރާއްޖޭގައި މިއަދު ފެށި ބައިނަލްއަގުވާމީ ފަތުވާ ކޮންފަރެންސް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފަތުވާގެ ނަމުގައި މުޖުތަމައުގައި ފިތުނަ އާއި ބައިބައިވުން އުފެދޭ ގޮތަށް، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އެކި ހިޔާލުތައް ފާޅުކޮށް ޝާއިއު ކުރަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ފަތުވާއަކީ ކޮންކޮންމެ މީހަކަށް އެ ގޮތަށް ނެރެވޭނެ އެއްޗެއް ނޫން ކަމަށެވެ. ފަތުވާ ދޭ ފަރާތްތަކަކީ އަރަބި ބަހާއި ދީނީ އިލްމާއި ފިގުހު ސުންނާ އަދި ތަފްސީރާއި ހަދީސް އިލްމްވެސް ރަނގަޅަށް އެނގިތިބޭ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފަތުވާއަކީ އަމާނާތެއް. ފަތުވާއަކީ ﷲ ސުބްހާނަހޫ ވަތައާލާ އެކަލާނގެ ހަޒްރަތުން މީސްތަކުންނަށް ހުކުމްތައް އޮޅުއް ފިލުވައިދޭކަމެއް. އެހެންކަމުން ފަތުވާގެ ސަބަބުން އެއީ ސަލާމަތާއި ރައްކާތެރިކަން ލިބިގެންދާންޖެހޭނެކަމެއް. މުޖުތަމައު އެކުވެރިކުރުވަންޖެހޭނެ ކަމެއް. މުޖުތަމައު ބައިބައިވެ ފިތުނަ ފަސާދަ އުފައްދާ ވަސީލަތަކަށް ފަތުވާވެގެން ނުވާނެ،" ޒިޔާދު ވިދާޅުވި އެވެ.

އެކަކުދޭ ފަތުވާއަށްވުރެ ގިނަ އިލްމްވެރިން އެކުވެގެން ނެރޭ ފަތުވާގެ ބާރުހުންނާނެކަމަށާއި ރާއްޖޭގައި ވެސް ކުރިމަތިވާ އެކި ދީނީ ހިލާފްތަކުގައި ފަތުވާ ނެރުމުގައި އެގޮތަށް އަމަލު ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ފަތުވާތަކަކީ އިސްލާމީ އުސޫލްތަކާއި ހަމަތައް އެކުލެވިގެންވާ އެއްޗަކަށް ވާން ވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، މި ކޮންފަރެންސްގެ ސަބަބުން ދެކުނު އޭޝިއާ ސަރަޙައްދުގައި އޮތް އެންމެ ހަރުދަނާ ފަތުވާ މަޖިލީހަށްވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ.

ރާއްޖޭގެ ފަތުވާ މަޖިލީހުން އިސްނަގައިގެން ބާއްވާ މި ކޮންފަރެސްގައި، ރާއްޖޭގެ އިތުރުން، މިސްރު، މެލޭޝިއާ، ޖޯޑަން އަދި ސޫދާންގެ ފަތުވާދޭ މަޖިލިސްތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. މި ކޮންފަރެސްގައި މައިގަނޑު ތިން މައުލޫއަކަށް ބަހުސް ކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ، ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ޣައިރު މުސްލިމުންނާމެދު އަމަލުކުރާނެ އެންމެ އެކަށޭނެ ގޮތްތަކާ މެދު މި ކޮންފަރެސްގައި ބަހުސްކުރާނެ އެވެ.