ނިމިގެން މިދިޔަ އަހަރަކީ ރާއްޖޭގެ ކޯޓްތަކަށް ވަރަށް ބިޒީ އަހަރެކެވެ. އެހެން އަހަރުތަކަށްވުރެ ގިނަ މައްސަލަތައް ހުށަހެޅި ކޮންމެ ކޯޓަކުން ވެސް ވަނީ ކުރިއަށްވުރެ ގިނައިން މައްސަލަތައް ނިންމާފަ އެވެ. ދިގުދެމިގެން ގޮސްފައިވާ ގިނަ މައްސަލަތަކެއް ވެސް މި އަހަރުގެ ތެރޭގައި ވަނީ ނިންމާފަ އެވެ.
ގިނަ މައްސަލަތަކެއް ނިންމި އަހަރަކަށް މިދިޔަ އަހަރުވީއިރު ބޮޑެތި ގިނަ ޝަރީއަތްތަކެއް ވެސް މިދިޔަ އަހަރު ހުރިހާ ކޯޓަކުން ވެސް ވަނީ ހިންގާފަ އެވެ. އެގޮތުން މިދިޔަ އަހަރު އެންމެ ފާހަގަކުރެވުނު ޝަރީއަތަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތްތަކެވެ. އަދީބުގެ ޝަރީއަތްތައް އަހަރުގެ ކުރީކޮޅު ފެށިއިރު މެއި މަސް އައިއިރު އަދީބުގެ މައްޗަށް ތިން ހުކުމެއް ވަނީ އިއްވާފަ އެވެ.
އަދީބުގެ މައްޗަށް އައިސްފައިވާ ހުކުމްތަކަށް ބަލާއިރު އެންމެ ފުރަތަމަ ހުކުމެއް އައީ، ފިސްތޯލައެއް ގެންގުޅުނު ކަމަށް ދައުލަތުން ބުނެ ކުރި ދައުވާ އޭނާގެ މައްޗަށް ސާބިތުމުންނެވެ. އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލި އަދީބަށް އިއްވީ 10 އަހަރުގެ ޖަލު ހުކުމެކެވެ. ދެވަނައަށް އަދީބަށް އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ. މި ހުކުމް އަދީބަށް އައީ ރަސްމީ ލޯންޗުކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލުމަށް ޓެރަރިޒަމްގެ އަމަލެއް އަދީބު ކުރައްވާފައިވާ ކަމަށް ސާބިތުވުމުންނެވެ. މި މައްސަލާގައި އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ އަހްމަދު އާމިރާއި އަހްމަދު ރިކާޒްގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ދެން އަދީބަށް ޖަލު ހުކުމެއް އައީ، ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލާގަ އެވެ. އެމްއެމްޕީސީއިން ކުރެއްދޫ ހޯލްޑިންސްއަށް ކުއްޔަށް ދިން ޅ. މާބިންހުރާގެ ފައިސާ އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލް ހިއްސާވާ އަދި އަދީބު މިނިސްޓަރަކަށްވުމުގެ ކުރިން މަސައްކަތްކުރި ކުންފުންޏެއް ކަމަށްވާ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ޖަމާކުރި ކަމަަށް ބުނެ ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާ ސާބިތުވުމުން އަދީބަށް އިއްވީ 8 އަހަރުގެ ޖަލު ހުކުމެކެވެ. ހަމަ މި މައްސަލާގައި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތު އަށް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކުރި ހާމިދު އިސްމާއިލް ވަނީ ދެ އަހަރަށް ޖަލަށްލާފަ އެވެ.
އަދީބުގެ އިތުރު ދެ ޝަރީއަތެއް ވެސް ނިމިދިޔަ 2016 ވަނަ އަހަރު ވަނީ ފަށާފަ އެވެ. އަދި ނިމިފައިނުވާ މި ދެ ޝަރީއަތަކީ ބ. ހިބަޅިދޫއިން ހަތިޔާރު ފެނުނު މައްސަލައާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ލަންކާއިން ސްނައިޕަރެއް ގެނައި މައްސަލާގެ ޝަރީއަތެވެ.
އަދީބުގެ ޝަރީއަތްތަކުގެ އިތުރުން ވެސް ގިނަ ބޮޑެތި ޝަރީއަތްތަކެއް ވަނީ މިދިޔަ އަހަރު ވަނީ ބާއްވާފަ އެވެ. އެގޮތުން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް ދެބައިވެ، އުފެދުނު މައްސަލާގައި ކޯޓަށް ވެއްދި މައްސަލަ ފާހަގަކޮށްލެވެ އެވެ. އެ މައްސަލާގައި ޕާޓީ ހިންގުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހުރަސް އަޅުއްވާފައިވާ ކަމަށް ބުނެ ސިވިލް ކޯޓުން ވަނީ ޕާޓީގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރައްވާފަ އެވެ. ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރުމުން ދިގު އަޑުއެހުންތަކަކަށްފަހު އެ ކޯޓުން ވެސް ވަނީ ހުކުމަށް ތާއިދުކޮށްފަ އެވެ. ހަމަ އެގޮތަށް ސުޕްރީމް ކޯޓުން ވެސް އެ ހުކުމަށް ތާއިދުކުރި އެވެ.
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަަސްކުރުމާ ގުޅޭ ގޮތުން ވެސް ސިވިލް ކޯޓުގައި ވަނީ ބޮޑު ޝަރީއަތެއް ހިންގާފަ އެވެ. އެ ކޯޓުން ކައުންސިލް އިންތިހާބު ފަސްކުރުމަށް ނިންމިއިރު މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމަށްފަހު އިލެކްޝަން ކޮމިޝަނުން ވަނީ އެ މައްސަލަ އަނބުރާ ނަގާފަ އެވެ. މީގެއިތުރުން ހަވީރު ނޫހުގެ މިލްކިއްޔާތާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި ކުރިއަށް ދިޔަ މައްސަލައަކީ ވެސް ފާހަގަކޮށްލެވޭ ޝަރީއަތެކެވެ. އެ މައްސަލައާ ގުޅިގެން ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ހަވީރު ވަނީ ހުއްޓާލާފަ އެވެ.
"ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުވާކުރި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ)ގެ ޝަރީއަތަކީ ވެސް މިދިޔަ އަހަރުގެ ފާހަގަކޮށްލެވޭ ބޮޑު ޝަރީއަތެކެވެ. ގިނަ ކަންކަން ފެންމަތިވި މި ޝަރީއަތް ނިމިގެން ދިޔައީ އޭނާގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ ދެ އަހަރުގެ ޖަލު ހުކުމަކާއެވެ. ހަމަ މި މައްސަލާގައި ދައުވާކުރި ދެ ސިފައިންގެ މީހުން ކަމަށްވާ މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށް ވެސް ހަތަރު މަހާއި 24 ދުވަހަށް ޖަލު ހުކުމެއް އިއްވި އެވެ.
ފުލުހުންނަށް ހުރަސްއެޅި ދެ މައްސަލައެއްގެ ޝަރީއަތް ހިންގާ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ޖަލަށް ލާފައިވަނީ ނިމިދިޔަ އަހަރުގެ ތެރޭގަ އެވެ. ކުރިމިނަލް ކޯޓުން އޭނާއަށް އިއްވާފައިވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމަކާއި ހަ މަހުގެ ޖަލު ހުކުމެކެވެ.
މިދިޔަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ ގޮތެއް ވެސް ކަނޑައަޅާފަ އެވެ. އެ މައްސަލަތައް ނިމިފައިވަނީ އެ ދެ ބޭފުޅުންނާ ދެކޮޅަށެވެ. މިދިޔަ އަހަރު ތެރޭގައި ނާޒިމާއި ނަޝީދުގެ ޝަރުއީ މަރުހަލާތައް ނިމިފައިވާއިރު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށްލުމަށް ވެސް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވެ އެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ އިމްރާންގެ މައްސަލައިގައި ހައިކޯޓުން ވެސް މިހާރު ވަނީ އަޑުއެހުންތައް ނިންމާލާފަ އެވެ.
އެންމެ ޝައުގުވެރި: ބާރީ އާއި މުހުތާޒުގެ ދެބަސްވުން
މީގެކުރިން ނުހިނގާހާ ބޮޑެތި ޝަރީއަތްތައް އެއް އަހަރެއްގެ ހިނގި މިދިޔަ އަހަރުގެ އެންމެ ޝައުގުވެރި ޝަރީއަތަކީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާގައި ހިންގި ޝަރީއަތެވެ. މި ޝަރީއަތް އެންމެ ބޮޑަށް ޝައުގުވެރިވެގެން ދިޔައީ މި މައްސަލާގައި ދައުވާކުރީ ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ މައްޗަށް ކަމަށްވުމުންނެވެ. އަދި މި މައްސަލަ ބެއްލެވުމާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ހަވާލުވާ ގުޅިގެންނެވެ. މި މައްސަލާގައި ދެން ދައުވާކުރީ ގއ. މާމިގިނލީ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށެވެ. ކުށް ސާބިތުވެ މުހުތާޒާއި ނިހާންގެ މައްޗަށް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
މައްސަލާގައި ޝަރީއަތް ކުރިއަށް ދިޔައީ ވަރަށް ޝައުގުވެރިކޮށެވެ. ދިގުދެމިގެން ދިޔަ އަޑުއެހުންތަކާއެކު މުހުތާޒާއި ގާޒީ ބާރީއާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ރައްދުކޮށްފަ އެވެ. ދެ ބޭފުޅުން ވެސް ހިތްހަމަ ނުޖެހިގެން ވަރަށް އަޑުހަރުކޮށް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވާފައިވެ އެވެ.
ކުރީގެ ދެ ރަހުމަތްތެރިން އަދި އެކުގައި މަސައްކަތްކުރެއްވި މި ދެ ބޭފުޅުން ޝަރީއަތުގެ މަޖިލީހުގައި އިންތިހާއަށް ކޯފާ އިސްކުރައްވައި، ހަމަލާތައް ރައްދުކޮށްފައިވާއިރު މުހުތާޒު ވަނީ އެއްޗެހި ދަސްކުރީ ގާޒީ ބާރީގެ އަރިހުން ކަމަށްވީ ނަމަވެސް މިހާރު ގާޒީ ބާރީއަށް އިހުތިރާމް ނުކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެއާ ވިއްދައި ގާޒީ ބާރީ ވެސް ވަނީ ބޭނުން ވިޔަސް ނުވިޔަސް އިހުތިރާމް ކުރައްވަން ޖެހޭނެ ކަމަށް ވިދާޅުވެ ރައްދު ދެއްވާފަ އެވެ.
މި މައްސަލާގައި އަޑުއެހުންތައް މެންދަމުގެ ވަގުތުގައި ވެސް ކުރިއަށް ގެންގޮސްފައިވުމަކީ މި އަޑުއެހުންތައް ޝައުގުވެރި ސަބަބެކެވެ.
މުހުތާޒުގެ ޝަރީއަތް މިދިޔަ އަހަރުގެ އެންމެ ޝައުގުވެރި ޝަރީއަތަށް ވެގެން ގޮސްފައިވަނީ ޝަރުއީ ދާއިރާއިން މިދިޔަ އަހަރު ފެނުނު އެންމެ ބޮޑު ބަދަލަކީ ގާޒީ ބާރީ، ކުރިމިނަލް ކޯޓުގެ އިސްގާޒީކަމާ ހަވާލުވެވަޑައިގަތުމެވެ. އަދި، ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލުކުރެއްވުމެވެ. މި ބަދަލާއެކު ކުރިމިނަލް ކޯޓުގެ ގިނަ ކަންކަން ވެސް ވަނީ ބަދަލުވެފަ އެވެ. ކުރިމިނަލް ކޯޓު ހިންގާ އިމާރާތް ވެސް ވަނީ ބަދަލުކޮށްފަ އެވެ.
މަރުގެ ގިނަ ހުކުމްތަކެއް
ނިމިދިޔަ އަހަރު މަރުގެ ތިން މައްސަލައެއްގެ ޝަރުއީ މަރުހަލާތައް ވަނީ ނިމިފަ އެވެ. މަރުގެ އަދަބު ތަންފީޒުކުރުމަށް ސަރުކާރުން މިދިޔަ މަސައްކަތްތައް ކޮށްފައިވާއިރު ސުޕްރީމް ކޯޓުން މަރަން ތާއިދުކޮށްފައިވަނީ ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލެވެ.
ސުޕްރީމް ކޯޓުން މިދިޔަ އަހަރު ތިން މަރުގެ ހުކުމަކަށް ތާއިދުކުރި، ހައިކޯޓުން ވެސް ކުރިމިނަލް ކޯޓުން ކޮށްފައިވާ މަރުގެ ހުކުމަކަށް ތާއިދުކޮށްފަ އެވެ. އެއީ، ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ގަޔަށް ވަޅި ހަރައި މަރާލުމުގެ ކުށް ސާބިތުވެފައިވާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ އަށް ކޮށްފައިވާ މަރުގެ ހުކުމަށެވެ. އޭގެ އިތުރަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ މަރުގެ ހުކުމަށް ވެސް މިދިޔަ އަހަރު ހައިކޯޓުން ތާއިދުކުރި އެވެ. އެއީ، ގ. ވޭރު އަބްދުލް މުހީތު މަރާލި މައްސަލާގައި އިއްވާފައިވާ މަރު ހުކުމެވެ. އެ ހުކުމް އިއްވާފައިވަނީ އައްޑޫ ސިޓީ މަރަދޫ، ކުރުދުމާގެ އަލީ އަތޫފާއި، މއ. ދުއްލިސާގެ މުހައްމަދު މާހިން ޝާފީގެ މައްޗަށެވެ.
ކުރިމިނަލް ކޯޓުން ވެސް މިދިޔަ އަހަރު ވަނީ މަރުގެ ހުކުމެއް އިއްވާފަ އެވެ. ކުރިމިނަލް ކޯޓުން މަރަން ހުކުމް ކޮށްފައިވަނީ ލޮރެންޒޯ ޕާކްތެރޭގައި ހުއްޓާ 2012 ވަނަ އަހަރު މަރާލި، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމްގެ މައްސަލާގައި ދައުވާ އުފުލި ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމެވެ. އެ މައްސަލާގައި ދެން ދައުވާ އުފުލި ތިން މީހުންނަށް ކުށް ސާބިތެއް ނުވެ އެވެ. ހއ. ހޯރަފުށީ ސީވިއު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) މަރާލި މައްސަލާގައި ތިން މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކުރީ ވެސް މިދިޔަ އަހަރު ނިމެމުން ދަނިކޮށެވެ. އެ ހުކުމް އައިސްފައިވަނީ، ހއ. ހޯރަފުށީ އުންމީދީ މަންޒިލް އަހްމަދު އިބްރާހީމާއި އެރަށު ސޯސަންވިލާ ނުއުމާން އަބްދުﷲގެ އިތުރުން ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ އެރަށު ޅޮހީގޭ މުހައްމަދު ލަތީފްގެ މައްޗަށެވެ.
މިދިޔަ ހައިކޯޓުން ވަނީ އެ ކޯޓުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މަރުގެ ހުކުމެއް އިއްވާފަ އެވެ. އެ ހުކުމް އިއްވާފައިވަނީ މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު، މުހައްމަދު ޝައިފަންގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ވެސްޓްޕާކް ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ މއ، ފެއަރީކޯނާ އަލީ ޝިފާން މަރާލި ކަމުގެ ކުށެވެ. ޝައިފަންއަކީ ކުރިމިނަލް ކޯޓުން ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި މީހެކެވެ.