ރިޕޯޓް

ޕްރެޝަރު ނެތީ ޖަލުގައި ސިޔާސީ މީހުން ނެތީމަތަ؟

  • ނަޝީދުގެ ވާހަކަފުޅު ދިމައެއް ނުވޭ
  • ކުށްވެރިވި ސިޔާސީ ބޭފުޅުން ޖަލުގައި އެބަތިބި
  • ޕްރެޝަރު ނެތީ ފިޔަވަޅުތަކުގެ ސަބަބުން

ޖަލުގައި "ސިޔާސީ" ބަޔަކު ތިބޭ ނަމަ އެއީ ސަރުކާރަކަށް އުނދަގޫވާނެ ކަމެކެވެ. އެއީ ބޭރުގެ ފަރާތްތަކުގެ ސަމާލުކަން އެކަމަކަށް ހުއްޓޭ ވެސް ކަމެކެވެ. އެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށްލުމުން ރާއްޖެއިން ވެސް ފެނިގެން ދިޔަ އެވެ. ރައީސް ނަޝީދަކީ ހުޅަނގާ ވަރަށް ގުޅުން ބޮޑު ބޭފުޅަކަށްވާއިރު ހުޅަނގުގެ ފާޑުކިޔުންތައް ރާއްޖެއަށް އަމާޒުވި އެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި އެމަނިކުފާނު ރާއްޖޭގެ ޖަލުން ލަންޑަނަށް ވަޑައިގަތުމަށް ސަރުކާރުން ހުއްދަދިނީ ވެސް ޕްރެޝަރުތަކުގެ ސަބަބުންނެވެ.

ރައީސް ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިހާރު ތިއްބެވީ ޖަލަކު ނޫނެވެ. ރައީސް ނަޝީދު ވިދާޅުވަނީ އެއީ ސަރުކާރަށް ލިބޭ ވަރަށް ބޮޑު ލުޔެކޭ އެވެ. އެއީ ސަރުކާރަށް ލުޔަކަށްވެދާނެ އެވެ. ކުރިއާ ނުވަތަ މި އަހަރުގެ ކުރީކޮޅާ އަޅާ ކިޔާލިއަސް ޕްރެޝަރު ވަރަށް ކުޑަ ކަމަށް ވެސް ވެދާނެ އެވެ. ބޭރުގެ ގައުމުތަކުން ރާއްޖޭގެ ކަންކަމާ ހާއްސަކޮށް ދާހިލީ ކަންކަމާ ބެހެން ކުރާ މަސައްކަތް ބޭރަށް ފެންނަ މިންވަރު ވަރަށް ކުޑަ އެވެ. އޭގެ ސަބަބަކީ އެ ވިދާޅުވާ ސިޔާސީ ބޭފުޅުން ޖަލުގައި ނެތުންތޯ އެވެ.

ރައީސް ނަޝީދު ލަންޑަނަށް ވަޑައިގެންނެވި ފަހުން ވެސް އަދި ކާނަލް ނާޒިމާއި އިމްރާން ގޭ ބަންދަށް ބަދަލުކުރި ފަހުން ވެސް ރާއްޖެއަށް އެކި ކަހަލަ ޕްރެޝަރުތައް ބޭރުން އައިސްފައިވެ އެވެ. ކޮމަންވެލްތް ސީމެގްގެ އެޖެންޑާގައި ވެސް ހިމެނި އެވެ. ރައީސް ނަޝީދު ފުރާވަޑައިގެން ފަހުން ސިޔާސީ ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ހުންނެވީ، ކުށެއް ސާބިތުވެ ޖަލުގަ އެވެ. އަދިވެސް ތިއްބެވީ ޖަލުގަ އެވެ. އެހެންވީއިރު މިހާ ބޮޑަށް، ރައީސް ނަޝީދު ވެސް ކަންބޮޑުވާ މިންވަރަށް ރާއްޖެއަށް ބޭރުގެ ޕްރެޝަރުތައް އައުމުން ހުއްޓުނީ ކީއްވެ ހެއްޔެވެ؟ އެއީ އެ ވިދާޅުވާ ފަދަ ސިޔާސީ ބޭފުޅުން ޖަލުގައި ނެތިގެން ހެއްޔެވެ؟ މުޅިއަކުން އެހެނެއް ނޫނެވެ.

ހަގީގަތުގައި ކޮމަންވެލްތު ޖަމިއްޔާއިން ރާއްޖެ ވަކިވާން ނިންމި ނިންމުމަކީ އޭގެ އެންމެ ބޮޑު ސަބަބެވެ. ހާއްސަކޮށް އެ ޖަމިއްޔާއިން ރާއްޖެ ވަކިވުމާއެކު އެންމެ ބޮޑަށް ސިހުނީ އެ ޖަމިއްޔާގެ ތެރޭގައި އޮވެގެން ރާއްޖެއަށް ޕްރެޝަރު ޖައްސާ ގައުމުތަކެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް 2003 ވަނަ އަހަރުން ފެށިގެން އައި ބަދަލުތަކާއެކު ކޮމަންވެލްތަކީ ރާއްޖެއަށް އަބަދުވެސް ވަރަށް ބޮޑެތި ފިއްތުންތަކެއް ފިއްތައި އަދި ރާއްޖެއަށް ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު އަބަދުވެސް ދެމުން ދިޔަ ޖަމިއްޔާ އެކެވެ. ރާއްޖޭގެ ދާހިލީ މިނިވަންކަން ގެއްލިދާ މިންވަރަށް އެ ޖަމިއްޔާ އެކަން ދިޔައީ ކުރަމުންނެވެ. ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި އަދި އެ ޖަމިއްޔާއާ ގުޅުމަށް ނިންމި ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް އެ ޖަމިއްޔާއިން ވަކިވާން ޖެހޭ ކަމަށް ވިދާޅުވާނީ ވަރަށް ބޮޑު ސަބަބެއް އޮތީމަ އެވެ.

ކޮމަންވެލްތަކީ އިނގިރޭސިވިލާތުން ބޭނުންވާ ގޮތަށް އެ މީހުންގެ ގޮތް އޮޕަރޭޓްކުރަމުންދާ ޖަމިއްޔާ އެވެ. އެ ޖަމިއްޔާއިން ރާއްޖެއަށް ޕްރެޝަރުކުރުމުގައި ރައީސް ނަޝީދުގެ ވަރަށް ބޮޑު ރޯލެއް އޮވެ އެވެ. އަދި ޑޭވިޑް ކެމަރަންގެ ސަރުކާރަކީ ރައީސް ނަޝީދާ ވަރަށް ގާތް ގުޅުމެއް އޮތް ސަރުކާރެކެވެ. އެހެނަސް މިހާރު އެ ހުރިހާ ކަމެއް ވަނީ ބަދަލުވެފަ އެވެ. ކެމަރަންގެ ސަރުކާރު ބަދަލުވެފައިވާއިރު ކޮމަންވެލްތުން ރާއްޖެ ވަކިވެ، ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތް އެދިމާއިން ހުއްޓުނީ އެވެ.

"ކޮމަންވެލްތުން ވަކިވުމަކީ ރައީސް އަބްދުﷲ ޔާމީން އެޅުއްވި ވަރަށް ވަރުގަދަ ފިޔަވަޅެއް، ބޭރުގެ ނުފޫޒު އެކަމުގެ ސަބަބުން އެއްކޮށްހެން މިވަނީ ހުއްޓިފައި، ރައީސް ނަޝީދު ކޮމަންވެލްތު މެދުވެރިކޮށް ނަގަމުން ދިޔަ ނާޖައިޒް ފައިދާ ހުއްޓިގެން ދިޔަ، މިހާރު ރައީސް ނަޝީދާ ބައިއަތު ހިފާނެ ބަޔަކު ނެތް،" ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ހަލީލު ވިދާޅުވި އެވެ.

ހަލީލު ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ މުޖުތަމައުއަށް މިހާރު ހާމަވެގެން ދަނީ ރައީސް ޔާމީންގެ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ރާއްޖެއަށް ގެންނަމުންދާ ތަރައްގީ އެވެ. އެއާ ހިލާފަށް ރައީސް ނަޝީދުގެ ސަރުކާރު ފެނުނީ މުޅިން ވެސް "ބާގަނޑުތައް" ކަން ބޭރުގެ ފަރާތްތަކުން ވެސް ގަބޫލުކުރެ އެވެ. އދ. ގެ ގިނަ ގައުމުތަކުން ވެސް ދެކެނީ އެގޮތަށެވެ.

"ރައީސް ނަޝީދުގެ ހަރުދަނާ ކަމެއް ނެތްކަން ގައުމުތަކަށް [މިހާރު] އެނގޭ، އެވެރިކަމުގައި ރާއްޖޭގެ ހަރު މުދާތައް ވިއްކާލައި، އިޖުތިމާއީ ފޭރާން ބަލިކަށި ކޮށްލި، އެއާ ހިލާފަށް ރައީސް ޔާމީން ވަނީ މަގުތައް އަމާންކޮށްފަ، ދޭދޭ ފަރުދުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދީފަ، މުޒާހަރާއެއް ނެތް،" ހަލީލު ވިދާޅުވި އެވެ.

ސިޔާސީ ދާއިރާގެ އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސިޔާސަތުގެ ސަބަބުން އަދި އެމަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށްވާތީ ބޭރުގެ ޕްރެޝަރު ރާއްޖެއަށް ފޯރުކުރާނެ ޖާގައެއް ނެތެވެ. ބޭރުގެ ގައުމުތަކުން ރާއްޖެއަށް ތައުރީފުކޮށް، ބޭރުގެ ބޮޑެތި އިންވެސްޓަރުން ރާއްޖެއާ މެދު ޝައުގުވެރިކަން ފާޅުކުރަމުން ދެއެވެ.

ކޮމަންވެލްތުން ވަކިވުމުން ރާއްޖެއަށް ޕްރެޝަރު ކުޑަވިކަން ރައީސް ނަޝީދު ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ އެކަމާ ހިތްހަމަނުޖެހިގެން ބަޔާނެއް ވެސް ނެރުއްވާފަ އެވެ.

"ރާއްޖޭގެ މިހާރުގެ ހާލަތް ބަދަލުވަމުންދާ ގޮތާމެދު ބޭރު ގައުމުތަކުން އަޅާ ނުލާތީ ހިތާމަ ކުރަން، އަދި ރާއްޖެއަށް ކުރިން ގެނެސްފައިވާ ޑިމޮކްރަސީ ގެއްލި ދީނީ ހައްދު ފަހަނައަޅާފައިވާ މީހުން ގިނަވެ، އިގްތިސާދު ދަށަށް ގޮސް، ޒުވާނުން ބާރުވެރިކަން ކުޑަވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުތަކުން އަޅާ ނުލާ ހުރެގެން ނުވާނެ ކަމެއް،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ބޭރުގެ ޕްރެޝަރުތައް ރާއްޖެއަށް އަންނަން ޖެހޭފަދަ ކަންކަން އެބަހުރި ކަމަށް ބަޔަކު މީހުން ބުނަމުން ދިޔަ ނަމަވެސް އެފަދަ ކަމެއް ރާއްޖޭގައި ނެތެވެ. އަދި އެކަން ރާއްޖޭގެ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ދަށުން ބޭރަށް ވެސް ހާމަވެއެވެ.

ރައީސް ނަޝީދު އެންމެ ފަހުން ވިދާޅުވެފައިމިވަނީ ބޭރުގެ ޕްރެޝަރު ރާއްޖެ ނެތީ އެބޭފުޅާ ޖަލުގައި ނެތުމުން ކަމަށެވެ. އެހެންކަމަށްވާނަމަ އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެން ޖަލަށް ވަޑައިގެންފިނަމަ ރާއްޖެއަށް އަނެއްކާވެސް ބޭރުގެ ޕްރެޝަރުގެ އަންނާނެ އެވެ. ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތްވާނެ އެވެ. ޕްރެޝަރު ކުރަން ވެސް ރައީސް ނަޝީދު ބޭނުންފުޅުވެ އެވެ. ނެތީ ވެސް އެމަނިކުފާނު ދެކިލައްވާ ގޮތުގައި އެމަނިކުފާނުގެ ސަބަބުންނެވެ.