ފިނިޕޭޖް

ފިލްމް އެވޯޑްސް މިފަހަރު ތަފާތު، ކަމުދިޔަތަ؟

ރޭ ދަރުބާރުގޭގައި ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް ރޭ ވަނީ ބާއްވާފަ އެވެ. އެ އެވޯޑް ހަފުލާއަކީ މީގެކުރިން ބޭއްވި ގައުމީ ފިލްމް އެވޯޑްސް ހަފުލާތަކާ ތަފާތު އެވޯޑް ހަފުލާއެކެވެ. އެހެން ހަފުލާތަކާ ތަފާތު ގިނަ ކަމެއް މި އަހަރުގެ ހަފުލާއިން ފާހަގަވި އެވެ.

ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު މި އެވޯޑް ފެށިފަހުން ބޭއްވި ދެވަނަ އެވޯޑް ހަފުލާގައި އެވޯޑް ދީފައިވަނީ 2011 ވަނަ އަހަރުން 2013 ވަނަ އަހަރާ ދެމެދު ނިކުމެވެފައިވާ ފިލްމުތަކަށެވެ. އެންމެ ބޮޑު ކާމިޔާބީއެއް ރޭ ހޯދީ "ލޫދިފާ" އެވެ. އެ ފިލްމަށް ވަނީ ޖުމްލަ 10 އެވޯޑް ލިބިފަ އެވެ. ވާދަކުރީ 19 ކެޓަގަރީއެއްގަ އެވެ.

ދެން ކާމިޔާބު ފިލްމަކީ "ފަތިސްހަނދުވަރުގެ ފެށުން" އެވެ. އެ ފިލްމަށް ވަނީ ފަސް އެވޯޑް ލިބިފަ އެވެ. އެ ފިލްމް ވާދަކުރީ 16 ކެޓަގަރީއެއްގަ އެވެ.

އެވޯޑްތައް ހީކުރި ގޮތަކަށް ނޫން

ރޭގެ އެވޯޑް ހަފުލާއިން އެންމެންނަށް އެންމެ ބޮޑު ސިހުމެއް ލިބުނީ ސާކް ފިލްމް ފެސްޓިވަލްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި "އިނގިލި" އަށް އެއްވެސް އެވޯޑެއް ނުލިބުމުންނެވެ. އެންމެ މޮޅު ފިލްމަށް ވެސް ވާދަކުރި، "އިނގިލި" ފިލްމްގެ ޓީމް ރޭ އެވޯޑް ހަފުލާއިން ނިކުތީ ހުސްއަތާ އެވެ.

އޭގެ އިތުރުން މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހު ވެސް ރޭ ނިކުންނަން ޖެހުނީ ހުސްއަތާ އެވެ. ހަމަ އެފަދައިން އެވޯޑް ހަފުލާތަކުގައި ކާމިޔާބު، ފާތިމަތު ނަހުލާ ޕްރޮޑިއުސްކުރި ފިލްމް "މިހަށިން ފުރާނަ ދަންދެން" އަށް ވެސް ލިބުނީ އެންމެ ދެ އެވޯޑެވެ.

ދެ ފިލްމަކުން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑަށް ވާދަކުރި، ކުޅަދާނަ އެކްޓްރެސް ނިއުމާ މުހައްމަށް ވެސް ރޭ އެވޯޑް ލިބިފައެއް ނުވެ އެެވެ. އެ އެވޯޑް ގެންދިޔައީ "ލޫދިފާ" އިން މަރިޔަމް އަފީފާ އެވެ. ރޭގެ އެވޯޑް ހަފުލާގައި ނިއުމާ ބައިވެރިވި ނަމަވެސް ރެޑް ކާޕެޓުން ވެސް ނުފެނެ އެވެ. އެއީ އޭނާގެ ފަޔަށް އަނިޔާވެފައިވާތީ އެވެ. އެވޯޑް ހަފުލާ ނިމުނުއިރު ނިއުމާ އެ ހަފުލާއިން ވަނީ ގޮސްފަ އެވެ.

ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވި

ރޭގެ ހަފުލާއަކީ މީގެ ކުރިން ދުވަހަކުވެސް ފިލްމީ ދާއިރާގެ ހަފުލާއެއްގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ސިޔާސީ ފަރާތްތައް ބައިވެރިވެފައިނުވާ މިންވަރަށް ބައިވެރިވި ހަފުލާއެކެވެ. ރޭގެ ހަފުލާގައި ގިނަ މިނިސްޓަރުންތަކެއް ވެސް ބައިވެރިވެވަޑައިގަތެވެ. އެގޮތުން ހަފުލާ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ޝަރަފުވެރި ކޮށްދެއްވިއިރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރާއި ހެލްތް މިނިސްޓަރު އިބްރާހިމް ނާޒިމް ހަފުލާގައި ބައިވެރިވަޑައިގެން ފަންނާނުންނަށް އެވޯޑް ދެއްވާފައިވެ އެވެ.

މީގެއިތުރުން ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ އެމްޑީން ވެސް ހަފުލާގައި ބައިވެރިވި އެވެ. ބައެއް މަޖިލިސް މެންބަރުން ވެސް ބައިވެރިވި އެވެ.

ރޭގެ ހަފުލާގައި މާގިނައިން ސިޔާސީ މޫނުތައް ފެނުމުން ބައެއް މީހުން ފާޑުކިޔުންތައް އަމާޒު ކުރި ނަމަވެސް އެވޯޑް ހަފުލާގައި ބައިވެރިވި ފަންނާނުން ބުނީ، އެ ފަރާތްތައް ހަފުލާގައި ބައިވެރިވުމުން އުފާކުރާ ކަމަށާއި ފިލްމީ ދާއިރާއަށް އެ ބޭފުޅުން ސަމާލުކަން ދެއްވާކަން އެކަމުން ހާމަވާ ކަމަށެވެ. އަދި ފަންނާނުންގެ ކުރިއެރުމަށް ކުރިއަށް އޮތްތާ މަސައްކަތް ކޮށްދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އެއް ރަހައެއްގެ ދެ ހުށަހެޅުން

ރޭގެ އެވޯޑް ހަފުލާގައި ހުށަހެޅުންތައް މަދުވުމަކީ އެވޯޑް ހަފުލާ ފަޅުވި ކަމެވެ. ކުރީގެ އެވޯޑް ހަފުލާތަކުގައި ވަރުގަދަ ހުށަހެޅުންތައް ފެނިގެންދެ އެވެ. އެގޮތުން ފިލްމީ ތަރިންގެ ވަރަށް ކުޅަދާނަ ހުށަހެޅުންތައް ފެނިގެންގޮސްފައިވެ އެވެ. ޝީލާ ނަޖީބު، އަލީ ސީޒަން އަދި ފާތިމަތު ރިޝްމީމެން ފަދަ ކުޅަދާނަ ފަންނާނުންގެ ނެށުންތައް ފެނިގެން ގޮސްފައިވެ އެވެ.

އެހެނަސް ރޭގެ ޝޯގައި އެއްވެސް ފިލްމީ ތަރިއެއްގެ ހުށަހެޅުމެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ފެނިގެން ދިޔައީ މޯލްޑިވިއަން އައިޑޮލްއިން ވިދާލި ދެ ތަރިންގެ ހުށަހެޅުމެވެ. ޝަލަބީ އިބްރާހިމާއި މުހައްމަދު އިޝާނެވެ.

ރޭގެ ތަރިއަކީ އިޝާނެވެ. އިޝާން ރޭ ހުށަހަޅައިދިން ލަވަތަކުން ހަފުލާގެ އެތައް ބައެއްގެ ހިތް ދަމައިގަތެވެ. ރޭ ޝަލަބީ ލަވަ ހުށަހަޅާދީފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޔާމިން ރަޝީދާއެކު އެވެ. އެ ދެ ފަންނާނުން ވަނީ ތަފާތު ގޮތަކަށް ލަވަތައް މިކްސްކޮށްގެން ހުށަހެޅުމެއް ހުށަހަޅާދީފަ އެވެ.

އެއް ރަހައެއްގެ ދެ ހުށަހެޅުމެއް ރޭ ފެނިގެން ގޮސްފައިވާއިރު އެވޯޑް ހަފުލާ ފަޅުވެގެން ދިޔައީ ތަފާތު ރަހަތަކުގެ ހުށަހެޅުންތައް ނުފެނުމުންނެވެ.

ދިޔަ ތަރިންނާއި ނުދާ ތަރިން

ހަތްވަނަ ގައުމީ ފިލްމް އެވޯޑަށް ދިޔަ ތަރިންގެ ތެރެއިން އަލީ ސީޒަންގެ ނަން ފާހަގަކޮށްލެވެ އެވެ. މިހާރު ލަންކާގައި ދިރިއުޅޭ ސީޒަން އެވޯޑް ހަފުލާއަށް ރާއްޖެ އައިއިރު އޭނާގެ ނަން އެވޯޑަކަށް ނޮމިނޭޓް ވެސް ނުވެ އެވެ. "މިހަށިން ފުރާނަދާންދެން" އަދި "ލަވްސްޓޯރީ" ގައި މޮޅު އެކްޓިންއެއް ދެއްކި ނަމަވެސް ނޮމިނޭޓްވެފައިނުވާއިރު އޭނާ އެވޯޑް ހަފުލާއަށް ދިޔުމުން އެނގިގެން ދަނީ ފިލްމީ ދާއިރާއަށާއި އެވޯޑަށް އޭނާ ކުރާ އިހުތިރާމެވެ.

ހަމަ އެގޮތަށް މުހައްމަދު މަނިކު ވެސް ރޭގެ ހަފުލާއިން ފެނުނެވެ. އޭނާއަކީ ވެސް ނޮމިނޭޝަން ލިސްޓުން ކެހި ލިބުނު ތަރިއެވެ. މަނިކާއެކު އޭނާގެ އަންހެނުން ޝީލާ ނަޖީބު ވެސް ރޭގެ ހަފުލާއަށް ދިޔަ އެވެ. އޭގެއިތުރުން ލުފްޝާން ޝަކީބު (ލޫއްޕެ)، މަރިޔަމް ރިޝްމީ، ރަވީ ފާރޫގު، ނާޝިދާ މުހައްމަދު، އާމިރާ އިސްމާއިލް، ފާތިމަތު ރިޝްފާ، މަލްދާ ވަހީދު، ފާތިމަތު އަޒީފާ (އަޒޫ)، ސުނީތާ އަލީ، އަބްދުﷲ މުއާޒް، އަދި އިސްމާއިލް ރަޝީދަކީ ރޭގެ ރެޑް ކާޕެޓް އެންމެ ބޮޑަށް ފަޅު ފިލުވާލަދިން ތަރިންނެވެ.

ރޭގެ އެވޯޑް ހަފުލާއިން ނުފެންނަ އެންމެ މުހިންމު މޫނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. ޔޫއްޕެ އެވޯޑް ހަފުލާއަށް ނުދިޔުމަކީ ފަޅު ކަމެކެވެ. ޔޫއްޕެއާއެކު އެވޯޑް ހަފުލާއަށް ނުދާ ތަރިންގެ ލިސްޓުގައި ފާތިމަތު ނަހުލާ ވެސް ހިމެނެ އެވެ.

އޭގެއިތުރުން ރެޑް ކާޕެޓުން ފެންނަން ގިނަ ބަޔަކު ބޭނުންވާ، މިހާރު އެންމެ މަޝްހޫރު އެއް އެކްޓްރެސް، މަރިޔަމް އައްޒަ ވެސް ރޭ ނުފެނުނެވެ. އައްޒައާއެކު ބައެއް އެހެން ޒުވާން ތަރިން ވެސް ރޭ ނުފެނެ އެވެ. އެގޮތުން ޖުމާ، އަޒްމީލް، ޖުމައްޔިލް ފަދަ ތަރިން ރޭ އެވޯޑް ހަފުލާއަށް ނުދެ އެވެ. ރޭ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ހާސިލުކުރި މަރިޔަމް އަފީފާ ވެސް ރޭގެ ހަފުލާއަށް ގޮސްފައެއް ނުވެ އެވެ.