ރިޕޯޓް

އިކޮނޮމިކް މިނިސްޓްރީ އައްޑޫ ގޮފި: ހިޔާލަކީ ކޮބާ؟

  • ރައްޔިތުން ބޭނުންވާ ބަދަލެއްގެ ފެށުން
  • ވިޔަފާރީގެ ގިނަ ހުއްދަތެއް ލިބޭ
  • އަވަސް ފުރިހަމަ ހިދުމަތް ބޭނުން ބޮޑު

އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް މި ދަނީ މުޅިރާއްޖެއަށް ފަތުރާ ލަމުންނެވެ. މި ފިޔަވަޅުތަކުގެ ތެރެއިން ދިގު އެއް ފިޔަވަޅު މިވަނީ އަޅާފަ އެވެ. އެއީ ކުރިން މާލެ އަށް ޖަމާކޮށްގެން ދެމުން ދިޔަ، ބައެއް ވިޔަފާރީގެ ހުއްދަތައް ލާމަރުކަޒީކޮށް ރާއްޖޭގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އައްޑޫ ސިޓީން ދޭން ފެށުމެވެ. އެކަން ކުރަން ހިތަދޫގައި އިކޮނޮމިކް މިނިސްޓްރީން ހުޅުވި އޮފީސް މިވަނީ ފުރިހަމަ ކޮށްފަ އެވެ. ސުވާލަކީ މި އޮފީސް ހުޅުވުން އައްޑޫ ރައްޔިތުން ދެކެނީ ކިހިނެއް ހެއްޔެވެ؟

މުހައްމަދު މަސްހޫދު، ކުންފުންޏެއްގެ މުއްޒަފެއް

"ވަރަށް ގިނަ ކަންކަން ފަސޭހަ ވެގެން ދާނެ ކަމަށް ބެލެވެނީ. ކުރިން ވެސް މި ހިދުމަތް ދޭ. އެކަމަކު މިހާރު އިތުރަށް މި ފުރިހަމަ ވެގެން ދިޔައީ. އާއްމު ވިޔަފާރިވެރިންނަށް ގިނަ ފަސޭހަތަކެއް ލިބޭނެ. އަޅުގަނޑު ބުނެވޭނީ މިއީ ވަރަށް ބޮޑު ފަސޭހަތަކެކޭ ލިބިގެންދަނީ. ކުރިން ހުއްދަތައް ހޯދަން ޖެހެނީ."

އިބްރާހިމް ރަޝީދު: ވިޔަފާރިވެރިޔެއް

"އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް މި ލިބިގެން ދިޔައީ. ކުރިން ކުންފުނި ރަޖިސްޓްރީ ކުރަންވެސް މި ދާން ޖެހެނީ މާލެ އަށް. އެކަމަކު މިހާރު އޭގެ ބަދަލުގައި އައްޑޫން ލިބުމަކީ ވަރަށް ބޮޑު ފަސޭހައެއް. ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް މިވަނީ ފަށާފަ. މި ފަދަ ވަގުތެއްގައި މި މަސައްކަތް ފުޅާ ކުރުމަކީ ކުރިއެރުމެއް."

ގުލްފިޝާމް: ސްޕެޝަލް އެޑިއުކޭޓާއެއް

"އައްޑޫގެ ރައްޔިތުން ދެކެމުންދިޔަ ހުވަފެނެއްގެ ކުލަ ޖެހުނު ދުވަހެއް މިއީ. މާލެއިން ނުނީ ނުލިބޭ ހިދުމަތް ތަކެއް ލިބެން ފެށުން. މިސާލަކަށް ރެޖިސްޓްރޭޝަން ކަންތައް. އައްޑުއަކީ ވިޔަފާރީގެ ސިޓީއެއް. އެހެންވެ މިފަދަ ފުރުސަތެއް ހުޅުވުމަކީ އަންހެނުންނަށް ވެސް ލިބިގެންދާނެ ކުރިއެރުމެއް."

އިބްރާހިމް ރަޝީދު: ކުންފުންޏެއްގެ މުވައްޒަފެއް

"ކުރިން މާލެ ގޮސްގެން ކުރަން ޖެހޭ ކަންކަން އައްޑޫ ކުރުމުގެ ފުރުސަތު ލިބުމަކީ ބޮޑު ފަސޭހައެއް. މީގެތެރޭގައި ޓްރާންސްޕޯޓުގެ ހިދުމަތްތައް ވެސް ހިމެނޭ މި ބިޒްނަސް ސެންޓަރުގައި. އެހެންވީމަ މިއީ ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާ."

އިކޮނޮމިކް މިނިސްޓްރީގެ އެންޓްޕްރައިޒް ޑިވްލޮޕްމަންޓް (އީޑީ) އިން އައްޑޫގައި ހުޅުވި ބިޒްނަސް ސެންޓަރުގައި އެ މިނިސްޓްރީގެ ވިޔަފާރީގެ ހުއްދަތަކުގެ އިތުރުން ޓްރާންސްޕޯޓުގެ މުހިންމު ހުއްދަތައް ވެސް ދޫކުރެ އެވެ. މި ހިދުމަތްތައް ދިނުމަށް ހަތަރު ކައުންޓަރާއެކު ހުޅުވި މި ގޮފީގައި ފަސް މުވައްޒަފުން މަސައްކަތް ކުރެ އެވެ. އައްޑޫ ރައްޔިތުންގެ އުންމީދަކީ މި ތަނުން އިކޮނޮމިކް މިނިސްޓްރީގެ ހުރިހާ ހުއްދައެއް ލިބޭނެ ދުވަހެއް އައުމެވެ.

-- އައްޑޫ ސިޓީން: މުހައްމަދު އަފްރާހު