ފިނިޕޭޖް

އާ އަހަރުގެ ޝޯއަށް ޒުވާން ލަވަކިޔުންތެރިޔާ އަރްމާން މަލިކް

ޓޫރިޒަމް މިނިސްޓްރީ އިން އިންތިޒާމްކޮށް ޕީއެސްއެމް އާ ގުޅިގެން ގެނެސްދޭ އާ އަހަރުގެ ޝޯގައި ބޮލީވުޑްގެ ޒުވާން ލަވަކިޔުންތެރިޔާ އަރްމާން މަލިކް ޕާފޯމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ. އަރްމާންގެ ލަވަތަކަކީ މިހާރު ބޮލީވުޑްގެ އިތުރުން ދިވެހިންގެ މެދުގައި ވެސް ވަރަށް މަޝްހޫރު ލަވަތަކެކެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިމިނަތު ޝާޔަން ޝާހިދު މިއަދު އަވަސްއަށް ވިދާޅުވީ، އާ އަހަރުގެ ޝޯއަށް ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަރްމާން 30 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ. އަދި 31 ވަނަ ދުވަހުގެ ރޭ އަލިމަސް ކާނިވާ ސަރަހައްދުގައި އޮންނަ ޝޯގައި ލަވަ ހުށަހަޅައިދޭނެ ކަމަށެވެ.

މި ޝޯގައި ދިވެހި ފަންނާނުންގެ ހުށަހެޅުންތައް ވެސް ފެންނާނެ އެވެ. ނަމަވެސް ޝޯގައި ލަވަ ހުށަހަޅައިދޭ ފަންނާނުންގެ މައުލޫމާތު އަދި ނުލިބެ އެވެ.

މަޝްހޫރު މިޔުޒިކް ޑައިރެކްޓާ އަނޫ މަލިކަށް ބޮޑުބޭބެ ކިޔާ އަރްމާން މަލިކް މިހާތަނަށް 16 ފިލްމަކަށް ލަވަ ކިޔާފައިވެ އެވެ. އޭގެ ތެރެއިން ވެސް އޭނާގެ އެންމެ ފާހަގަކޮށްލެވޭ ލަވައަކީ "ސަނަމް ރޭ" އެ ފިލްމަށް އޭނާ ކިޔާފައި ލަވަތަކެވެ. އޭނާ ވަނީ މިފަހުން ބޮލީވުޑްގައި ނިކުތް މަޝްހޫރު ހުރިހާ ފިލްމަކަށްހެން ލަވަ ކިޔާފަ އެވެ. އެގޮތުން "ހޭޓް ސްޓޯރީ 3"، "ޖޭ ހޯ"، "ހޫބްސޫރަތް"، "ކީ އެންޑް ކާ"، "ހީރޯ"، "އަޒްހަރް"، "ކަޕޫރް އެންޑް ސަންސް" އަދި "އެމްއެސް ދޯނި" ހިމެނެ އެވެ.

މި އަހަރުގެ ފިލްމް ފެއާ އެވޯޑްގައި "ނިއު މިޔުޒިކް ޓެލެންޓް"ގެ އެވޯޑް ވެސް އޭނާއަށް ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ ޝޯއަށް ރާއްޖެ ގެނެސްފައިވަނީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް އެވެ. އަދި އިންޑިޔާގެ މަޝްހޫރު ޓީވީ ޝޯ، "އިންޑިޔާ ގޮޓް ޓެލެންޓް" އާއި "ޑާންސް ޕްލަސް" އިން މި އަހަރު އެއް ވަނަ ހޯދި ޑާންސް ގްރޫޕް، "ވީ ކޮމްޕެނީ"ގެ ހުށަހެޅުންތައްވެސް ފެނިގެން ގޮސްފައިވެ އެވެ.