ވިޔަފާރި

އުރީދޫގެ ސަބްމެރިން ކޭބަލުން ރާއްޖެ ގުޅާލައި، 4ޖީ ޕްލަސް ތައާރަފްކުރަނީ

  • މިއަހަރު ނިމުމުގެ ކުރިން 4ޖީ ޕްލަސް ފަށާނެ
  • މުޅި މަޝްރޫއަށް 25 މިލިއަން ޑޮލަރު
  • މުޅި ރާއްޖެއަށް އަވަސް އިންޓަނެޓް ދޭނެ

ސަބްމެރިން ކޭބަލަކުން މުޅި ރާއްޖެ ގުޅާލުމަށް އުރީދޫ އިން ކުރިއަށް ގެންދާ މަޝްރޫއު ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ. މުޅި ރާއްޖޭގައި އެ ކުންފުނިން ގާއިމް ކުރާ ސަބްމެރިން ކޭބަލް، ހުޅުމާލޭގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ ގުޅާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނިން މުޅި ރާއްޖެއަށް 4ޖީ ޕްލަސް ތައާރަފް ކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.

އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު ކަމަށްވާއިރު، ހަމަ އެދުވަހު ވަނީ އައްޑޫ، ހިތަދޫގައި ބަހައްޓާފައިވާ ކޭބަލް ލޭންޑިންގް ސްޓޭޝަންއާ އެ ކޭބަލް ގުޅާލައިފަ އެވެ. ގާތްގަނޑަކަށް 1200 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގާއިމް ކުރާ އެ ސަބްމެރިން ކޭބަލް ހުޅުމާލެ ސްޓޭޝަނާ ގުޅާލައި އެ މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރުމަށް ހުޅުމާލޭގައި ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

ހުޅުމާލޭއަށް ފަހު ދެން އެ ކޭބަލް ގުޅާލާނީ ހދ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ސްޓޭޝަންއާ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި، އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކަންކޮޅުތަކަށް 4ޖީ ޕްލަސް ފޯރުކޮށްދިނުމުގެ ގާބިލްކަން އުރީދޫ އަށް ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ޑިޖިޓަލް ދުނިޔޭގައި ދިވެހި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރެވޭނެ އެވެ. އޭނާ ވިދާޅުވީ މުޅި ރާއްޖެއަށް 4ޖީ ޕްލަސް ފަތުރާލުމަށް ކާމިޔާބު އަޕްގްރޭޑްތަކެއް ކުންފުނިން ވަނީ ފަށާފަ އެވެ.

"އުރީދޫއިން ގަބޫލުކުރާގޮތުގައި، އައިސީޓީ ޓެކްނޮލޮޖީ އަދި ބްރޯޑްބޭންޑްގެ ހިދުމަތްތައް މެދުވެރިކޮށް، ދިވެހި ރައްޔިތުންގެ ހަޔާތައް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ފުރުސަތުތަކަށް މަގުފަހިކޮށްދެވޭނެ. ދުނިޔޭގެ އެކި ހިސާބުތަކުގައިވާ ޑިޖިޓަލް މުޖުތަމައުތަކުގެ މައިބަދަ އަކީ ފައިބާ ކަމަށް ވީ ހިނދު، އަޅުގަނޑުމެންގެ މަގްސަދަކީ ވީހާވެސް އަވަހަކަށް ސަބްމެރިން ކޭބަލްގެ އެންމެ ފުރިހަމަ ބޭނުން ހިފުން. މަލްޓި މިލިއަން ޑޮލަރުގެ އަޕްގްރޭޑަކަށްފަހު، ދެކުނު އިރުމަތީ އޭޝިޔާގެ ފުރަތަމަ 100 ޕަސެންޓް 4ޖީ ޕްލަސް ނެޓްވާކް، ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި ތަޢާރަފްކުރުން ވެގެންދާނެ. މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް،" ގިނަ ވިޔަފާރިތަކުން ބައިވެރިވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 25 މިލިއަން ޑޮލަރުގެ އެ މަޝްރޫއާ އެކު ރާއްޖޭގެ ހުރިހާ ރަށަކާއި ރިސޯޓްތަކަށް ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިއްމު ޕްރޮޖެކްޓްވެސް އުރީދޫއިން މިއަދު އިއުލާންކުރި އެވެ.

އެ ހަފްލާގައި ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ، މި ސަރަހައްދުގެ އެންމެ ކަނެކްޓިވިޓީ ރަނގަޅު ގައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ފަށާފައިވާ އިގްތިސާދީ އެޖެންޑާ ކާމިޔާބު ކުރުމުގައި އުރީދޫގެ ބައިވެރިވުން ރާއްޖެއަށް ވަރަށް ބޮޑެވެ. އިގްތިސާދީ އަދި އުމްރާނީ ތަރައްގީގައި އުރީދޫ އަކީ ނަމޫނާ ކުންފުންޏެއް ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ވިޔަފާރި އާއި އިގްތިސާދުގައި އުރީދޫގެ ދައުރު ވަރަށް މުހިންމު ކަމަށެވެ.

"ދެކުނު އިރުމަތީ އޭޝިޔާގެ ކަނެކްޓިވިޓީ އެންމެ ރަނގަޅު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ސަރުކާރުން ދެކޭ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި އުރީދޫގެ ނެޓްވާރކް އަޕްގްރޭޑް އެހީތެރިވެ، ރާއްޖޭގެ އައިސީޓީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިކޮށްދޭނެ. އުރީދޫ އަކީ އިންވެސްޓްމަންޓް މެދުވެރިކޮށް ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ ކުރިއެރުވުމުގެ މިސާލެއްކަމަށްވާއިރު، އެކުންފުނިން ރާއްޖެއަށް ކޮށްދެމުންދާ ހިދުމަތްތަކުގެ އަގުވަޒަންކުރަން." މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ.