ލައިފްސްޓައިލް

މި ކުދިންގެ އާދޭސް: "އަމާން ދިރިއުޅުމެއް ހޯދައިދީ"

ސީރިއާގައި ހިނގަމުންދާ ހަނގުރާމާގައި އެންމެ ވޭނުގައި މިހާރު އުޅެމުން ދަނީ ހަލަބުގެ ރައްޔިތުންނެވެ. ވައިގެ އެތަކެއް ހަމަލާތައް އަމާޒުވެފައިވާ އެ ސިޓީ ވެފައިވާ "މީހުން ކަތިލާ" ގެއަކަށެވެ. ލޭގެ ކޯރުތައް މަގުމަތީ ދެމިފައިވާއިރު ގެތައް ވަނީ ސުންނާފަތިވެފަ އެވެ.

އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު އެތައް ބަޔަކު ވަނީ އެ ސިޓީ ދޫކޮށް ނުދެވި އެތާ ދާށިވެފަ އެވެ. ބޮމެއް ގޮއްވާލީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. އެންމެ ލޯބިވާ މަންމަ ބީވެގެން ދާނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. ބަލަހައްޓަން ހުރި ބައްޕަ ވަކިވެދާނީ ކޮން ފަދަ ހިތާމައެއް ދީފަ ކަމެއް ނޭނގެ އެވެ. ޅަ ދަރިފުޅުގެ ކަށްވަޅު ކޮންނަން ޖެހޭނީ ކޮން އިރަކު ކަމެއް މައިންބަފައިންނަކަށް ނޭނގެ އެވެ.

ހަލަބު ހާލަތު ގޯހުން ގޮހަށް ގޮސްފައިވާކަން ކޮންމެ ބަޔަކަށް ވެސް އެނގެ އެވެ. އެ ސިޓީގެ ހާލަތު މުޅި ދުނިޔެއަށް ހާމަވެފައިވީ ނަމަވެސް އެއްވެސް ބަޔަކަށް ކުރެވުނު ކަމެއް ނެތެވެ. ކަމެއް ކުރާ ތަނެއް ވެސް ނުފެނެ އެވެ. އަދިވެސް ހަމަލާތައް ބަދަލުވަނީ އެވެ.

މިފަދަ ހާލަތެއްގައި ހަލަބުގެ ކުޑަ ކުދިންތަކެއްގެ ވީޑިއޯ މިވަނީ އާންމުވެފަ އެވެ. ދުނިޔެއަށް އެ ކުދިން ބޭނުންވާ ގޮތް ވަނީ ހާމަކޮށްފަ އެވެ. އަސަރުގަދަ މެސެޖެއް ވަނީ ދީފަ އެވެ.

ކުދިންގެ މެސެޖް

"މަރުހަބާ، މިއަދަކީ އަހަރެމެން ފެންނާނެ އަދި އަހަރެމެންގެ އަޑު އިވޭނެ ފަހު ދުވަހަށް ވެދާނެ، އަހަރެންނަކީ އުމުރުން 10 އަހަރުގެ ޔާސްމީން، އަހަރެން ޔަތީމުވިތާ ދެ އަހަރު ވެއްޖެ، އަހަރެންގެ މަންމަ އާއި ބައްޕަ މަރުވީ ބޮމެއް ގޮއްވާލުވުމުގެ ސަބަބުން، އަހަރެން މި މެސެޖް މި އެޑްރެސް ކުރަނީ އިންސާނީ ހައްގުތަކާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭ އޮގަނައިޒޭޝަންތަކަށް، އަހަރެމެން އުއްމީދުކުރަނީ ހަލަބުން އަހަރެމެން ބޭރު ކޮށްދޭނެ ކަމަށް، މިތާ އެބަ ތިބި 47 ޔަތީމު ކުދިން، އަހަރެމެންގެ އުއްމީދަކީ ހަލަބުން ނިކުމެ އަމާން ކަމާއެކު ކައި ބުއިން، އަހަރެމެން ބޭނުން ވަނީ ސުލްހަ، އަހަރެމެންނަށް ގެއިން ބޭރަށް ވެސް ނުނިކުމެވޭ، އަހަރެމެން ބިރު ގަނޭ، ދުނިޔޭގެ އެހެން މީހުންނޭ އެއްގޮތަށް ހަމަޖެހިގެން ދިރިއުޅުމަށް ބޭނުން ވަނީ ހަލަބު ދޫކޮށް ދިޔުމަށް،"

މި ކުދިންތަކުގެ އަސަރުގަދަ މި މެސެޖާއެކު އެތައް ބަޔަކަށް ވަނީ އަސަރުކޮށްފަ އެވެ. އެތައް ކުޑަ ކުދިންތަކެއް ހަލަބުގައި މަރުވެފައިވާއިރު ޔަތީމްވެފައިވާ ތިބި ކުދިން ވެސް އެހާ ގިނަ އެވެ. އެކިއެކި ޖަމިއްޔާތަކުން ދަނީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.