ދެހާސް ފަނަރަވަނަ އަހަރު ނިމިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް އެމަނިކުފާނު ދަތުރުފުޅު ކުރެއްވި ލޯންޗުކޮޅު ގޮއްވާލި ހާދިސާއާއެކު ހިނގާދިޔަ ކަންތައްތަކާއެކު އެވެ. ލޯންޗުކޮޅު ގޮއްވާލުމުގެ އިތުރުން ލަންކާއިން ސްނައިޕަރެއް ގެނެސް ވެސް އެމަނިކުފާނު އަވަހާރަކޮށްލުމަށް މަސައްކަތްކޮށްފައިވެ އެވެ. ހަމައެހެންމެ މިދިޔަ އަހަރަކީ ވެސް ރައީސް ޔާމީނަށް އެފަދަ ހަމަލާތަކެއް އަމާޒުވި އަހަރެކެވެ.
ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރައީސް ޔާމީން ހައްޔަރުކުރުމަށް ވަނީ ޖަރީމާއެއް ހިންގާފަ އެވެ. ރައީސް ޔާމީން ހައްޔަރުކުރުމަށް މަސައްކަތް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ސައްހަ ނޫން ކޯޓެއް އަމުރެއް ނެރެ، އެ އަމަރު ބޭނުންކޮށްގެންނެވެ. މިކަމުގައި ބައިވެރިވެފައިވަނީ ކުރީގެ ޕީޖީ މުހުތާޒު މުހުސިނާއި ގއ. މާމިނގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ނިހާނެވެ. މާމިގިނލީ ކޯޓުން ސައްހަ ނޫން ކޯޓު އަމުރެއް ނެރުމަށް މަސައްކަތް ކޮށްފައިވަނީ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ.
ރައީސް ޔާމީން ހައްޔަރުކޮށް، ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކޮށްފައިވާއިރު، މި ކުށުގައި މުހުތާޒާއި ނިހާން މިހާރު ވަނީ 17 އަހަރަށް ޖަލަށްލާފަ އެވެ. ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ރާއްޖެ ޓީވީގެ ކުރީގެ ޗެއާމަން އަކްރަމް ކަމާލުއްދީނަށް ވެސް މިކަމުގެ ތުހުމަތު ކުރެވެ އެވެ. ޖަމީލާއި ކަމާލުއްދީން އިނގިރޭސިވިލާތަށް ވަޑައިގެން ތިއްބެވެއިރު އެ ދެ ބޭފުޅުން ހައްޔަރުކުރުމަށް ކޯޓު އަމުރު ވެސް ވަނީ ނެރެފަ އެވެ.
ރައީސް ޔާމީންގެ ސަރުކާރަށް އައި މި ހަމަލާއަށްފަހު ވެސް ސަރުކާރާ ތޮޅެން އެކި ފަހަރު މަތިން މަސައްކަތްތަކެއް ކުރެވުނެވެ. އެގޮތުން ސަރުކާރު ވައްޓާލުމަށް ވަރުގަދަ "ޕްލޮޓެއް" ރޭވި ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ. ބަގާވަތަކުން ރާއްޖޭގެ ސަރުކާރު ވައްޓާލަން ރޭވި ކަމަށް ބީބީސީގައި ވެސް ރިޕޯޓްކުރި އެވެ. ބީސީސީގައި މިގޮތަށް ރިޕޯޓްކޮށްފައިވަނީ އިނގިރޭސިވިލާތުގެ ހިމާޔަތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެ ގައުމުގައި ތިއްބަވާ އިދިކޮޅު އިއްތިހާދުގެ އެހެން ވެރިން އަވަށްޓެރިސްރީލަންކާއަށް ވަޑައިގެން ތިއްބަ އެވެ. އެބޭފުޅުން ސްރީލަންކާއަށް ވަޑައިގެންނެވީ، "ސިއްރު" ބައްދަލުވުމަކަށް ކަމަށްވެ އެވެ.
ބީބީސީގެ މި ރިޕޯޓް އާންމުވިއިރު ސަރުކާރުގެ ކޮރަޕްޝަންތައް ފަޅާއަރުވާލާނެ ކަމަށް ބުނެ އަލްޖަޒީރާއިން ވެސް ރިޕޯޓެއް މިދިޔަ އަހަރުގެ ތެރޭގައި ދެއްކާފަ އެވެ. އެ ރިޕޯޓްގައި ފެނިގެން ދިޔައީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިންގަވާފައިވާ ޖަރީމާތަކެވެ.
ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއެކު އުފެއްދި އިދިކޮޅު އިއްތިހާދަކީ ވެސް ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރުމަށް އުފެއްދި އިއްތިހާދެކެވެ. އެ އިއްތިހާދުގެ އެންމެ ބޮޑު އަމާޒަކަށްވީ އިންތިގާލީ ސަރުކާރެއް ގާއިމުކުރުމެވެ. އެކަމަށްޓަކައި ޝެޑޯ ކެބިނެޓެެއް ވެސް އެކުލަވާލި އެވެ.
ނިމިދިޔަ އަހަރުގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރަށް ޕީޕީއެމްގެ ތެރެއިން ވެސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން ޕީޕީއެމްގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ބައެއް މަޖިލިސް މެންބަރުން ވަނީ ސަރުކާރަށް ފާޑުކިޔައި، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ހައްދަވާފަ އެވެ. އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ސަރުކާރަށް ކުރައްވަމުން ގެންދެވި ތާއިދު ވެސް އަނބުރާ ގެންދަވާފަ އެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ނިމިދިޔަ އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ވެސް އައެވެ. އެގޮތުން ސަރުކާރުގައި ތިއްބެވި އެންމެ ނުފޫޒުގަދަ ދެ މިނިސްޓަރުން ކަމަށްވާ އުމަރު ނަސީރާއި ދުންޔާ މައުމޫން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭގެއިތުރުން ނައިބު ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޖިހާދު އައްޔަންކުރެއްވުމަކީ ވެސް ބޮޑު ބަދަލެކެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި ވަރަށް ޒުވާން އާ މިނިސްޓަރުންތަކެއް ވެސް ކެބިނެޓާ ގުޅިފައިވެ އެވެ. އެގޮތުން މިހާރުގެ ހޯމް މިނިސްޓަރު އަހުމަދު އަޒްލީނާއި ހެލްތް މިނިސްޓަރު އިބްރާހިމް ނާޒިމާއި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ފާހަގަކޮށްލެވެ އެވެ.