މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލް އާއި މެރީޑިއަމްގެ އެއްބަސްވުން ދަމަހައްޓަން ހުކުމްކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރުމަށް މެރީޑިއަމް ސާވިސަސްއާއެކު ވެފައިވާ އެއްބަސްވުން ދަމަހައްޓަން އަންގައި ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. -- މެރީޑިއަމަކީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ ކުންފުންޏެކެވެ.

މެރީޑިއަމުން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެ ކުންފުންޏަށް އެ މަސައްކަތް އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށްފައިވަނިކޮށް އެކަން އެހެން ފަރާތަކަށް ހަވާލު ކުރުމަކީ އެއްބަސްވުމުގެ މަގުސަދާ ހިލާފު ކަމެއް ކަމަށެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށް އެއްބަސްވެފައިވަނީ މިދިޔަ އޭޕްރީލް މަހު އެވެ. އެ އެއްބަސްވުން އަދިވެސް އެގޮތުގައި އެބަ އޮތް ކަމަށް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

މި މައްސަލާގައި މިގޮތަށް މިއަދު ހުކުމް ކުރިއިރު މީގެކުރިން މި މައްސަލާގައި ވަގުތީ އަމުރެއް ވެސް ނެރެފައިވެ އެވެ. އެ އަމުރުގައި އަންގާފައިވަނީ ތެޔޮ ސަޕްލައިކުރުމަށް މެރީޑިއަމް ސާވިސަސް ނޫން އެހެން ކުންފުންޏަކަށް ހަވާލު ނުކުރުމަށެވެ. އެ އަމުރު އެމްޕީއެލްއިން ހައިކޯޓުގައި އިސްތިއުނާފު ވެސް ކުރި އެވެ.

މި އަމުރާ ގުޅިގެން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދާއި ރިޔާޒު ރަޝީދާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، މީޑިއާގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް، ތުހުމަތުތަކެއް ކުރައްވާފައިވެ އެވެ.