ހަބަރު

ފެލިވަރު ބޮޑުކުރުމުން އިތުރު 042 ވަޒީފާ އުފެދޭނެ: ރައީސް

ދައުލަތުގެ މަސްކުންފުނިތައް އެއްކޮށްލައި ފެލިވަރު ތަރައްގީ ކުރުމުން އިތުރު 240 ވަޒީފާ އުފެދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަހާ ދިމާކޮށް ފެލިވަރުގައި މަސްވެރިންގެ މެރީނާއެއް ހުޅުއްވައި ދެއްވުމަށް އެ ރަށަށް ޒިޔާރަތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސަރުކާރުގެ މަސް ކުންފުނިތައް ވަކި ވަކިން އޮވެ މަސައްކަތްތައް ކުރަން ފެށުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަން ތަޖުރިބާއިން ދައްކާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރަނީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތައް އެއްކޮށްލައިގެން، ފެލިވަރުގެ ކެޕޭސިޓީ އިތުރުކޮށް އެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކަމަށެވެ.

"ފެލިވަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރުމުގެ ވާހަކަ ދައްކާތާ ވަރަށް ދުވަސް ވެއްޖެ. އަޅުގަނޑުމެން މި ބަލަނީ އެ މަސައްކަތް މިހާރު ފަށައިގަނެ، ވަކި ވަކިން ވިޔަފާރި ކުރަމުން މިއައި ސިނާއަތް އެއްކޮށްލުމަށް. އޭގެ ސަބަބުން އިތުރު 240 ވަޒީފާ އުފެދިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާގައި އުފެދޭ ވަޒީފާތަކަށް ޒުވާނުންނަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އިގްތިސާދީ މިފަދަ މަސައްކަތްތަކުގައި ޒުވާނުންގެ ދައުރު ބޮޑުވުމަކީ ހަކަތަ ހުރި ވަރުގަދަ އިގްތިސާދެއް އުފެދިގެން އަންނާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ޒުވާނުން މުރާލި ބައެއްގެ ގޮތުގައި ފެނުން އެއީ މި ސަރުކާރުން ބޭނުންވާ ގޮތަކީ. އަޅުގަނޑު ޒުވާނުންގެ ވާހަކަ ދައްކާތީ ފާޑު ކިޔުންތައް އެބަ ހުރި. ނަމަވެސް ޒުވާނުންނަކީ އިގްތިސާދުގެ ހަކަތަ ކަމުގައި އަޅުގަނޑުމެން ބަލަނީ. ޒުވާނުން ވިޔަފާރި ވެރިން އުފެއްދުން ޒުވާން މަސައްކަތްތެރިން އުފެއްދުން މިއީ ސަރުކާރުން އިސްކަން ދޭނެ ކަމެއް. އދ ފަދަ ތަންތަނުން ވެސް ޒުވާނުން ކުރިއެރުވުމުގެ ވާހަކަ މި އަންނަނީ ދައްކަމުން،" ރައީސް ވިދާޅުވި އެވެ.

ފެލިވަރުގައި މިއަދު ހުޅުއްވައިދެއްވި މެރީނާ އަކީ މަސްވެރިންނަށް ހާއްސަކޮށްގެން ހެދި އެފަދަ ފުރަތަމަ މެރީނާ އެވެ. ރައީސް ވިދާޅުވި ގޮތުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މަސްވެރިންނަށް ހާއްސަކޮށްގެން މެރީނާ އެއް ހެދުމަކީ މަސްވެރިންނަށް ޓަކައި މި ސަރުކާރަށް ކޮށްދެވުނު ވަރަށް ބޮޑު ކަމެކެވެ. އަދި ބެޔަސް ނުބެޔަސް ސްކީމުން މިހާރު ފައިސާވެސް ދޫކުރެވޭ އިރު މަސްވެރިންނަށް ޓަކައި މެނިފެސްޓޯގައި ހުރި އެހެން ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ލިބޭ ހިތްހަމަ ޖެހުމަކީ މަސްވެރިންނަށް ޓަކައި އަޅުގަނޑުމެންނަށް ކަންތައްތަކެއް ކޮށްދިނުން. މަސްވެރިކަމުގެ ސިނާއަތު ގުޅިލާމެހިގެންދާ ގޮތެއްގައި ކުރުމަށް ސަރުކާރުން މި ސިނާއަތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން ދާނެ،" ރައީސް ވދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހިންގުމުގައި މިހާރަށް ވުރެ ބޮޑަށް ސަރުކާރުގެ ދައުރެއް އޮންނަން ޖެހެ އެވެ. އަދި ކުންފުނިތަކުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގެ ޔަގީންކަން ސަރުކާރަށް ހޯދައިދެވެން އޮތީ އެގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ބެލެނިވެރިކަމުގައި ތިބި ކުންފުނިތަކުގެ ހިންގުން ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ދާނެ ގޮތަކަށް މަސައްކަތް ކުރައްވާނެ އެވެ.