ލައިފްސްޓައިލް

ހަލަބުން ޓްވީޓްކުރި ކުއްޖާ: "ޓީޗަރަކަށްވެ ހަލަބަށް އެނބުރި ދާނަން"

ހަލަބުގައި ހިނގާކަން ދުނިޔެއަށް ޓްވިޓާ މެދުވެރިކޮށް ހާމަކުރަމުން ދިޔަ ހަތް އަހަރު ބަނާ އަލްއާބިދު މިހާރު ވަނީ ހަލަބުން ނެރެ، ރައްކާތެރި ހިސާބަކަށް ގެންގޮސްފަ އެވެ. ހަލަބުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ބަނާ މިހާރު ހުރީ ތުރުކީގެ ކޭމްޕެއްގަ އެވެ.

އެ ކޭމްޕްގައި ހުރެ އޭނާ ދިން އިންޓަވިއުއެއްގައި ހަލަބުގައި އޭނާއަށް ދިމާވި ކަންކަން ވަނީ ކިޔައިދީފަ އެވެ.

"ހަލަބުގައި އޮތީ ބޮން ގޮއްވުން، އަހަރެމެންގެ ގެ ވެސް ސުންނާފަތިވީ ގޮއްވާލި ބޮމެއްގެ ސަބަބުން، ގެ ސުންނާފަތިވީ ނަމަވެސް ނަސީބަކުން އަހަރެމެން ސަލާމަތްވި، ވަރަށް ބިރުގަތް އެ ގަޑީގައި، އަހަރެންނަށް ހީވީ އަހަރެން މަރުވަނީ ކަމަށް، ގަލާއި ހިރަފުސް މުޅިތާ އޮތީ،" ބަނާ، އޭނާގެ ގެ ގޮއްވާލި ހާދިސާ ސިފަކުރި އެވެ.

"އަހަރެންގެ ސްކޫލާއި ބަގީޗާ ވެސް ވަނީ ބޮން ގޮއްވުމުގެ ސަބަބުން ސުންނާފަތިވެގެން ގޮސްފަ، އަހަރެން އަހަރެންގެ ގެ މަތިން ވަރަށް ހަނދާންވޭ،"

ބަނާ ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއާ ވެސް ބައްދަލުކޮށްފަ އެވެ. ތުރުކީގެ ރިޔާސީ ގަނޑުވަރުގައި ބަނާ ވަނީ ހިތްގައިމު ވަގުތުތަކެއް ރައީސް އުރުދުގާންއާއެކު ހޭދަކޮށްފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޓުވީޓު ކުރަން ފެށި ބަނާގެ ފޮލޯވަރުން އަދަދު މިހާރު ވަނީ 361،000 އަށް އަރާފަ އެވެ. އޭނާ އެންމެ ފަހުން ޓްވީޓްކޮށްފައިވަނީ ހަލަބުން އޭނާ ނެރެ، ރައްކާތެރި ހިސާބަކަށް ގެންގޮސްދިނީތީ، ތުރުކީގެ ފޮރިން މިނިސްޓަރަށް ޝުކުރު އަދާކޮށްފައިވާ ވީޑިއޯއެކެވެ.

ހަލަބުގެ ކުޑަކުދިން ސަލާމަތްކުރުމުގެ ނިޔަތުގައި ޓްވީޓްކުރަން ފެށި، ބަނާ ބޭނުން ވަނީ އޭނާގެ މަންމަ ފަދައިން ޓީޗަރަކަށްވާށެވެ. އަދި ވަޒީފާ އަދާކުރުމަށް އެނބުރި ހަލަވަށް ދާށެވެ.

ބޭރުގެ ނޫސްވެރިންނަށް ވެސް ހަލަބަށް ވަދެވޭނެ ގޮތް ނުވެ، ހަލަބުގައި ހިނގާ ކަންކަން ބެލޭނެ ގޮތެއް ނެތިފައިވަނިކޮށް، ބަނާ ޓްވީޓްކުރަން ފެށީ ހަލަބުގެ ހާލަތު މުޅި ދުނިޔެއަށް ދެއްކުމަށެވެ. އޭނާގެ ޓްވީޓްތަކަކީ އެންމެ ގިނަ ބަލާ ޓްވީޓްތަކަށް މިހާރު ވަނީ ވެފަ އެވެ.

ހަލަބު ސުންނާފަތިވެފައިވާ ފޮޓޯތަކާއި އާއިލާތައް އުޅެމުންދާ ހާލަތު ދައްކުވައިދޭ ފޮޓޯތައް ބަނާ ޓްވީޓްކުރަން ފެށުމުން ބޮޑެތި ފާޑުކިޔުންތައް ވެސް އޭނާއަށް އަމާޒުވެގެން ދިޔަ އެވެ. އެގޮތުން ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ވަނީ އެ ޓްވިޓާ އެކައުންޓަކީ ސަރުކާރު ދެކޮޅު ޕްރޮޕެގެންޑާ ހިންގާ ޓްވިޓާ އެކައުންޓެއް ކަމަށް ބުނެ ބަނާގެ މަންމަ ފާތިމާ އަލްބޭދަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. އެއީ އިނގިރޭސި ކިޔަވައިދޭ ޓީޗަރެކެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން ފާތިމާ ބުނެފައިވަނީ ބަނާގެ އެކައުންޓުގެ މަގުސަދަކީ ހަނގުރާމައިގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރު ދެއްކުން ކަމަށެވެ. އެއްވެސް ޕްރޮޕެގެންޑާއެއް އެކަމުގައި ނެތް ކަމަށެވެ.