ފިނިޕޭޖް

ނޮމިނޭޓުވުން ހައްގެއް ނޫން، އެވޯޑު ހަފުލާއަށް ނުދާނަން: ޔޫއްޕެ

މިރޭ ބާއްވާ ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް ހަފުލާއަށް ނުދާން މަޝްހޫރު ފިލްމީ ތަރި، ޔޫސުފް ޝަފީއު (ޔޫއްޕެ) ނިންމައިފި އެވެ. ޔޫއްޕެއަކީ އެންމެ ފަހުން ބޭއްވި ތިން ގައުމީ ފިލްމް އެވޯޑްސްގައި ވެސް އެންމެ މޮޅު އެކްޓަރުކަން ހޯދި ކުޅަދާނަ ބަތަލެވެ.

ރާއްޖޭގެ އެންމެ މަގުބޫލް އަދި އެންމެ ކާމިޔާބު ފިލްމީ ތަރި، ޔޫއްޕެ މިރޭގެ ހަފުލާއަށް ނުދާން ނިންމާފައިވާއިރު އެކަމާ ގުޅޭ ގޮތުން "އަވަސް"އާ ވާހަކަ ދައްކަމުން ޔޫއްޕެ ބުނީ، މިފަހަރުގެ އެވޯޑްގައި ބައިވެރިކުރި ފިލްމުތަކުން އޭނާއަށް ނޮމިނޭޝަން ލިބެންޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ޔޫއްޕެ އެންމެ މޮޅު އެކްޓަރު ކަމަށް ނޮމިނޭޓްވެފައިވަނީ "ފަތިސްހަނދުވަރު ފެށުމުގައި" އޭނާ ކުޅުނު ރޯލަށެވެ.

ޔޫއްޕެ ބުނީ، އެ ނޮމިނޭޝަން ލިބެން އޭނާއަށް ހައްގު ނޫން ކަމަށެވެ. އެ ފިލްމްގައި އަހުމަދު ފައިސަލް ވަނީ އަދާޔާހިލާފަށް މޮޅު ރޯލެއް އަދާކޮށްފައި ކަމަށާއި ފައިސަލް ނޮމިނޭޓް ނުވެ، އޭނާ ނޮމިނޭޓްވުން ގަބޫލު ނުކުރެވޭ ކަމަށެވެ.

މި އެވޯޑަކީ ގައުމީ ފިލްމް އެވޯޑަށްވުމުން އެވޯޑްގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ ވަރަށް އިންސާފުވެރިކަމާއެކު ކަމަށް ވެސް ޔޫއްޕެ ބުންޏެވެ. އެހެނަސް ޔޫއްޕެ ގަބޫލުކުރާ ގޮތުގައި މިފަހަރުގެ އެވޯޑް އިންސާފުވެރިއެއް ނޫނެވެ. އެވޯޑް ހަފުލާއަށް ނުދާން ޔޫއްޕެ ނިންމީ އެހެންވެ އެވެ. ޔޫއްޕެ ބުނީ، އެވޯޑްގެ ބައެއް ފަނޑިޔާރުންނަކީ ނޮމިނޭޓްވި ފިލްމުތަކުގައި މަސައްކަތް ކޮށްފައި ތިބި މީހުންކަމުން އެވޯޑްގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

މިފަދަ ބޮޑު އެވޯޑެއް ދޭ އިރު އެވޯޑަށް ބަދަލެއް ގެންނަން ވެސް ޔޫއްޕެ ބޭނުންވެ އެވެ. ޔޫއްޕެ ބުނީ، އޭނާ ދެކޭ ގޮތުގައި ފިލްމްތަކަށް އެވޯޑް ދޭން ޖެހޭނީ ދެ ކެޓަގެރީއަކަށް ބަހާލައިގެންނެވެ. އެއީ، އާޓް އަދި ކޮމާޝަލް ފިލްމްތަކަށް ވަކިންނެވެ. މި އަހަރުގެ އެވޯޑްގައި ގިނަ އާޓް ފިލްމްތަކެއް ބައިވެރިކޮށްފައިވެ އެވެ.

ޔޫއްޕެ މިރޭގެ އެވޯޑް ހަފުލާއަށް ނުދިޔަ ނަމަވެސް އޭނާއަށް މިރޭ އެވޯޑްސް ލިބިއްޖެނަމަ އެވާނީ ރެކޯޑަކަށެވެ. މިހާރު ވެސް ރިކޯޑް އޮތީ ޔޫއްޕެގެ އަތުގަ އެވެ. އެންމެ މޮޅު އެކްޓަރުގެ ގައުމީ ފިލްމް އެވޯޑްސް އެންމެ ގިނަ ފަހަރަށް ލިބިފައިވާ ތަރިއަކީ ޔޫއްޕެ އެވެ. އޭނާއަށް ވަނީ ހަތަރުވަނަ ގައުމީ ފިލްމް އެވޯޑްގައި "ވެހޭވާރޭތެރޭ" ގައި އަދާކުރި ރޯލަށް އެވޯޑްސް ލިބިފަ އެވެ. އެއަށްފަހު "ވާ ލޯބި އެނގޭނަމަ" ގައި ދެއްކި ރޯލަށް ގައުމީ ފިލްމް އެވޯޑް ލިބިފައިވާއިރު އެންމެ ފަހުން ބޭއްވި ގައުމީ ފިލްމް އެވޯޑްސްގައި "ހެޕީބާތްޑޭ" ގައި ޔޫއްޕެ ދެއްކި މޮޅު އެކްޓިންއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވަނީ ލިބިފަ އެވެ.