ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އޮތް ތާއީދާމެދު ޝައްކެއް ނެތެވެ؛ އިތުރަށް ކަށަވަރުކޮށްލަން މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުން އެމަނިކުފާނު ނެރުއްވި ނަމަބަރު ފުދޭނެ އެވެ. އެމަނިކުފާނަށް ތާއީދު ކުރާ މީހުން ހުއްޓާ ނުލައި މަގުތައްމަތީ ދުވާ ދުވުން ފުދޭނެ އެވެ.
މިދިއަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރައްވައި ވޯޓުލީ މީހުންގެ 48 ޕަސެންޓް، 105،181 ވޯޓް ރައީސް ނަޝީދު ހޯއްދެވި އެވެ. މިއީ ރާއްޖޭގެ ވޯޓްލާ އާބާދީގެ ނިސްބަތަށް ބަލާއިރު އެއްބޭފުޅަކަށް ލިބޭނެ އެންމެ ބޮޑު ތާއީދެކެވެ. ބޮޑު ތާއީދު ނަޝީދަށް އޮތް ނަމަވެސް އެމަނިކުފާނުގެ ވެރި ކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ވެގެން ދިޔައީ ނަޝީދުގެ މައްޗަށް އެޅުނު ބޮޑު ބިޔަ ހިޔަންޏަކަށެވެ. ނަތީޖާއެއްގެ ގޮތުން އެހިޔަނިން ސަލާމަތް ނުވެވި އެންމެ ފަހުން އެމަނިކުފާނަށް ޖެހި ވަޑައިގެންނެވީ ޖަލުގެ ތޭރިތަކުގެ ބިއްދޮށަށްދާށެވެ. ރޭގެ ހުކުމާއެކު އެމަނިކުފާނު ހުރަގެއަށް ވަދެވަޑައިގަންނަވަނީ އެއްލައްކަ ސަޕޯޓަރުންގެ ރޮއްވާފައެވެ. ތޭރަ އަހަރުގެ ޖަލު ހުކުމާއެކު އެ މީހުނަށް ލިބުނު ހިތާމަ އާއި ހިތްދަތިކަމުގެ ތެރެއިންނެވެ. އެމަނިކުފާނު ކުރެއްވީ ހަމަ އެންމެ ވަސިއްޔަތެކެވެ. ހުކުމުގެ ދެ ގަޑިއެއްހާއިރު ކުރިން އެމަނިކުފާނު ދެއްވި މެސެއްޖެއްގައި އެދިވަޑައިގަތީ ގައުމާއި ރައްޔިތުންނަށާއި ދަރީންގެ މުސްތަގުބަލައްޓަކައި ހިތްވަރުކޮށްގައި ފުރާނަ އަތް މައްޗަށް ލައިގެން ނުކުމެ ހިތް ކުރެއްވުމަށެވެ. އެއީ އަސަރުގަދަ، ބާރުގަދަ މެެސެޖެކެވެ.
ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމާ ހަމައަށް ދާން ކުރި ޝަރީއަތަށް އެމަނިކުފާނު ހައްޔަރު ކުރުމާ ހަމައައިން ފެށިގެން ރޭ ހުކުމް އިއްވުމާ ހަމައަށް ވެސް އެމަނިކުފާނުގެ ސަޕޯޓަރުން ހުއްޓާ ނުލައި ގޮވަމުން ދިޔައީ އެ މީހުންގެ ލީޑަރު މިނިވަންކޮށް ދިނުމަށެވެ. އިންސާފުވެރި ޝަރީއަތަކަށް މަގު ފަހިކޮށް ދިނުމަށެވެ. ޖަޒުބާތުތަކާ އެކު އެވެ. ރޭ ހުކުމް އިއްވި ވަގުތުކޮޅު، ނަޝީދުގެ ސަޕޯޓަރުންނަށް މަގުމަތީގައި ކުއްލި ހުއްޓުމެއް އައެވެ. އެ ޝޮކަށްފަހު އެމީހުންގެ ތެރެއިން އެތައް ބަޔަކު މަގުމަތީގައި ރުޔެވެ. އެތައް ބަޔަކު ޖަޒުބާތުގައި ބާރަށް އެއްޗެހި ބުނެ ދުވުނެވެ. މާޔޫސްކަމުގައި ގޯސް ހެދުމާ ދިމާއަށް ދާން އުޅުނެވެ.
ރޭގެ މުޒާހަރާ ކަވަރު ކުރި ނޫސްވެރިން ބުނާ ގޮތުގައި ރޭ ވަރަށް ގިނަ މީހުންގެ ލޮލުން ކަރުނަ ހިލިގެން ދިޔަ އެވެ. އަނެއް ބަޔަކަށް ނުރޮވި ތިބީ ހަމަ ކިރިޔަ ކިރިޔާ އެވެ. މުޒާހަރާ އިތުރަށް ކުރިއަށް ގެންދާނެ ހިތްވަރެއް ވެސް ސަޕޯޓަރުންނަށް ނުލިބުނެވެ. އެން ކަމުން ރައީސް ނަޝީދުގެ މައްޗަށް އިއްވި ހުކުމާއެކު ލައްކައަކާ ކައިރި ކުރާ އަދަދެއްގެ ރައްޔިތުން ފާޅުގަ އާއި ސިއްރުން ރޭ ރޯނެ އެވެ. އެ ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެމީހުން މާޔޫސްކަން ސޯޝަލް މީޑިއާގެ ތެރެއަށް އޮއްސައިވެސްލާފަ އެވެ.
"ރައީސް ނަޝީދަށް ދެވިފައި މި އޮތް ލޯތްބަކީ ހިތާއި ހިތުގެ ގުޅުމެއް. ޖަލަށް ލިޔަސް މި ގުޅުމެއް ނުކެޑޭނެ. ނަޝީދާއި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އަދި އެކަމުން މިންޖުކޮށްދެއްވުމަށް އެދި ދުއާކުރަން،" ރައީސް ނަޝީދަށް ޒުވާން އަންހެން ކުއްޖަކު އޭނާ ފޭސްބުކް ސްޓޭޓަސް މިއަދު އަޕްކުރީ މިހެންނެވެ.
"ދެރަވެގެން ގޮސް ރޯލަރޯލާ މި އޮތީ. އެކަމަކު މި ހިތްވަރު ބައްޔެއް ނުވޭ. ދެރަވެ ރޮވުމަކީ އަދި ހިތްވަރު އެލުމެއް ނޫން. މި ހިތާމައިން ނިކުމެ އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ނަޝީދު ސަލާމަތް ކުރުމުގެ މަސައްކަތްތައް ފަށާނަން. ނަޝީދު ޖަލުން ނުނެރެވެނީސް މިކަމެއް ނުހުއްޓޭނެ،" ޒުވާނަކު ޓްވިޓާގައި ހިޔާލުފާޅުކުރި އެވެ.
އެމްޑީޕީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް ވެސް ވިދާޅުވަނީ، ނަޝީދު ޖަލަށް ލުމަކީ އެތައް ލައްކަ ބަޔެއްގެ ފިކުރާ ކުޅުން ކަމަށެވެ. އަދި އެއީ އެތައް ލައްކަ ބައެއް ޖަލަށް ލުން ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ. އޭގެ ސަބަބުން އެ އެންމެންގެ އިހުސާސްތައް ކެވިއަރައިގަންނާނެ ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.
"ނަޝީދަކީ އެތައް ބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެއް. އެފަދަ ބޭފުޅަކާ ކުޅުމަކީ ހަމަ އެ އެންމެންގެ ލެޔާ ކުޅުން،" ޝިފާޒް ވިދާޅުވެފައިވެ އެވެ.
މި ނޫނަސް ނަޝީދަށް ތާއީދު ކުރާ އެތައް ބައެއްގެ ރޭގެ ޝުއޫރަކީ އެއީ އެވެ. ނަޝީދުގެ "ޑައިހާޑް" ފޭނުންގެ ޝަކުވާއަކީ ޝަރީއަތް އެމަނިކުފާނު ސިފަ ކުރެއްވި ގޮތަށް "ފަޓާސް ބަރިއެއް" ހެން އަވަސްކޮށްލާފައި ނިންމާލުމެވެ. ގާނޫނީ ވަކީލުންނަށް އެކަށީގެންވާ ވަގުތު ނުދިނުމާއި، ވަކީލުންނަށް ވަގުތު ނުދިނުމެވެ.
ނަޝީދުގެ ފޭނުން ރުޅިއަރާފައި ތިބި މައްސަލަތަކެވެ. އެފަދަ މީހުން ބުނަނީ ކިތަންމެ ބޭ އިންސާފުކޮށް ޝަރީއަތް ހިންގިއަސް، އެކަމާ ޖެހިލުމެއް ނެތް ކަމަށެވެ. އެމީހުން ތިބީ ފުރާނަ އަތް މައްޗަށް ލައިގެން ނަޝީދު ޖަލުން ސަލާމަތް ކުރާށެވެ.