ރިޕޯޓް

ނޫސްވެރިން މަގު މައްޗަށް ނިކުތް އަހަރެއް

ނިމިދިޔަ އަހަރަކީ ރާއްޖޭގައި މުޒާހަރާތައް މަދު އަހަރެކެވެ. އެހެނަސް މަދު ނޫނީ މަގު މައްޗަށް ނުނިކުންނަ ނޫސްވެރިން ވަނީ މިދިޔަ އަހަރު މަގު މައްޗަށް ޝުއޫރު ފާޅުކޮށްފަ އެވެ. ނޫސްވެރިންނާ ގުޅުން ހުރި ބޮޑެތި ކަންކަން މިދިޔަ އަހަރު ވަނީ ހިނގާފަ އެވެ.

ނިމިގެން ދިޔަ އަހަރު މުޅި ނޫސްވެރިކަމަށް ވެސް އެންމެ ބޮޑު މާޔޫސްކަމެއް ގެނުވީ، ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ، އަދި އެންމެ ގިނަ ނޫސްވެރިން އުފެއްދި ހަވީރު ނޫސް ހުއްޓާލުމެވެ. އެ ނޫސް ހުއްޓާލީ، މިލްކިއްޔާތާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ވެއްދި މައްސަލައަކާ ގުޅިގެންނެވެ.

ނޫހުގެ މަސްއޫލުވެރިޔާ ޒާހިރު ހުސެއިންއާ ދެކޮޅަށް އެ ނޫހުގެ އެހެން ހިއްސާދާރުން ހުށަހެޅި މައްސަލަ ނިމިގެން ދިޔައީ ހަވީރުގައި މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް އެ ނޫހެއްގައި ދެ އަހަރުވަންދެން މަސައްކަތް ނުކުރެވޭނެ ކަމަށް ހުކުމްކުރުމާއެކު އެވެ. އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މި ހުކުމާ ހަވީރު ހުއްޓާލުމަށް ހުކުމް ކޮށްފައިނުވީ ނަމަވެސް ހުކުމް އައުމުގެ ކުރިން ހަވީރު ހުއްޓާލައި މުޅިން އާ ނޫހެއް ހަވީރުގައި މަސައްކަތްކުރި މުވައްޒަފުން ވަނީ އުފައްދާފަ އެވެ.

އެންމެ ފުރަތަމަ ނޫސްވެރިން މަގު މައްޗަށް ވެސް ނިކުމެފައިވަނީ އެ މައްސަލާގަ އެވެ. ހަވީރު ހުއްޓާލި މައްސަލާގައި ރައީސް އޮފީސް ދޮށަށް އެއްވި ނޫސްވެރިން އެއްވި އެވެ. އެ ދުވަހު ބައެއް ނޫސްވެރިން ހައްޔަރު ވެސް ކުރި އެވެ. އެހެނަސް އެއިން އެއްވެސް ނޫސްވެރިއަކަށް ދައުވާއެއް ނުކުރެ އެވެ.

އެ ދުވަހު ހައްޔަރުކުރި ނޫސްވެރިންނަށް ދައުވާ ނުކުރި ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ހަތަރު ނޫސްވެރިއެއްގެ މައްޗަށް ވަނީ ޖިނާއީ ދައުވާ އުފުލާފަ އެވެ. އެއީ ރާއްޖެޓީވީގެ ދެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން ނަސީރާއި ރާއްޖެޓީވީގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެ ޗެނަލްގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށެވެ. އެ ހަތަރު ނޫސްވެރިންނަށް ވެސް ކޮށްފައިވަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އަހަރު ނިމިގެން ދިޔައިރު ވިސާމާއި ލީވާންއަށް ކުށްވެރިވެއްޖެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މި މަހުގެ ތެރޭގައި އެ ދެ ނޫސްވެރިންނަށް ހުކުމް ކުރާނެ އެވެ.

މިދިޔަ އަހަރު ދެވަނަ ފަހަރަށް ނޫސްވެރިން މަގު މައްޗަށް ނިކުތީ، އަބުރުގެ ބިލެއްގެ ގޮތުގައި ނޫސްވެރިންކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ބިލެއް މަޖިލީހަށް ވައްދާ މައްސަލާގަ އެވެ. ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުށަހެޅުއްވި އެ ބިލުގައި ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން މީޑިއާގެ ގިނަ ފަރާތްތަކުން ވަނީ ހަމަހިމޭން އިހުތިޖާޖެއްކޮށްފަ އެވެ. އެ އިހުތިޖާޖާއި އެހެން ވެސް ހަރަކާތްތަކުގެ ސަބަބުން ނިހާން ވަނީ އެ ބިލް އަނބުރާ ގެންދަވާފަ އެވެ.

ބިލަށް ބަދަލުތަކެއް ގެނެސް، އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލްގެ ނަމުގައި މަޖިލީހަށް ބިލް ދެން ވެއްދީ ދުއާފަރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދެވެ. އޭނާ ހުށަހެޅުއްވި ބިލްއާމެދު ކަންބޮޑުވުން ފާޅުކޮށް ވެސް އެއް ރޭ ނޫސްވެރިން ވަނީ ހިނގާލުމެއް ބާއްވާފަ އެވެ. އެ ބިލް ފާސްކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ބޮޑެތި މީޑިއާއެއް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް ކަންބޮޑުވުންތައް އަޑުއެހުމަށްފަހު އެވެ.

އަބުރުގެ ގާނޫނު މިހާރު ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވާއިރު "މިހާރު" ނޫހުގައި ލިޔެފައިވާ ހަބަރާ ގުޅިގެން އަބުރުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. އަދި "އަވަސް"، "ސަން" އަދި "މިހާރު"ގައި ލިޔެފައިވާ ހަބަރަކާ ގުޅޭ މައްސަލަ ވެސް އެ ގާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދަނީ ބަލަމުންނެވެ. ރާއްޖެ ޓީވީ، ސަންގު ޓީވީ އަދި ޗެނަލް 13 ގެ މައްސަލަ ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ ބަލަމުންނެވެ.

އަބުރުގެ ގާނޫނު ފާސްވިތަނާހެން ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ އަމިއްލަ ޓީވީ ސްޓޭޝަނުން ވަނީ އެ ޓީވީ ސްޓޭޝަން ބަންދުކޮށްފަ އެވެ. "ދި ޓީވީ"އިން ވަނީ އެ ޓީވީގެ ހިދުމަތް ކުއްލި ގޮތަކަށް ހުއްޓާލާފަ އެވެ. އެ ޓީވީ ހުއްޓާލިއިރު ފަސް އަހަރުވަންދެން ހިނގަމުން ދިޔަ "ސީއެންއެމް" ވެސް ވަނީ ކުއްލި ގޮތަކަށް ހުއްޓާލާފަ އެވެ. އެ ނޫހުގައި މަސައްކަތްކުރި މުވައްޒަފުން މިހާރު ވަނީ އާ ނޫހެއް އުފައްދާފަ އެވެ.