ލައިފްސްޓައިލް

ސީރިއާގެ ކުދިންނަށް ރޮނާލްޑޯ: މިހުރީ ތިކުދިންނާއެކު!

ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ކުދިންނަށް ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހާއްސަ މެސެޖެއް ފޮނުވައި، އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ހާލުގައި ޖެހިފައިވާ ކުދިންނަށް ރޮނާލްޑޯ އެހީތެރިކަން ފޯރުކޮށްދީފައިވަނީ "ސޭވް ދަ ޗިލްޑްރެން" ޖަމިއްޔާ މެދުވެރިކޮށެވެ. ރޮނާލްޑޯ ފޯރު ކޮށްދީފައިވަނީ ކިހާވަރެއްގެ އެހީތެރިކަމެއް ކަން ހާމަކޮށްފައިނުވީ ނަމަވެސް އެ ޖަމިއްޔާއިން ބުނި ގޮތުގައި ރޮނާލްޑޯ ފޯރުކޮށްދިން އެހީއިން ހަލަބާއި ސީރިއާގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އަންނައުނާއި ކާނާ ފޯރުކޮށްދޭނެ އެވެ.

ރޮނާލްޑޯ ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސީރިއާގެ ކުދިންނަށް ހާއްސަ މެސެޖެއް ވެސް ދީފަ އެވެ. އޭނާ ބުނީ، ހަގީގީ ބަތޮލުންނަކީ އެ ކުދިން ކަމަށާއި އަބަދުވެސް އެ ކުދިންނާއެކު އޭނާ ހުންނާނެ ކަމަށެވެ.

"ތި ތަހައްމަލުކުރަމުން ތިދާ ދަތި ހާލު އަހަރެންނަށް އެނގޭ، އަހަރެން މިއީ ވަރަށް މަޝްހޫރު ކުޅުންތެރިއެއް، އެހެނަސް ހަގީގީ ބަތޮލުންނަކީ ތިއީ، އުއްމީދު ނަގާނުލާ، މުޅި ދުނިޔެ ވަނީ ތިކުދިންނާއެކު، އަހަރެން މި ހުރީ ތި ކުދިންނާއެކު، އަހަރެން ތި ކުދިންނަށް އަޅާލާނަން،" ފޭސްބުކް މެދުވެރިކޮށް ރޮނާލްޑޯ ދިން މެސެޖުގައި ބުންޏެވެ.

ހަލަބުގައި އެތައް ކުޑަ ކުދިންނެއް ހާލުގައި ޖެހިފައިވާއިރު ހަލަބުން މީހުން ހުސްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިހާރު ވެސް ގިނަ އަދަދެއްގެ އާއިލާތައް ވަނީ ހަލަބުން ނެރެފަ އެވެ. ހަލަބުގެ ފުރިހަމަ ކޮންޓްރޯލް މިހާރު ވަނީ ސީރިއާގެ ސަރުކާރުގެ ސިފައިން ނަގާފަ އެވެ.