ރިޕޯޓް

ކެމިކަލްޖެހުން: ކުށުގެ ވެއްޓަށް އިތުރުވި އާ ޖަރީމާ

ފަތިހަށް މަރުހަބާކީ ހާލުގެ އަޑާއެކު ފަތިސް ނަމާދުކޮށް އަވަދިވެގެން އިލޮށިފަތި އަތަށް ހެޔޮވަރުކުރަމުން އުމުރުން 50 އަހަރުގެ ހަލީމާ އާދަމް ގޭގެ ބޮޑު ދޮރު ހުޅުވައިލީ މަގަށް އެޅިފައިވާ ކުނިތައް އާދައިގެ މަތިން އިރު އެރުމުގެ ކުރިން ނަގަން ނިންމައިގެނެވެ. ހިމޭން ފަތިހުގެ އަމާންކަމުގެ ތެރެއިން ދުވަހަކު ހަނދާނުން ފިލައިނުދާނޭ ވަރުގެ ނާމާންކަމެއް އޭނާއަށް ފާރަލާފާނެ ކަމެއް ނޭނގެ އެވެ. ނަމަވެސް ދޮރު ހުޅުވާލުމާއެކު ދިލަ ގަދަ ދިޔާ އެއްޗެއް އޭނާގެ ލޮލާއި މޫނަށް ބުރުވާލާފައި މީހަކު ދުވެ ފިލީއެވެ. ކުއްލިއަކަށް އައި މީހަކު އޭނާގެ މޫނަށް އެ ޖެހި އެއްޗެއް ހަންގަނޑު ފޫދުއްވާލާ މަސްގަނޑު ރޯ ފިލުވައިލި ކަހަލައެވެ. ގަދަ ވޭނާއެކު އޭނާއަށް އަޑުގެ ކޮޅަށް ހަޅޭއްލަވައި ރޮއިގަނެވުނީ އެވެ. މިއީ މިދިޔަ ހޮނިހިރު ދުވަހު ށ. ޅައިމަގުގައި ހިނގައިދިޔަ ނުރައްކާތެރި ހާދިސާއެވެ. ނަސީބު ރަނގަޅުކަމުން މާ ބޮޑު އަނިޔާއެއްނުވެ ހަލީމާއަށް އަންނަނީ ރަނގަޅު ވަމުންނެވެ. އޭނާގެ މޫނަށް ކެމިކަލް ޖެހި ކަމަށް ތުހުމަތުވާ ދެމީހަކު މިހާރު ތިބީ ހައްޔަރުކޮށްފަ އެވެ. އެ ހާދިސާވީ ރާއްޖޭގެ އެންމެން ރުޅި އައި އަދި ސިހުނު ހާދިސާއަކަށެވެ.

ހަލީމާގެ މޫނަށް ޖަހާފައިވަނީ ލައްފިލުވުމަށާއި ތަންތަން ސާފުކުރަން ބޭނުންކުރާ ބްލީޗެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިއީ ތަންތަން ސާފުކުރަން ގޭގައި ބޭނުންކުރާ އާދައިގެ ފުޅިއެކޭ ހީކުރެވުނަސް އިންސާނުންގެ އެތެރަހައްޓާ ވަރަށް ބީރަށްޓެހި ސިއްހީ ގިނަ މައްސަލަތަކެއްގައި މީހާ އުމުރަށް ބަނދެލާ ފަދަ ނުރައްކާ ކެމިކަލެކެވެ. ލޮލަށް ނުވަތަ އެތެރަހަށްޓަށް ގޮސްފިނަމަ ގުނަވަންތަކުގެ ބާރު ކަނޑުވައިލާ، ބައެއް ހާލަތުގައި މަސްގަނޑު ރޯފިލުވައިލާ ހިސާބަށްވެސް މި ބާވަތުގެ ކެމިކަލުން އަސަރުކުރެ އެވެ.

އެސިޑާއި ކެމިކަލުން ހަމަލާދިނުމަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އާންމުވެފައިވާ ޖަރީމާއަކަށްވީ ނަމަވެސް މިއީ ރާއްޖެއަށް އާ ކަމެކެވެ. ހިތުގައި އޮންނަ ރުޅިވެރިކަން ބޭރުކޮށްލައި ހަސަދަ ފިލުވާލުމަށްވެސް ދިވެހިންނަކީ ކެމިކަލާއި ވިހަ މާއްދާތަކުން މީހުނަށް ހަމަލާދިނުމުގެ މާ ބޮޑު ތާރީހެއް އޮތް ބައެއް ނޫނެވެ. މިފަދަ ގޮތަކަށް ރާއްޖޭގައި ޖަހައި އުޅެނީ ކަޅުތެލާއި ތިނަރަ ފަދަ ތަކެއްޗެވެ. އެ ފަދަ ތަކެތިވެސް ޖަހައި އުޅެނީ މީހުންގެ މުދަލަށެވެ. މީހުންގެ ގަޔަށް ޖަހައި އުޅުނީ ފިއްލެޔޮ އާއި ކަޅުތެލެވެ.

ކެމިކަލާއި އެސިޑުން ހަމަލާ ދިނުމުގެ ސަގާފަތް

ކެމިކަލާއި އެސިޑް ފަދަ ތަކެތިން ހަމަލާ ދިނުމުގެ އެންމެ ވަރުގަދަ ސަގާފަތެއް އަށަގެންފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގަ އެވެ. މިކަމުގައި އިންޑިއާ އާއި ޕާކިސްތާނާއި ބަނގްލަދޭޝް ވެސް ދުލެއް ނުކުރެ އެވެ. އިންޑިއާގައި އަހަރަކު ހާހެއްހާ މީހުންނަށް އެސިޑާއި ކެމިކަލުން ހަމަލާދޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު، ދިމާވާ އެބާވަތުގެ މައްސަލަތަކުގައި ރިޕޯޓު ނުކުރާ އެތައް ބަޔަކު ވެސް ދަނީ މަރުވަމުންނެވެ. އަދި ބައެއް މީހުން ފިހި މާ އަރައި ސިފަ ގެއްލެމުންނެވެ.

އިންޑިއާގެ ތަހުގީގީ ފުލުހުންގެ ރިޕޯޓުތައް ބުނާ ގޮތުން އާންމުކޮށް މިބާވަތުގެ އަނިޔާދީ އުޅެނީ ލޯބީގެ މައްސަލަތަކުގަ އެވެ. ރައްޓެހިވާން އިންކާރު ކުރުމުން ނުވަތަ ހިތްހަމަ ނުޖެހޭ ކަމެއް ކުރާކަން ފާޅުކޮށް ބަސްބުނާ މީހުންނަށް، ހާއްސަކޮށް އަންހެނުންނަށް އިންޑިއާގައި އެސިޑާއި ކެމިކަލުން ހަމަލާދީފައިވާ މިންވަރު މިދިޔަ އަހަރުވެސް 500 އިން މައްޗަށް އަރައެވެ. އަދި މުދަލާއި ބިމުގެ މައްސަލަތަކުގައި ވެސް ކެމިކަލުން ހަމަލާދީ އުޅެ އެވެ. އޭގެ ތެރެއިން ބައެއް ކޭސްތަކުގައި އަނިޔާ ލިބޭ މީހާގެ މޫނު ސިފަވެސް ވަކި ކުރަން ނޭނގޭ ވަރަށް ހަލާކުވެ، އެތެރެހަށީ ފިހިގެން އަނިޔާ ލިބޭ މީހާ މަރުވެފައި ވެސް އެބަ ހުއްޓެވެ. ޕާކިސްތާނުގައި ވެސް މި ޖަރީމާ އާންމުވަމުން ދަނީ ބާރު ސްޕީޑެއްގަ އެވެ.
އެސިޑް ވިއްކުން ހަރުކަށިކޮށް، އެސިޑާއި ކެމިކަލުން ހަމަލާދިނުން ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމަނައި ގާނޫނުން ބޮޑެތި އަދަބު ކަނޑައަޅާފައިވީ ނަމަވެސް މި ގައުމުތަކުގައި މިކަމަށް ކުޑަވެސް ހައްލެއް އައިސްފައެއް ނުވެ އެވެ.

މި ސަގާފަތް ރާއްޖޭގައި އާލާވެއްޖެނަމަ؟

މިއީ ރާއްޖެ ފަދަ އެކަކު އަނެކަކު ގުޅިފައިވާ ގައުމެއްގައި އާލާ ވެއްޖެނަމަ މުޖުތަމައު ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ފަދަ ބޮޑު ޖަރީމާއެކެވެ. ހިތު ހަސަދަ ފިލުވައިލާ، އެކަކު އަނެކަކާ ދެމެދު އުފެދޭ ހިތްހަމަ ނުޖެހުމުގެ ޖަވާބު ކެމިކަލާއި އެސިޑުން ދޭން ވެއްޖެނަމަ ރާއްޖޭގެ ހާލަތަކީ ކޮބައިހެއްޔެވެ؟

ވުމާއެކު މި ޖަރީމާއެއްގެ އަސަރު ކުޑައަށް އޮއްވައި އެކަން ފެތުރުނަ ނުދިނުމަށް ވިސްނުންތެރި އުސޫލުތަކެއްގެ ދަށުން ހަރުދަނާ ފިޔަވަޅުތަކެއް ކުރިއާލައި އަޅަން ޖެހެއެވެ. ކެމިކަލް ޖެހުމަކީ މީހާގެ މުޅި ދިރިއުޅުން ބަރުބާދުކުރާ ވަރުގެ ނުރައްކާތެރި ޖަރީމާއަކަށް ވާއިރު، އެކަމަށް ހަރުކަށި އަދަބުތަކެއް ގާނޫނުގައި ކަނޑައަޅައި ތަންފީޒީ މަރުހަލާއަކަށް ގެނައުން މުހިއްމެވެ.

އެފަދަ ކުށް ކުރާ ފަރާތްތައް މުޖުތަމައުގައި މިނިވަންކަމާއެކު ދިރިއުޅުމުގެ އިހުތިޔާރަކީ ލިބިދޭންޖެހޭ އެއްޗެއް ކަމަށް ބުއްދި ގަބޫލެއް ނުކުރެ އެވެ. ކެމިކަލުން މީހުންނަށް ހަމަލާ ދިނުން ރާއްޖޭގެ ކުށުގެ ވެއްޓަށް ނުރައްކާތެރި ޖަރީމާއެއްގެ ގޮތު އާންމުވިޔަ ނުދޭން ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަކީ ވަކި ފަރުދުންގެ ފަންތީގައިވެސް ކުރުން ކޮންމެހެން ބޭނުން ކަމެކެވެ.