ވައްކަން

ހޯނޑެއްދޫ އިންޖީނުގޭ ތިޖޫރީ ވަގަށް ނަގައިފި

ގދ. ހޯނޑެއްދޫގެ އިންޖީނުގޭގެ ތިޖޫރީ ވަގަށް ނަގައިފި އެވެ. އެ ރަށު އިންޖީނުގެ ހިންގަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ހޯނޑެއްދޫ ކައުންސިލް މެންބަރު ރިފްޝާން އަހުމަދު ސައީދު މިރޭ ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ، އެ ރަށު އިންޖީނުގޭގެ ފުރާޅުން ޓިނު ނަގައިގެން ވަދެ ތިޖޫރީ ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

ތިޖޫރީ ވަގަށް ނެގިއިރު އެ ތީޖޫރީގައި ގާތްގަނޑަކަށް 70،000 އާއި 85،000 އާ ދެމެދުގެ އަދަދެއްގެ ފައިސާ ހުންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރިފްޝާން ވިދާޅުވީ، ފައިސާގެ އިތުރުން އެ ތިޖޫރީގައި ބައެއް ޗެކް ވެސް ހުންނާނެ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހު ހުށަހެޅުނު އެ މައްސަލައާ ގުޅިގެން ފެށި ތަހުގީގުގެ ތެރެއިން ތިޖޫރީ ވަގަށް ނެގި ކަމުގެ ތުހުމަތުގައި 33 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހާގެ ބަންދަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހަތް ދުވަހުގެ ބަންދު މުއްދަތެއް ދީފަ އެވެ.