- ވިޔަފާރިއަށް ފަސޭހަ ކުރަން ބޮޑު ބަދަލެއް ގެންނަނީ
- ވޯލްޑް ބޭންކުގެ ރޭންކިން ރަނގަޅު ވާނެ ކަމަށް ބެލެވޭ
- އިސްލާހު ކުރަން ޖެހޭ ކަންތައް ގިނަ، ބަދަލު ގެނެވޭނެ
ރާއްޖެއަކީ ވިޔަފާރިއަށް ފަހި، ފަސޭހަ ގައުމަކަށް ހަދަން ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ދޭނީ ވިޔަފާރިވެރިންނެވެ. މި ސުވާލު ކޮށްލުމާއެކު، ލިބެނީ ޝަކުވާ އެވެ. ވިޔަފާރިއެއް ފަށަން ލާން ޖެހޭ ފޯމުތަކުގެ ވާހަކަ އެވެ. އެކަމަށްދާ ވަގުތުގެ ޝަކުވާ އެވެ. އެހެންވެ މިކަން ފަސޭހަކޮށް ރާއްޖެއަކީ ވިޔަފާރި އަށް ފަހި، ފަސޭހަ، ގައުމަށް ހެދުމަށް ސަރުކާރުން ވަނީ އަތުކުރި އޮޅާލާފަ އެވެ. އެކަމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދާއިރު މި ކަމަށް ގިނަ ބަދަލު ތަކެއް ގެންނަން ޖެހެ އެވެ. އެހެންވެ މިއީ ލައްކަ މަސައްކަތޭ ވެސް ބުނެވި ދާނެ އެވެ.
"އަޅުގަނޑުމެން މިހާރު ކުރަމުން ގެންދާ މަސައްކަތް ނިމޭއިރު އިރާދަކުރެއްވިއްޔާ ރާއްޖެއަކީ ވިޔަފާރި ކުރަން އެންމެ ފަސޭހަ މާހައުލެއް އޮތް ގައުމަކަށް ވާނެ،" އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.
ދަތިތަކެއް އެބަހުރި
ރާއްޖޭގައި ވިޔަފާރިއެއް ފަށަން ބޭނުންނަމަ ވަރަށް ގިނަ ދަތިތަކާ މިހާރު ކުރިމަތިވެ އެވެ. ދާދިފަހުން ވޯލްޑް ބޭންކުން ނެރުނު، "އީޒީ އޮފް ޑުއިން ބިޒްނަސް އިންޑެކްސް" ނުވަތަ ވިޔަފާރި އަށް ފަހި ގައުމުތަކުގެ ލިސްޓުގައި އެކަން ފާހަގަ ކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު 129 ވަނަ ދަރަޖައިގައި ރާއްޖެ އޮތުމަށްފަހު މިހާރު މި އަހަރު ވަނީ ހަ ދަރަޖަ ވެއްޓިފަ އެވެ. މިހާރު ރާއްޖެ އޮތީ 135 ވަނާގަ އެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟
އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ވިޔަފާރިއެއް ފެށުމަށް ފުރަތަމަ ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް އެބަހުއްޓެވެ. މިގޮތުން ކުންފުނީގެ އޮފީހާއި އެ ނޫން ވެސް އިމާރާތްތައް ރަޖިސްޓްރީ ކުރުމާއި ޓެކްސް ދެއްކުން އަދި ގުދަން ހަދަން ހޭދަވާ މުއްދަތާއި އަލަށް ގުދަނެއް ހަދާނަމަ އެ ތަނަށް ކަރަންޓުލުމުގައިވެސް ދަތިތަކެއް އެބަހުއްޓެވެ. މި ބައިތައް ވަނީ ބޮޑުތަކުން ދަށަށް ގޮސްފަ އެވެ. ނަމަވެސް އެތެރެކޮށް ބޭރުކުރުމުގެ ބައި ވަނީ އެއް ހަމައެއްގައި ހިފެހެއްޓިފަ އެވެ.
ވޯލްޑް ބޭންކް ރިޕޯޓު ދައްކާ ގޮތުގައި މި ރޭންކްގައި ރާއްޖެ ވަނީ 2008 ވަނަ އަހަރުން ފެށިގެން ދަށަށް ގޮސްފަ އެވެ. މި ގޮތުން 2012 ވަނަ އަހަރު ރާއްޖެ އޮތީ 87 ދަރަޖާގަ އެވެ. ނަމަވެސް މިހާރު އޮތީ އޮތީ 135 ދަރަޖާގަ އެވެ.
ރިޕޯޓަށް މައުލޫމާތު ދިނުން ރަނގަޅު ތަ؟
ވޯލްޑް ބޭންކުގެ މި ރިޕޯޓަށް މައުލޫމާތު ނަގަނީ، ލޯޔަރުންނާއި ބައެއް ވިޔަފާރިވެރިން އަދި ސަރުކާރުގެ ބައެއް މުއައްސަސާ ތަކުންނެވެ. މިގޮތުން މި ރިޕޯޓަށް އާއްމު ގޮތެއްގައި މައުލޫމާތު ނެގުމަށް އިންޓަވިއު ކުރަނީ މަދު ބައެއް މެދުވެރިކޮށެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ ވޯލްޑް ބޭންކުގެ ރިޕޯޓަށް މައުލޫމާތު ކަލެކްޓްކޮށް، އާއްމު ކުރުމުގައި މައްސަލަ ތަކެއް ފާހަގަ ކުރެވޭ ކަމަށެވެ
"ސަރުކާރުގެ ތެރެއިން ވެސް އެ ބޭފުޅުން [ވޯލްޑް ބޭންކް] އިން މައުލޫމާތު ހޯދާ. މީގެ އިތުރުން އެންޖީއޯތަކުންނާއި ލޯފާމްތަކުން ވެސް ހޯދާ. އެކަމަކު އެންމެ ފަހުން ރިޕޯޓް ފައިނަލްވެ، ކޮމްޕައިލް ވެގެން ދާއިރު މައްސަލަ ތަކެއް ފާހަގަ ކުރެވޭ،" އާދަމް ވިދާޅުވި އެވެ.
އޭނާ މިސާލެއްގެ ގޮތުގައި ފާހަގަ ކުރެއްވި، ބައެއް ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި އަވަށްޓެރި ބައެއް ގައުމުތަކާއި ރާއްޖޭގައި ވިޔަފާރި ފަށަން ކުރަން ޖެހޭ މަސައްކަތް ހިމެނެ އެވެ.
"ރާއްޖޭގައި ވިޔަފާރިއެއް ފަށަން ބަރާބަރަށް ހުރިހާ އެއްޗެއް ގެންނަމަ ހަތަރު ދުވަސް މި ނަގަނީ. އެކަމަކު އަވަށްޓެރި ސްރީލަންކާ އަކީ ރާއްޖެ އަށް ވުރެ ޑުއިން ބިޒްނަސް އިންޑެކްސްގައި މަތީގައި އޮތް ގައުމެއް.އެކަމަކު އެ ގައުމުގައި އެބަ ނަގާ އެންމެ މަދުވެގެން ދެ މަސް ވަރު،" އާދަމް ވިދާޅުވި އެވެ.
"ރާއްޖޭގައި ވިޔަފާރިއެއް ފަށަން ބޭރު މީހުންނަށް ވެސް ފަށަން ފަސޭހަ. އެކަމަކު ލަންކާގައި އެކަން ކުރުމަށް ވެސް ޖެހޭނެ އެ ގައުމުގެ ޕާޓްނަރެއް ހުންނަން. އެހެން ނޫނީ ނުވޭ."
އޭނާ ވިދާޅުވީ ރާއްޖެއަކީ ވިޔަފާރި އަށް ފަސޭހަ ގައުމަކަށް ހެދުމަށްޓަކައި ޓްރޭޑް ފެސިލިޓޭޝަން ކޮމެޓީ (ޓީއެފްސީ) އިން ގިނަ މަސައްކަތް ތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.
"މި މަސައްކަތުން އިރާދަކުރެއްވިއްޔާ ދެން ނެރޭ ރިޕޯޓުގައި ފުރިހަމަ މައުލޫމާތު ހިމެނުމަށް މަސައްކަތްތަކެއް ކުރާނަން،" އާދަމް ވިދާޅުވި އެވެ.
ބަދަލު ތަކެއް ގެނެސްފި
ރާއްޖެއަކީ ވިޔަފާރި އަށް ފަހި ގައުމަކަށް ހެދުމަށްޓަކައި ސަރުކާރުން ވަނީ ގިނަ މަސައްކަތް ތަކެއްކޮށް، ގިނަ ކާމިޔާބީ ތަކެއް ވެސް ހޯދާފަ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ވިޔަފާރިވެރި ފެށުމަށް ފަސޭހަ އަށް ގިނަ ބަދަލު ތަކެއް ގެނެވިފައިވާ ކަމަށެވެ.
"ތިން އަހަރު ތެރޭގައި ކުރިއަށް ގެންދިޔަ މަސައްކަތުގެ ދަށުން ވަނީ އިގްތިލާބީ ބަދަލުތަކެއް ގެނެސްފައި. ރައީސް ޔާމީންގެ މި މަސައްކަތް ކުރަނީ ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަންގެ އެއްބާރުލުމާއެކު. މީގެން އެނގެނީ ދުނިޔެ މިކަން ބަލައިގެންފިކަން. ވަރަށް ގާތުން އެހީތެރިކަން ފޯރުކޮށްދެއްވާކަން،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ކުރިއަށް މިދަނީ ވަރަށް ބޮޑު ޝިފްޓެއްގައި ކަމަށެވެ.
"ކުރިން ސަރުކާރުތައް ހިނގަމުން ދިޔަ ގޮތާ މުޅިން ތަފާތުކޮށް ވަރަށް ބޮޑު ޝިފްޓެއްގައި މިއައީ. މިކަން ހަގީގަތަކަށް ވެގެންދާ މަންޒަރު މި ފެންނީ ރައީސް ޔާމީން ވަނީ ޓްރޭޑް ފެސިލިޓޭޝަން ކޮމެޓީ ހައްދަވާފަ، ސަރުކާރުގެ ވުޒާރާތައް ހިމެނޭ ގޮތަށް މި ކޮމެޓީ ހެއްދެވުމުގެ ބޭނުމަކީ ވޯލްޑް ބޭންކުގެ ޑުއިން ބިޒްނަސް އިންޑެކްސްގައި ހުރި ކަންކަން ހަގީގަތަކަށް ހެދުން. ކޮމެޓީ ހެދުމަށްފަހު ގިނަ ބަޔަކު ތަކެއް ވަނީ ގެނެވިފައި،" ސައީދު ވިދާޅުވި އެވެ.
ގެނެވުނު ބައެއް ބަދަލުތައް:
* ޔުނިފައިޑް ބިޒްނަސް ރަޖިސްޓްރޭޝަން ފޯމެއް އެކުލަވާލުން (ކުރީގެ ތިން ފޯމް އެއްކޮށްލުން)
* ކްރެޑިޑް ގެރެންޓީ ސްކީމެއް ފަރުމާކޮށް ދޫކުރަން ފެށުން
* ވިޔަފާރި ރަޖިސްޓްރީ ކުރާ ގަޑި އިތުރު ކުރުން (އަމިއްލަ ކުންފުނިތަކުގެ ގަޑިއާ އެއް ހަމަކުރުން)
* ބިޒްނަސް ސާވިސް އެޖެންޓުން ތައާރަފު ކުރުން
* ބިޒްނަސް ޕޯޓަލް ތައާރަފު ކުރުން (އަމިއްލަ ވިޔަފާރި ރަޖިސްޓްރީ ކުރުން ތިން އަތޮޅެއްގައި ފެށުން)
* 2016 ގެ ނިޔަލަށް ޕާޓްނާޝިޕް/ ކޯޕަރޭޓިވް އޮންލައިންކޮށް ރަޖިސްޓްރީ ކޮށްދިނުން
* އިންވެސްޓަރުންގެ ހިމާޔަތް އިތުރު ކުރުން ( ދެ ކޮންވެންޝަންގައި ސޮއިކުރަން ތައްޔާރުވުން)
ކުންފުންޏާ ބެހޭ ގާނޫނަށް ބޮޑު ބަދަލެއް!
* ކުންފުނީގެ މިނިމަން ކެޕިޓަލް ނައްޔާތުން
* ސީލް ރަޖިސްޓްރީ ކުރުން ލާޒިމް ނުކުރުން
* ކުންފުނީގެ ރަޖިސްޓްރޭޝަން ފީ ކުޑަ ކުރުން
* ކުންފުނީގެ އަހަރީ ފީ ކަނޑާލުން
* އިންސޯލެންސީ ގާނޫނެއް ފަރުމާ ކުރުން
* ޕަބްލިކް ކްރެޑިޓް ރެޖިސްޓްރީއެއް ގާއިމް ކުރުން
* ސެކިއޮ ޓްރާންސް ސެކްޝަން ބިލެއް ހެދުން
* ނެޝެނަލް ސިންގަލް ވިންޑޯއެއް ގާއިމް ކުރުން
* އެކްސްޕޯޓް އިމްޓް ލިޔެކިޔުންތައް ބަދަލު ގެނައުން
* ޕްރޮޕަޓީ ރަޖިސްްޓްރީ ކުރާއިރު އެއް ހަމައަކުން ފީނެގުން
ވިޔަފާރިވެރިން ދެކެނީ ކިހިނެއް؟
ކުންފުންޏާ ބެހޭ ގާނޫނަށް ސަރުކާރުން ގިނަ ބަދަލުތަކެއް ގެންނަން ތައްޔާރު ވަމުންދާއިރު މި ބަދަލާ މެދު ވިޔަފާރިވެރިން ދެކެނީ ކޮން ގޮތަކަށް ބާ އެވެ؟
ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ހޮޓެލް އެންޑް ރިސޯޓު ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލު ތަކަކީ މުހިންމު ބަދަލު ތަކެއް ކަމަށެވެ.
"މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރޭންކިން ރަނގަޅު ވާނެ ކަމަށް އުންމީދު ބޮޑު،" ޖަނާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރުގެ ސިސްޓަމްތައް ހުރި ގޮތާއި އެހެން ގައުމުތަކާ ބޮޑު ތަފާތެއް އެބަހުރި ކަމަށެވެ.
"އަޅުގަނޑަކީ އެހެން ގައުމުތަކުގައި ވެސް ވިޔަފާރިކުރާ މީހަކަށް ވާތީ އެނގޭ މިހުރި ތަފާތު. ޑުއިން ބިޒްންސްގެ އެންމެ މަތީގައި މި އޮތީ ނިއުޒީލޭންޑް. މި ގައުމުތަކުގައި ކުންފުންޏެއް ރަޖިސްޓްރީ ކުރަން އެޕްލައި ކުރާތާ ދެ ގަޑިއިރު ވަރު ތެރޭގައި އެކަން ނިމޭ. ހުރިހާ ކަމެއް ހުންނަނީ އޮންލައިންކޮށް. އެހެންވެ އެ ގައުމުތަކުގެ ރޭންގް ރަނގަޅު ވަނީ،" ޖަނާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯލްޑް ބޭންކް ރޭންކިންގެ 16 ވަނާގައި މިހާރު އޮތް ޖޯޖިޔާއަކީ ވެސް ރާއްޖެ ފަދަ ގައުމެއް ކަމަށެވެ.
"އެ ގައުމަކީ ވެސް ކުރިއަރަކުން އަންނަ ގައުމެއް. އެ ގައުމު ވެސް ސިސްޓަމްތައް ރަނގަޅު ކޮށްގެން އެ ކުރިއެރުންތައް ހޯދީ. އެހެންވެ އަޅުގަނޑު އުންމީދު ކުރަން މި ބަދަލާއެކު ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް،" ޖަނާހު ވިދާޅުވި އެވެ.
ރާއްޖޭގެ އެހެން ކުންފުންޏެއް ކަމަށްވާ އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ އަމީން ވިދާޅުވީ ސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން ހެޔޮ ފައިދާ ފެންނާނެ ކަމަށެވެ.
"ސަރުކާރަށް ދައްކަން ޖެހޭ އުޖޫރައެއް ކަނޑާލުން ވާނީ ރަނގަޅު ބަދަލަކަށް. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ވެސް ފައިދާ ތަކެއް ކުރާނެ،" އަބްދުﷲ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި 1100 އަށްވުރެ ގިނަ ކުންފުނި ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު ކުންފުނީގެ އަހަރީ ފީ ނުދައްކައިގެން ގިނަ ކުންފުނިތަކެއް ވަނީ އުވާލާފަ އެވެ. ނަމަވެސް މިފަހަރު ކުންފުންޏާ ބެހޭ ގާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އިތުރު މައްސަލަތަކެއް ނުކުތުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ބުނާ ވިޔަފާރިވެރިންވެސް އެބަތިއްބެވެ.
އެ ފަދަ ވިޔަފާރިވެރިން ބުނާ ގޮތުގައި މި ބަދަލުގެ ސަބަބުން "ފޭކް ކުންފުނިތައް" ގިނަ ވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ ކުންފުންޏާ ބެހޭ ގާނޫނަށް މި ގެންނަ ބަދަލާއެކު މި ކަމަށްވެސް ވިސްނަން ޖެހޭނެ އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ވިޔަފާރިއަށް ފަހި ގައުމަކަށް ހެދުމެވެ؛ އެ މަގުސަދުގައި ގިނަ ބަދަލުތަކެއް ގެންނަމުންދާއިރު، ކުރަން ހުރި މަސައްކަތް ލައްކަ ގިނަ އެވެ. މިކަމަށް ސިސްޓަމްތައް ބަދަލުކޮށް، ހިދުމަތްދޭ ވައްޓަފާޅިއަށް ބަދަލު ގެންނަން ޖެހެ އެވެ.