ހަބަރު

200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑު ބޭރަށް ވިއްކާލަނީ

ސަރުކާރުގެ ބައެއް މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ބައިނަލްއަގްވާމީ މާލީ ބާޒާރަށް 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑު ވިއްކާލުމަށް ފިނޭންސް މިނިސްޓްރީން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި ވާފަދައިން ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މާލީ ބާޒާރަށް ބޮންޑެއް ވިއްކުމަށްޓަކައި ކަނޑައަޅަންޖެހޭ ލީޑް މެނޭޖާސް ހޯދުމަށްޓަކައި ރިކުއެސްޓް ފޯ ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަރަމުން އަންނަ ގައުމުތަކުގެ އަދި އަލަށް މާލީ ބާޒާރަށް ނިކުތް ގައުމުތަކުގެ ބޮންޑު ވިއްކުމުގެ މަރުހަލާގައި ބައިވެރިވެފައިވާ ދުނިޔޭގެ ބޮޑެތި ބޭންކުތަކާއި އިންވެސްޓްމަންޓް ހައުސްތަކަށް އިސްކަންދޭ ގޮތަށެވެ.

ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ބޮންޑުގެ ގޮތުގައި 200 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އެ ބޮންޑަކީ އެންމެ މަދުވެގެން ފަސް އަހަރު ތެރޭގައި އަނބުރާ ދައްކަން ޖެހޭ ފިކްސްޑް ކޫޕޮން ބޮންޑެއް ކަމަށެވެ.

"މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރަށް ބަޖެޓްކުރެވިފައިވާ އުމްރާނީ މަޝްރޫއުތައް ފައިނޭންސް ކުރުމަށް،" ބަޔާނުގައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީން ދެކެނީ ބައިނަލްއަގްވާމީ މާލީ ބާޒާރަށް ސަރުކާރުން ވަނުމަކީ ރާއްޖޭގެ މާލީ ނިޒާމަށާއި ކެޕިޓަލް މާކެޓްގެ ތަރައްގީއަށް މުހިންމު މަރުހަލާއެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތަކަށް ވެސް ބައިނަލްއަގްވާމީ މާލީ ބާޒާރުން ފައިސާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

މި މަސައްކަތުގެ މުހިންމު މަރުހަލާއެއް ކަމަށްވާ ސޮވަރިން ކްރެޑިޓް ރޭޓިންއެއް ހެދުމުގެ މަސައްކަތް ވަނީ މޫޑީސް އިންވެސްޓާސް ސާވިސް އާ ހަވާލުކޮށް މިދިޔަ ސެޕްޓެމްބަރު މަހު ނިންމާފަ އެވެ.