ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް 2005 ވަނަ އަހަރު ތައާރަފްވި "އުރީދޫ" އޭރުގެ ނަމުން ނަމަ "ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް" އަކީ ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް އުފާވެރި ފަތިހެއް ގެނުވި ކުންފުންޏެކެވެ. ރާއްޖޭގެ މުއާސަލާތީ ދާއިރާ ވާދަވެރި މާކެޓެއްގެ ތެރެއަށް ގެނެސް، ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހިންގެ ލޯތަށް ހުޅުވާލައި ދިނުމުގައި އުރީދޫ މިހާތަނަށް ވެސް އަދާކޮށްފައިވަނީ މުހިއްމު ދައުރެކެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއަށް އެންމެ އަވަހަށް ދިވެހިން ތައާރަފް ކޮށް ދިނުމުގައި ވެސް އުރީދޫ ކުރި ހޯދައި ކާމިޔާބު ހޯދައިފި އެވެ.
ހިދުމަތުގެ ދެވަނައެއްނެތް މި ކުންފުނި އާންމުންނާ މުވައްޒަފުންގެ މެދުގައި މަގުބޫލުވާ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. އެއީ އުރީދޫގެ އެކުވެރި މަސައްކަތުގެ މާހައުލާއި މަސައްކަތުގެ ވައްޓަފާޅި ބިނާކޮށްފައިވާ ގޮތުގެ އާދަޔާހިލާފު ގޮތެވެ. ދުނިޔޭގެ ނިސްބަތުން ވެސް ހައިބަތު ބޮޑު ކުންފުންޏެއްގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް އުރީދޫއިން މުވައްޒަފުންގެ ހިނިތުންވުން ދަމަހައްޓަން ރާއްޖޭގައި ގާއިމްކުރީ ރީތި މިސާލެކެވެ. ވިޑިއޯ ގޭމް ސްޓޭޝަނަކާއި ކެރޮމް ފަދަ އެތަކެއް ކުޅިވަރު ކުޅެވޭ ގޮތަށް ގަދަ ކުލަތަކާއި ރީތި ކުރެހުންތަކުން ފަވައި ޒީނަތްތެރިކޮށްފައިވާ އެ ކުންފުނީގެ މައި އޮފީހުގެ ލޮބީ އަށް ނަޒަރެއް ހިންގާލުމުން ވެސް އެކަން ހާމަވާނެ އެވެ.
އުރީދޫގެ އަމާޒަކީ މުވައްޒަފުން ހިތްހަމަޖައްސައިދީ، އެމީހުންގެ "ކޮމްފޯޓް ޒޯން"ގައި ބައިތިއްބައިގެން އެއްވަނައިގެ ހިދުމަތް ނެރުމެވެ. މުވައްޒަފުންނާއި ރައްޓެހި، ކުންފުނީގެ ހައިރާކީގެ މާބޮޑު ފަރަގެއް ފެންނަން ނެތް "އޮޕަން ޑޯ އެންވަޔަރަމަންޓެއް" އުރީދޫގައި ގާއިމްކޮށްފައިވަނީ ވެސް އެ ސަބަބާ ހެދި އެވެ.
"އުރީދޫ މަސައްކަތްކުރަނީ އަބަދުވެސް ތަނުގެ ޕްރޮޑަކްޓިވިޓީ އިތުރުކުރެވޭނީ ކޮން ގޮތަކަށްތޯ ބަލައިގެން އެ އަމާޒަށް ވާސިލުވާން. އެކަން ހާސިލްކުރުމަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ އަޅުގަނޑުމެން ވަރަށް ފުޅާ ދާއިރާއެއްގައި ޑިސްކަސް ކުރިން. އެގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެއް ކަމަށް ވެރިންނަށް އެއްބަސްވެވުނީ މުވައްޒަފުން ތަނަށް ދޯޅުކުރުވުން. އެކަން ކުރެވެން އޮތީ މުވައްޒަފުންނަށް އެމީހުން ބޭނުންވާ ގޮތަކަށް އަރާމު ހެދުމެއްގައި އަރާމު މާހައުލެއްގައި މަސައްކަތް ކުރެވޭނެ މާހައުލެއް ފަހިކޮށްގެން. މައި އޮފީހުގައި ގާއިމްކުރި ސްޓާފް ހޭންގްއައުޓް އޭރިއާ އަކީވެސް އެ ވިސްނުމުގެ ތެރެއިން ކުރެވުނު ކަމެއް،" އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ، އެކުވެރި އޮފީސް މާހައުލެއް އުފަންކުރުވުމުގެ ރޫހުގެ ދަށުން ކުންފުނީގެ ތެރޭގައި އާލާކުރަން އެންމެ އިސްކަންދިން އެއް ސަގާފަތަކީ ވެރިންނާއި ތަނުގެ މަސައްކަތްކުރާ އެހެން މުވައްޒަފުންނާ ދެމެދު އޮތް ހޮސް ޖާގަ ކުޑަކުރުން ކަމަށެވެ. އެގޮތުން އެހެން ގިނަ އޮފީސްތަކާ ހިލާފަށް އުރީދޫގެ މުވައްޒަފުންނަށް ތަނުގެ ވެރިންނާ ބައްދަލުކުރުމަށް ހުރަހެއް ކުރިމަތި ނުވާނެ ގޮތަށް ކުންފުނީގެ ތެރޭގައި އުސޫލުތަކެއް ބައްޓަންކޮށްފައިވާކަން ނިޔާޒު ފާހަގަކުރެއްވި އެވެ.
"މުވައްޒަފުންނާއި އެންމެ ސީނިއާ މުވައްޒަފުން ނުވަތަ ވެރިންނާ އޮންނަ ގުޅުން ގާތްކުރުމަށް އުފަންކުރުވި ސިސްޓަމެއް އޮފަން ޑޯ އެންވަޔަރަމަންޓް ސިސްޓަމަކީ. އޭގެ މާނައަކީ ވެރިއަކާ ބައްދަލުކޮށްލަން ބޭނުންވިޔަސް ސްޓާފުންނަށް ނުޖެހޭނެއޭ އެޕޮއިންޓްމަންޓެއް ހޯދަން. ނުވަތަ ސެކެރެޓަރީންނަށް އަންގައިގެން މެސެޖު ފޯރުކޮށްދޭން. އަޅުގަނޑުމެންގެ އޮފީހުގަ ސެކްރެޓަރީން ނުވެސް ތިބޭނެ. އޭގެ ނަތީޖާއަކަށް މިވަނީ، ވެރިއަކާ ބައްދަލުކޮށްލަން ބޭނުންވުމުން ސްޓާފަކަށް ޖެހޭނީ ގޮސް ދޮރުގަ ޓަކި ދޭން،" ނިޔާޒް ވިދާޅުވި އެވެ.
ރާއްޖޭގައި އޮތް އެންމެ "ސްޓާފް އެންގޭޖް" ކުންފުންޏަށް އުރީދޫ ވެގެންދިޔަ މައިގަނޑު ސަބަބަކީވެސް އެއީ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
މުވައްޒަފުންނާ އެކުވެރި މާހައުލު ތަނުގެ ތެރޭގައި ދަމަހައްޓައި، މުވައްޒަފުންގެ މަސައްކަތުގެ ޕާފޯމަންސް އަށް އަންނަ ބަދަލު ދެނެގަތުމަށް އުރީދޫއިން ކޮންމެ މަހަކުވެސް ސުޕާވިޝަންއެއް ކުރިއަށްގެންދެ އެވެ. އަދި މުވައްޒަފުންނާއި ސީއީއޯ އާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް "ކޮފީ ވިތު ސީއީއޯ" ނަމުގައި މަހަކު އެއްފަހަރު ބައްދަލުކުރުމާއި، ކޮންމެ މަހެއްގެ އުފަންދުވަސްތައް ސީއީއޯ އާއެކު ފާހަގަކުރުމުގެ ސަގާފަތެއްވެސް އުރީދޫއިން ވަނީ އުފަންކޮށްފަ އެވެ.
ނިޔާޒު ވިދާޅުވީ، ހިދުމަތުގައި 11 އަހަރު ހޭދަކުރެވުނު އިރު، އުރީދޫ އަކީ ދިވެހި ކުންފުންޏެއްގެ ގޮތުގައި ދިވެހިން ބަލައިގެންފި ކަމަށެވެ. މީގެ ދެމަހެއް ކުރިން އެ ކުންފުނި ވަނީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ވެސް ރަސްމީކޮށް ލިސްޓުކޮށްފަ އެވެ. އެއީ ހާސިލްކުރެވުނު އަގު ނުކުރެވޭ ވަރުގެ ބޮޑު ކާމިޔާބީއެއް ކަމަށާއި ދިވެހިންގެ އުރީދޫ ދިވެހިންގެ މަގްބޫލު އުރީދޫއަކަށް ހަދަނީ އެތަނުގެ މުވައްޒަފުންގެ ރެއާ ދުވާލުގެ ފޫހިކަމެއް ނެތް މަސައްކަތުން ކަމަށް ނިޔާޒް ވިދާޅުވި އެވެ.
އުރީދޫ ރާއްޖެއަށް ތައާރަފުވީ 2005 ވަނަ އަހަރު ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ނަމުގައެވެ. ނަމަވެސް ވަތަނިއްޔާގެ ބެލެނިވެރި ކުންފުނި، ގަތަރުގެ ކިއުޓެލް ގްރޫޕު "އުރީދޫ"ގެ ނަމަށް ރީބްރޭންޑް ކުރުމާ އެކު، ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ވަނީ 2013 ޑިސެމްބަރުގައި އުރީދޫ މޯލްޑިވްސްގެ ނަމަށް ރީބްރޭންޑް ކޮށްފައެވެ.
އުރީދޫ ފަދަ ބައިނަލްއަގުވާމީ ބްރޭންޑެއް ރާއްޖޭގައި އޮތުމުގެ އެންމެ ބޮޑު އެއް ފައިދާ އަކީ ފަހުގެ ޓެކްނޮލޮޖީތައް ރާއްޖެއަށް ތައާރަފްވާ ރޭޓް އަވަސްވުމެވެ. އެގޮތުން އުރީދޫން މިހާރުވެސް ދަނީ އަވަސް މުސްތަގުބަލެއްގައި ރާއްޖެއަށް 5ޖީ ގެ ހިދުމަތް ތައާރަފްކުރަން މަސައްކަތް ކުރަމުންނެވެ.