ވިޔަފާރި

ޔޮޓް ރެލީއާ އެކު ރާއްޖެ ވަރަށް ބޮޑަށް ޕްރޮމޯޓްވާނެ: އެމްއެމްޕީއާރްސީ

ގާތްގަނޑަކަށް 100 އެއްހާ ޔޮޓާއެކު، 700 ފަޅުވެރިން ބައިވެރިވެގެން އިންޑިޔާ ކަނޑުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޔޮޓް ރެލީގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވެގެން ދާނެ ކަމަށް އެމްއެމްޕީއާރްސީއިން ބުނެފި އެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ހއ. އުލިގަމުން ފަށާ، ޔޮޓް ރެލީ އެންޑޯސްކޮށްފައިވަނީ އެމްއެމްޕީއާރްސީއިންނެވެ. އިވެންޓް އިންތިޒާމްކުރަނީ "ސެއިލް މޯލްޑިވްސް" އެވެ. އިވެންޓަށް ޔޫރަޕުގެ އެކި ގައުމުތަކުން 700 އެއްހާ މީހުން ރާއްޖެ އަންނާނެ އެވެ. އަދި މި ޔޮޓް ރެލީގެ ހަބަރުތައް ގެނެސް ދިނުމަށް ނޭޝަނަލް ޖޮއޮގްރެފިކް ޗެނަލް އާއި ގިނަ އަދަދެއްގެ ޓްރެވަލް ނޫސްތައް އަދި ބޭރުގެ މީޑިޔާ ތަކުން ބައިވެރިވާނެ އެވެ.

މިއަދު އެމްއެމްޕީއާރްސީގެ އެކްޓިން އެމްޑީ ހާރިޝް މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ރީތިކަން ދައްކާލުމުގެ ފުރުސަތު އެންމެ ބޮޑަށް ލިބޭނީ މިފަދަ އިވެންޓަކުން ކަމަށެވެ. ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑު ކަމަށްވާ އިރު، މިފަދަ އިވެންޓެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވިގެން ދިޔުމަކީ ރާއްޖެ ޕްރޮމޯޓްކުރަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ހާރިސް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރާއްޖެ ޕްރޮމޯޓްކުރުމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ސެއިލިން އިވެންޓަކަށްވުމުން ދިވެހިރާއްޖެއަށް ވަރަށް މުނާސަބު އިވެންޓެއް މި، އިވެންޓް ފެށެނީ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށްވުން އެއީ ވެސް ވަރަށް މުނާސަބު ކަމެއް،" ހާރިޝް ވިދާޅުވި އެވެ. "މުޅި ދުނިޔެ ކަވާކުރަމުން އަންނަ އެތައް ބަޔަކު ހއ. އިން ވަދެގެން ގޮސް ސ އަތޮޅުން ނިކުމެގެންދާކަން އެއީ މުޅި ރާއްޖެ ޝޯކޭސްކޮށް ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް މި އިވެންޓްގެ ސަބަބުން ފުރުސަތު ލިބޭނެ،"

ހާރިޝް ވިދާޅުވީ، ޓޫރިޒަމް ޕްރޮމޯޓްކުރާ ބޮޑެތި ޗެނަލްތަކުގެ ނޫސްވެރިން ވެސް މި އިވެންޓްގައި ބައިވެރިވުމަކީ ރާއްޖޭގެ އެކި ތަންތަން ދައްކާލައި، ދުނިޔޭގެ ސަމާލުކަން ހޯދުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ. އޭގެ އިތުރަށް މި އިވެންޓްގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ހުރި ގޮންޖުންތައް ވެސް ދުނިޔެއަށް ހާމަކުރެވޭނެ ކަމަށެވެ.

މި އިވެންޓްގައި ބައިވެރިވާ ޔޮޓްތައް މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ބަނދަރުކުރާނެ އެވެ. އަދި ބައިވެރިންނަށް ރަށްރަށުގެ ސަގާފަތާއި ކުޅިވަރުތަކާއި އަތްތެރި މަސައްކަތްތައް ދައްކާލައި، ކާބޯތަކެތީގެ ރަހަ ބެލުމަށް ފުރުސަތު ދޭނެ އެވެ. ރަށްރަށުގެ ދިރިއުޅުން ދައްކާލައި އިންޓަވިއުކުރުމުގެ ފުރުސަތު ބޭރުގެ ނޫސްވެރިންނަށް ވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ. ހާރިޝް ވިދާޅުވީ އޭގެ ސަބަބުން ދިވެހިންގެ އުޅުމާއި އަހުލާގާއި އޮންނަ ގާތް ގުޅުން ބޭރުގެ ފަރާތްތަކަށް އެނގި، އެމީހުންގެ ހިތްތަކުގައި ރާއްޖެއާމެދު އޮންނަ ލޯބި އިތުރުވެގެންދާނެ ކަމަށެވެ.

ސެއިލް މޯލްޑިވްސް އިން ވަނީ ޔޮޓް ރެލީގެ ޔޮޓުތައް ޖައްސާގެ 30 ރަށާއި، 10 ރިސޯޓެއް ކަނޑައަޅާފަ އެވެ. އަދި މި ރަށްރަށުގައި ހަރަކާތްތައް ހިންގުމުގެ ފުރުސަތު ވަނީ ކައުންސިލް ތަކާއި ރަށް ރަށްޔިތުންނަށް ދީފަ އެވެ. ޔޮޓުގައި ދަތުރުކުރާ މީހުން ރާއްޖޭގައި ދެ މަސް ދުވަސް ހޭދަކުރާއިރު، ކޮންމެ ރަށެއްގައި އެއް ދުވަސް މަޑުކުރާނެ އެވެ.

ސެއިލް މޯލްޑިވްސްގެ ކޯފައުންޑަރު އަދި ޑިރެކްޓަރު ޝަފީގު އަލީ ވިދާޅުވީ ޔޮޓްތައް ބަނދަރުކުރާ ރަށްރައް ނެގުމުގައި ބަލާފައިވާނެ ޖޮއޮގްރަފެކަލީ ރަށް އޮންނަ ހިސާބަށް ކަމަށެވެ. އައްޑޫ ސިޓީގައި އިވެންޓް ނިންމުމުގެ ގޮތުން އޯޝަން ފެސްޓިވަލަކާއެކު ހާއްސަ ހަރަކާތްތަކެއް އޮންނާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ. މީގެއިތުރުން އީކުއޭޓާ ހުރަސްކުރާ ހުރިހާ ސެއިލާސްއަށް ހާއްސަ ސެޓްފިކެޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ.

ސެއިލް މޯލްޑިވްސްގެ ޑިރެކްޓަރު އިގްނާޒު އަލީ ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ބޮޑު އިވެންޓެއް އިންތިޒާމް ކުރެވިގެން ދިޔައީ ސަރުކާރުގެ ފަރާތުން ލިބުނު ބޮޑު އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. އެކަމަކަށްޓަކައި އެމްއެމްޕީއާރްސީގެ އެމްޑީ އަދި ޓީމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަންނަ ޖެނުއަރީ މަހު ފަށާ މި އިވެންޓްގެ މީޑިއާ ޕާޓްނަރަކީ "އަވަސް" އެވެ.