ރިޕޯޓް

ދިވެހި ބަހުން ކިޔާ ހުތުބާ ފަހުމު ވަނީ ކިތައް މީހުންނަށް؟

އިސްލާމީ މަރުކަޒުގައި ބޭރުގެ އިލްމުވެރިޔަކު މާދަމާ ހުކުރު ޚުތުބާ އިނގިރޭސި ބަހުން ދެއްވާތީ އެއީ ދިވެހި ބަހަށް މަލާމާތް ކުރުން ކަމަށް ވިދާޅުވެ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވަނީ އެކަން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. އިނގިރޭސި ބަސް ނުދަންނަ މީހުން ވެސް ޚުތުބާ އަޑުއަހާނެ ކަމަށާއި އެހެންވެ މިއީ އުންމަތަށް ވެސް ކުރެވޭ މަލާމާތެއް ކަމަށް އަޝްރަފާ ހަވާލާދީ "ހަވީރު" ގައި ބުނެފައިވެ އެވެ.

އެ ވިދާޅުވާހެން އެންމެންނަކަށް އިނގިރޭސި ބަހެއް ނޭނގޭނެ އެވެ. އެހެންވެ އެ ބަސް ނޭނގޭ ބަޔަކަށް މާދަމާ އިސްލާމީ މަރުކަޒުގެ ޚުތުބާގައި އެ ކިޔާ އެއްޗެއް ނޭނގޭނެ އެވެ. އެކަމަކު ހަމަ ހިތަށް އަރަނީ މިހެންނެވެ. ހުކުރަށް ގޮސް އަންނަ މީހުންގެ ތެރެއިން، މިހާރު ދިވެހި ބަހުން އެ ކިޔާ ހުތުބާއިން އެނގެނީ ކިހާ ވަރަކަށްތޯ ސުވާލުކޮށްފި ނަމަ އެނގޭނީ ކިތަން މީހުންނަށް ބާވައެވެ؟ ޚުތުބާ ނިމުމުގެ ކުރިން މިސްކިތާ ހަމަޔަށް ދެވެނީ ކިތައް މީހުންނަށް ބާވައެވެ؟

ހުކުރަށް ގޮސް ނިދާ މީހުން ނިދަނީ އެެވެ. މިސްކިތު ސިޑިމަތީގަ އާއި މިސްކިތާ ކައިރީގައި ހުންނަ ހިޔާގަނޑުތަކުގައި ފޯނުން ޗެޓްކުރުމާއި ގޭމް ކުޅުމުގައި އުޅޭ މީހުން ވެސް މަދެއް ނޫނެވެ. އަނެއް ބަޔަކަށް ޚުތުބާގެ ވަގުތަކީ މިސްކިތަށް ދާއިރު ދިމާވާ އެކުވެރިންނާ އަނގަތަޅާލާ ވަގުތެވެ.

ހުކުރަށް ދިއުމުގެ އެންމެ މުހިންމު ބޭނުމަކީ ޚުތުބާގައި ކިޔާ އެއްޗެއް ކަނުލައި އެހުމެވެ. އަދި ޚުތުބާ އަކީ އެ ދުވަސްވަރެއްގައި އެ މުޖުތަމައެއްގެ ހާލަތަށް ރިއާޔަތްކުރާ ދަރުސަކަށް ވާންޖެހެ އެވެ. މިކަން އެހެން އޮއްވައި، ބޭރު ބަހަކުން ޚުުތުބާ ކިޔާތީ އެއީ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނުގެ ރޫހާ ޚިލާފުވުން ކަމަށާއި އަމިއްލަ ބަހަށް މަލާމާތް ކުރުން ކަމަށް ވިދާޅުވާއިރު އަދި މިއަށްވުރެ ވުރެ ވިސްނުން ފުޅާކޮށްލަން އެބަ ޖެހެ އެވެ.

ގައުމުގައި މިއަދު ގިނައީ ޒުވާނުންނެވެ. ޒުވާނުންގެ އަހުލާގީ މައްސަލަތައް ގިނަ އެވެ. ހުކުރަށް ދިޔައީމޭ ބުނަން ހުކުރަށްދާ ޒުވާނުން ވަރަށް ގިނަވާނެ އެވެ. ހާލަތު މިހެން އޮއްވައި ޒުވާނުންގެ ޝައުގުވެރިވާ ބަހަކުން މިހާރުުގެ ހާލަތަށް ހާއްސަ ޚުތުބާއެއް ދިނުމަކީ ދިވެހި ބަހަށް މަލާމާތް ކުރުމޭ ބުނެ އެކަން ހުއްޓުވަން އުޅުން އެއީ އެންމެ ބުއްދިވެރި ގޮތް ބާވަ އެވެ؟ އެމެރިކާގެ އިލްމުވެރިޔާ ޔާސިރު ގާޟީ އިނގިރޭސި ބަހުން ޚުތުބާ ދިން ނަމަވެސް އޭގެ ދިވެހި ތަރުޖަމާ ވެސް ފަހުން އާންމުކުރަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެހެންވެ މިއީ އެހާ ކަންބޮޑުވެގެން ދިވެހި ބަހުގެ ހިމާޔަތުގައި ހާސްވެގެން ނިކުންނަން ޖެހޭ ވަރުގެ ކަމެއްގެ ގޮތުގައި ސިފައެއް ނުވެ އެވެ.

އަނެއްކާވެސް ދައްކަން ޖެހެނީ ދިވެހި ބަހަށް ވަމުންދާ ގޮތުގެ ވާހަކަ އެވެ. އަމިއްލަ ޒާތުގައި އުފެދޭ ބަސްތަކުގެ ބަދަލުގައި އަމިއްލަ އަށް ބަސް ހަދައި އެ ބަސްތައް އާންމުކުރަން އުޅުނަސް އެއީ އެހާ ކާމިޔާބު ކަމަކަށް ނުވާ ވާހަކަ އެވެ. ބަހުގައި އެހާ ބާރަށް ހިފަހައްޓައި އޮބިއަޅަން އުޅޭ ނަމަ ބަސް ކުރިއެރުމުގެ ބަދަލުގައި ބަސް ދެކެ ފަހުގެ ޖީލުތައް ފޫހިވާ ވާހަކަ އެވެ. އެކަމަކު އެއީ އެހެން މައުލޫއެކެވެ.