ސްކޫލްގައި އުޅުނު އިރު އޭނާއަކީ "އޭ" ރިޕޯޓު ލިބޭ ދަރިވަރެކެވެ. ކްލާހުގައި އެންމެ މޮޅު އެއް ދަރިވަރަކީ އޭނާ އެވެ. މަޖީދިއްޔާގެ ޓީޗަރުންގެ ލޯބި އޭނާ ހޯދީ ތޫނު ފިލިކަމުންނެވެ. މޮޅަށް ކިޔަވައިގެންނެވެ. ގްރޭޑް ނުވައަކާ ހަމައަށް އޭނާ ދަތުރުކުރީ މިގޮތުގަ އެވެ. ނަމަވެސް ކުއްލިއަކަށް މޮޅު ކުއްޖާ ކިޔެވުމަށް ކޮށިވީ އެވެ. ކިޔަވަން ފޫހިވީ އެވެ. ކުރިން ލިބުނު "އޭ" ރިޕޯޓް "ބީ" އަށް ބަދަލުވެއްޖެ އެވެ. ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ މަންމަ އާއި ބައްޕަގެ ވަކިވުމެވެ. މިއީ އެލައިޑް އިންޝުއަރެންސުގެ މާކެޓިން މެނޭޖަރު ނިއުޝާދް ޝަރީފް ވާހަކަތަކުގެ ފެށުމެވެ.
"އާއިލާ ރޫޅުމުން ހަގީގަތުގައި ބުނެވޭނީ ހަމަ މަގުމަތިވީއޭ. ދިރިއުޅުން އެއްކޮށް ބަދަލު ވެގެން ދިޔައީ. ވަރަށް ހާލުގައި އުޅުނީ. އަޅުގަނޑުމެންގެ އާއިލާގައި ފަސް ކުދިން ތިބޭ. ވަރަށް ހާލުގައި ޖެހުނީ. ބުނެވިދާނެ، އެއް ފަހަރު ކައިފިއްޔާ އަނެއް ފަހަރު ނުކައޭ އުޅުނީ،" އައްޑު އަތޮޅަށް ނިސްބަތްވާ އާއިލާގައި މެދަށް ހުރި ނިއުޝާދު ބުންޏެވެ.
މިކަން ވެގެން ދިޔައީ، ނިއުޝާދުގެ އުޅުމަށް ބޮޑު ބަދަލެއްއައި ކަމަށެވެ. މި ބަދަލުގެ ފެށުން އައީ އޭނާ އޯލެވެލް ހަދަން ތައްޔާރުވި ދުވަސްވަރެވެ. އޯލެވެލްގެ ފީ ދައްކާނެ ފައިސާ ހޯދުމަށް ދަތިވީ އެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
"ގްރޭޑް 10 ގައި އުޅުނުއިރު ސްކޫލަށް ނުގޮސް ވެސް ހުރިން ދުވަސް ކޮޅަކު. ސްކޫލަށް ދިޔައީ ވެސް މަޖީދިއްޔާގެ ބައެއް ޓީޗަރުންގެ ރަނގަޅު ކަމުން. އޯލެވެލް ހަދަން ފައިސާ ނެތިގެން މަންމަ މީހެއްގެ އަތުން ލާރިކޮޅެއް ހޯދައިގެން އޯލެވެލް ހެދީ،" ނިއުޝާދު ބުންޏެވެ.
އޯލެވެލްގެ ނަތީޖާ އަތަށް ލިބިއްޖެ އެވެ. ނިއުޝާދަށް ލިބުނީ އެންމެ ދެ ފާހެވެ. އެހެންވެ، ވަޒީފާއެއް ހޯދުމަށް ވެސް ދަތިތަކާ ކުރިމަތިވި އެވެ. ނަތީޖާއަކަށްވީ އާއްމު ޒުވާނުން ގޮތަށް ރޭގަނޑު ހޭލާ ގްރޫޕް ހަދައިގެން އުޅެން ފެށުމެވެ. ނިދަނީ ދުވާލެވެ. ރޭގަނޑުވުމުން ހޭލައި މަގުމަތީގައި އުޅެނީ އެވެ.
"އޭރު ވެސް ވަރަށް ދެރަވޭ އެހެން މީހުން ކުރި އަރައިގެން ދާތަން ފެނުނީމަ. އެނގޭ ކެޕޭސިޓީ ހުރިކަން ވެސް. އެކަމަކު ކުރާނެ ކަމެއް ނެތް. ހެދޭނެ ގޮތެއް ނެތް. މަންމަ އަތުގައި އިތުރަށް ކިޔަވަން ހޭދަކުރާނެ ފައިސާއެއް ނެތް. އެހެންވެ މަގު މަތީގައި އުޅުނީ. އެ ދުވަސްވަރު ސިފައިންގެ އަށް ވެސް ގެންދިޔަ ބާރަށް ސައިކަލް ދުއްވައިގެން. އެކަމަކު ކުޑަ ކަމުން ދޫކޮށްލަނީ،" ނިއުޝާދު ބުންޏެވެ.
ގްރޫޕް ހަދައިގެން މާލެ ކުޑަ ކުރިނަމަވެސް އޭނާގެ ކަންފަތުގައި މަންމަގެ ވާހަކައެއް ހަރުލާފައި ހުރެ އެވެ. އެއީ މަންމަގެ ހެޔޮ ނަސޭހަތެކެވެ.
"ދަރިފުޅާ.. ނަމަނަމަ ގޯސް ގޮތަކަށް ނޫޅެއްޗޭ؟ ނުބައި މަގަކުން ނުދައްޗޭ!" މި ވާހަކަވީ އޭނާ ސަލާމަތް ވުމުގެ ސިއްރަށެވެ. އެކުގައި އުޅުނު އެކުވެރިން މަސްތުގެ ހާލަތައް ވެއްޓި، ޖަލުގެ ތޭރިތަކުގައި ތާށިވެގެން ދިޔައީ އެވެ.
އެކަމަކު... އަނދިރި ގޯޅިއެއް ނާޅައި ނިއުޝާދު ސަލާމަތްވީ އެވެ. މި ހިސާބުން އޭނާ ވިސްނަން ފެށި އެވެ. ދިރިއުޅުން ހަމައަކަށް އަޅުވަން ވެއްޖެ އެވެ. އެހެންވެ އޭނާ ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރި އެވެ. މިގޮތުން ރާއްޖޭގައި ކުރި އަށް ގެންދިޔަ މަސްތުވާތަކެތީގެ އެސެސްމަންޓެއް ހެދުމުގައި އޭނާ ބައިވެރިވި އެވެ. މި މަސައްކަތް ވެގެން ދިޔައީ، ގިނަ ކަންތައްތަކަށް ނިއުޝާދުގެ ލޯ ހުޅުވިގެން ދިޔަ ކަމަށެވެ.
"މި ކަމުގައި ޑްރަގް ޔޫޒާސް އާއި ހާލުގައި އުޅޭ މީހުންގެ އިންޓަވިއު ނަގަން ޖެހުނު. މިކަން ވެގެން ދިޔައީ ވާހަކަ ދެއްކުން ފަދަ ކަންކަން ދަސްވި ކަމަށް. މި ސާވޭގައި އުޅުނު އިރު އެނގުނީ އަހަރެން މި އުޅެނީ އަދި ހާލުގައި ނޫންކަން. ހާލުގައި އުޅޭ މީހުން އެބައުޅޭކަން،" ނިއުޝާދުގެ ބުންޏެވެ.
ނިއުޝާދުގެ ރަސްމީ ވަޒީފާއަކީ ދަމާސް ޓައިލްސް އެންޑް ސެނިޓަރީ ފިހާރަ އެވެ. އެތަނުގައި އޭނާ ކުރަން ޖެހުނު ކަމަކީ ތަށި މުޅި ވިއްކުމެވެ.
"ދަމާސް އަށް ވަނީ ވެސް މި ސާވޭގައި އުޅުނު އިރު ކައުންސިލަރުންނާ ދިމާވެ. އެ މީހުން ވަޒީފާ އަށް ގޮސްގެން އުޅޭ ގޮތް ފެނިގެން. އެކަމަކު ފުރަތަމަ ވަޒީފާ އަށް ދާއިރު އެއްވެސް ވަޒީފާގެ އަހުލާގެއް ނުހުންނާނެ ތާ؟ އެހެންވެ އެ ތަނަށް [ދަމާސް] އަށް ދަން. ގޮސް ތަށި މުޅި ވިއްކަން ޖެހެނީ. އެކަމަކު އެއް މަސް ވީތަކުން ޕާފޯމް ނުކުރެވޭތީ ކަނޑާލީ. އެ ދުވަހު ވަރަށް ދެރަވި. އެއީ ގެ އަށް ގޮސް ބުނާނެ އެއްޗެއް ނޭނގޭތީ،" ފުރަތަމަ ވަޒީފާގެ ހިތި ތަޖުރިބާ ނިއުޝާދު ކިޔައިދިނެވެ.
ފުރަތަމަ ވަޒީފާ އިން ވަކިކުރުން ނިއުޝާދު ބެލީ އެއީ ތަޖުރިބާއެއް ކަމަށެވެ. އެހެންވެ އޭނާ އަޒުމް ކަނޑައެޅީ ދެން ވަޒީފާ އަކުން ކަނޑައިނުލާނެ ވަރަށް މަސައްކަތް ކުރާށެވެ. މި އަޒުމުގައި ދެވަނަ ވަޒީފާ އަކަށް ސިޓީ ވައްޓާލީ އެވެ. އެ ވަޒީފާއަކީ އެއާ ޓެކްސީ އެވެ. އެތަނުގައި ކުރަން ޖެހުނު ކަމަކީ އެއާޓެކްސީގައި ހުންނަ ފިހާރައެއްގައި ޓީޝާޓް ވިއްކުމެވެ.
"ވަޒީފާ އަށް ވަތް ދުވަހު އެއާ ޓެކްސީ ކުންފުނީގެ ޖެނެރަލް މެނޭޖަރު ފައުޒީ ކައިރި އަށް ގެންދިޔަ. ގެން ދިއުމުން ބުނީ ނިއުޝާދަކަށް މި ކަމެއް [އެއާ ޓެކްސީ ވަޒީފާ] ގައި ނުޅެވޭނެއޭ! ތިޔަ ލެވެލްގައި މި ތަނަކު ނޫޅެވޭނެ އޭ. އެކަމަކު އަޅުގަނޑު ބުނީ ފުރަތަމަ ވަޒީފާ ދޭށޭ. ދިނީމަތާ އޭ އެނގޭނީ... ބުނީމަ ދިނީ،" ނިއުޝާދު ބުންޏެވެ.
އެއާ ޓެކްސީއަކީ ނިއުޝާދު މާކެޓިން ވަޒީފާގެ ފެށުން ކަމަށް އޭނާ ގަބޫލު ކުރެ އެވެ. ސަބަބަކީ ހަނދާނީ ހަދިޔާ ވިއްކާ ފިހާރައިގެ ކައުންޓަރުގައި ހުރެ އެއްޗެއް ވިއްކަން ޖެހުމެވެ. އެތަނުގައި ހުންނަ ޓީޝާޓްތަކުގެ މޮޅުކަން ކިޔައިދީ، ޓޫރިސްޓުންގެ "ބޮލުގައި" އަޅުވަން ދަސްވުމެވެ.
"އެ ތަނުގައި [އެއާ ޓެކްސީ] ގައި އުޅެގެން ހޭނުނީ ގަޑި ނުޖެހި ތަންތަނަން ދާން. ފަތިހު ހަތަރެއް ޖަހާއިރު އެއާ ޕޯޓަށް ދާން ދޯންޏަށް އަރަން ޖެހޭ. ގަޑި ޖެހޭ މީހުން އަނދާނެ ތާ؟ އެ ތަނަކީ ބުނެވޭނީ ބޫޓް ކޭމްޕެކޭ،" ނިއުޝާދު ބުންޏެވެ.
"އެއާ ޓެކްސީގައި ހުއްޓައި، އެ ތަނުގައި އުޅެނިކޮށް ސުނާމީ އެރީ ވެސް. އޭގެ ފަހުން ވިސްނަން ފެށީ. އޭރު ޓޫރިޒަމް ދާއިރާ ވެސް އޮތީ އަޑި އަޅާލާފަ."
އޭގެ ފަހުން ނިއުޝާދުގެ ވަޒީފާއަކީ "ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސް" އެވެ. ވަތަނިއްޔާ ރާއްޖެ އައިސް މީހުން ނަގަން ފެށުމާއެކު، އޭނާ އެ ތަނަށް ސިޓީލި އެވެ. ނަސީބު ރަނގަޅީކަން ނޭނގެ އެވެ. ވަޒީފާ ލިބުނީ އެވެ. ފުރަތަމަ ވަޒީފާއަކީ ކޯލް ސެންޓަރު އޮޕަރޭޓަރެވެ. ފޮނު ނަގައި ބާއްވާށެވެ.
"އެމީހުން ބުނި ކޯލް ސެންޓަރުގެ ފުރަތަމަ ބެޗަކީ ނަސީބު ގަދަ ބައެކޭ. މި މީހުންނަށް ކުރި އަށް ދެވޭނެއޭ. އެހެންވެ ވަރަށް ހަމަޖެހިގެން އުޅުނީ،" ނިއުޝާދު ބުންޏެވެ.
ނިއުޝާދު ގަބޫލު ކުރާ ގޮތުގައި ވަތަނިއްޔާ، މިހާރުގެ "އުރީދޫ" އިން ރާއްޖޭގައި ފޯނުގެ ހިދުމަތް ދޭން ފަށައި، ގެނެސްދިން ބަދަލުތައް ބޮޑެވެ. އެ ކުންފުނިން ދިން ތަމްރީންތަކާއި ޕްރޮގްރާމްތައް ރާއްޖެ އަށް މުޅިން އަލެވެ. އެ ނިޒާމު ރާއްޖޭގެ އެޑިއުކޭޝަން ނިޒާމުގެ ތެރޭގައި ވެސް ނެތެވެ.
"ކަސްޓަމާ ކެއާގައި އުޅުނުއިރު ފެނޭ، އިބްރާހިމް ހުސެއިން ޝިހާބު މެން އުޅޭތަން. އެމީހުން ކުރާކަންތައް ފެނޭ. އޭރު ހިތަށް އަރާ އެ [މާކޮމްސް] ގައި ތަނުގައި މަސައްކަތް ކުރަން ލިބޭނެ ނަމައޭ،" ނިއުޝާދު ބުންޏެވެ.
ނިއުޝާދުގެ ނަސީބު އަތުގައި ހިފީ މި ހިސާބުންޏެވެ. ފ. ނިލަންދޫގައި އޮތް ޓެލެކޮމް ފެއާއެއްގައި ކަސްޓަމަރު ކެއާގެ ކުދިން ބަހަލައްޓަން އޭނާއަށް ޖެހުނެވެ. މިކަންވީ ވަތަނިއްޔާ މެނޭޖުމަންޓުގެ ލޮލުގައި ނިއުޝާދު އަޅައި ގަތް ކަމަށެވެ. މި ހިސާބުން އޭނާ މާކެޓިން ޑިޕާޓްމަންޓަށް ބަދަލު ކުރީ އެވެ. އެކަމުން ވަތަނިއްޔާގައި ގިނަ ފުރުސަތުތައް ލިބުނެވެ. މިއީ ނިއުޝާދު ހިއްލައިލި ހިސާބެވެ. އެންމެންގެ ދުރުމިއަށް އޭނަ އަަރައިފި އެވެ.
"އޭރު އެންމެ ބޮޑު ހެލްޕެއް ލިބުނު ވަތަނިއްޔާގެ މާކެޓިން އެޖެންސީއެޖެންސީ. [ތިންކު] އޭރު ވަތަނިއްޔާގެ މާކެޓިން އެޖެންސީ އަކަށް އޮތީ ތިންކް. ތިންކުގެ އަދީލް އާއި ރޭޝަން ވަރަށް ބޮޑު އެހީތެރި ކަމެއް ދިން. ފަސް ގައުމުގެ މީހުންނާއެކު މަސައްކަތް ކުރެވުނު. އެ ދުވަސްވަރު ތަފާތު ބިލް ބޯޑު ތަކެއް ވެސް ނެރެވުނު. ކެމްޕޭންގެ،" ނިއުޝާދު ބުންޏެވެ.
އޭގެ ފަހުން ނިއުޝާދު އުމުރުން 23 އަހަރުގައި މާކެޓިން އެންޑް ކޮމިއުނިކޭޝަންގެ މެނޭޖަރުގެ މަގާމު ލިބުނެވެ. މިކަންވީ އޭނާ ދިރިއުޅުމުގެ އެންމެ ބޮޑު އެއް ކާމިޔާބީ އަށެވެ.
"ވަ ކިވީ މުސާރަ ކުޑަވީމަ މަގާމާ ބަލާއިރު، އެކަމަކު ފުރަތަމަ ވަޒީފާ އަށް ވަނީ 3،000ރ. އިން މެނޭޖަރަކަށްވީ އިރު 12،000ރ. ލިބެނީ. އެހެންވެ ރަނގަޅު މުސާރައެއް ހޯދަން ދިޔައީ. ދިޔައީ ތިންކަށް. ބޭނުންވީ އިތުރަށް ކިޔަވަން. ހަޔާތުގައި މިވަރުގެ ރަނގަޅު މޫވްއެއް ނުނެގޭ. ތިންކުން ލިބުނު ވަރަށް ރަނގަޅު ފުރުސަތު. ރާއްޖޭގެ ބޮޑެތި ބްރޭންޑްތަކާއެކު މަސައްކަތް ކުރަން ލިބުނު،" ނިއުޝާދު ބުންޏެވެ.
"އެންމެ ބޮޑު ކަމަކަށްވީ ދިރާގުގެ ކަންކަން ވެސް އެނގެން ފެށުން. ތިންކުގައި އުޅުނުއިރު ދިރާގާއެކު މަސައްކަތް ކުރަން ލިބުނު. ދިރާގުގެ މެނޭޖުމަންޓް ހައިރާންވާހާ ރަނގަޅު. މޮޅު. ވަތަނިއްޔާގައި ނެތް މެނޭޖުމަންޓް ދިރާގުގެ ތެރެއިން ފެނުނު. ވަރަށް ގިނަ އެއްޗިހި ތަކެއް ދަސްވި. ތިންކުގައި އެންމެ ފާހަގަ ކުރެވެނީ އަދީލް، އޭނަ މަސައްކަތް ކުރީ ބައްޕައެއް ހެން. މިއީ ވެސް ވަރަށް ތަފާތު ކަމެއް. ހަވީރު ސްޕޯޓްސް އެވޯޑު ފަސް ފަހަރު މެނޭޖު ކުރުމުގައި އުޅުނިން. އެލައިޑްގެ އަހަރީ ދުވަސް ފާހަގަ ކުރިން. މިގޮތަށް ވަރަށް ބައިވަރު އިވެންޓް ތަކެއްގައި އުޅެވުނު."
ނިއުޝާދު މަތީ ތައުލީމަށް ކިޔެވީ ތިންކުގައި ހުރެގެންނެވެ. އޭގެ ފަހުން ނިއުޝާދު ދިޔައީ އެލައިޑް އިންޝުއަރެންސް އަށެވެ.
"އެލައިޑުން ފުރުސަތު ދިނީ ހިންނި. އޭރުގެ އެލައިޑްގެ މާކެޓިން ހެޑް. އަސްލު މިގޮތަށް އެހެން ތަނަކުން ފުރުސަތެއް ނުދޭނެ. އެކަމަކު އެލައިޑްގައި އެ ކަހަލަ ކަލްޗާ އެއް އޮވޭ. އެމީހުން އެހެން މީހުން ތަރައްގީ ކުރަން ވަރަށް ބާރު އަޅާނެ އެލައިޑުން. އެލައިޑުގައި މަސައްކަތް ކުރަން ފެށީމަ މިހާރު ތިޔަ ފެންނަ އެއްޗިހިތައް މި ފެންނަން ފެށީ،" ނިއުޝާދު ބުންޏެވެ.
" ދެން، ސުވާލަކަށްވީ ނިއުޝާދު އެލައިޑުގައި ކުރާނީ ކޮންކަމެއް ހޭ؟ މީގައި ރަނގަޅު ތަންކޮޅަކީ އެމްޑީ އަހުމަދު އަމީލްމެންނަކީ އެއްވެސް ކަމެއް ހުއްޓުވާނެ ބައެއް ނޫން. އެންމެ ބޮޑު ފަސޭހައަކީ ދިވެހި މެނޭޖުމަންޓަކަށްވީމަ. މިހާރު ފެނޭ އެބަ އެލައިޑުގެ ނަން، އެބަ ހިނގާ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" ނިއުޝާދު ބުންޏެވެ.
ނިއުޝާދުގެ ކާމިޔާބީގެ ދަތުރުގައި، މިސާލަކަށް ބަލާނެ ގިނަ ނަން ތަކެއް ހިމެނެ އެވެ. ނަމަވެސް މި ލިސްޓުގެ އެންމެ ކުރީގައި އޮތީ މަންމަ އެވެ. މަންމަ ދިން ހިތްވަރެވެ. ނަސޭހަތެވެ. އަދި ބައްޕަ ވަޒީފާ އަށް ގޮސް ކުރާ ބުރަ މަސައްކަތް އޭނާ ފާހަގަ ކުރެ އެވެ. އަދި ތިންކުގެ އަދީލް އާއި ރޭޝަން އަދި އެލައިޑުގެ ކުރީގެ އެމްޑީ ވާހިދާއާއި މިހާރުގެ އެމްޑީ އަމީލްގެ އިތުރުން އެލައިޑު މާކެޓިންގެ ޖީއެމް އާއި އުރީދޫގެ ނަން އޭނާ ފާހަގަ ކުރަނީ ޝުކުރުން ފުރިގެންވާ ހިތަކާއެކުގަ އެވެ.
ބުރަ މަސައްކަތްކޮގެން ގޮންޖެހުންތައް ގިރާ ކުރުމަށްފަހު ނިއުޝާދު މިއަދު ހުރީ އުފަލުންނެވެ. ނިއުޝާދުގެ އަޒުމަކީ އޭނާގެ ދެ ކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައި ދިނުމެވެ. އަދި މިހާރުގެ ވަޒީފާގައި އެލައިޑް އިންޝުއަރެންސުގެ ނަން އެންމެ މައްޗަށް ގެންގޮސް ދިނުމެވެ.