ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން އެ ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް(މަވޯޓާ) ހުށަހެޅުއްވުމުން މަޖިލީހުން އިއްޔެ ފާސްކުރި އެ ބިލްގައިވާ ގޮތުން މިހާރު ހަތް ފަނޑިޔާރުންގެ ތިބޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަދުކުރުމުގެ ގޮތުން ދެ ފަނޑިޔާރު ވަކިކުރަންޖެހޭނެ އެވެ. އަދި އެ ބިލް ގާނޫނަކަށް ވާތާ ތިން ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަކިކުރަންޖެހޭ ދެ ފަނޑިޔާރެއްގެ ނަން ޖުޑިޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ފޮނުވަންޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ. އަދި ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުން ކަމަށް ވެސް އެ ބިލުގައިވެ އެވެ.
އިދިކޮޅު އެމްޑީޕީ އާއި ޖޭޕީން އެ ބިލަށް ދެކޮޅު ހެދި ނަމަވެސް އެ ބިލް އިއްޔެ ފާސްކޮށްފައިވަނީ ޕީޕީއެމްގެ މެމްބަރުންގެ ވޯޓާއެކު އެވެ.
ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކި ކުރުމުގެ އިތުރުން ހައި ކޯޓުގެ ދެ ގޮއްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކުރުމަށް ވެސް މަޖިލީހުން އިއްޔެ ފާސްކޮށް ރައީސް މިއަދު ތަސްދީގު ކުރެއްވި އެ ބިލްގައިވެ އެވެ. ސުޕްރީމް ކޯޓުގެ ލަފައާ އެކު ދެ ސަރަހައްދެއްގައި ހައި ކޯޓުގެ ދެ ގޮއްޕެއް ގާއިމް ކުރަންޖެހޭއިރު އެއިން ކޮންމެ ގޮއްޕަކަށް ހައި ކޯޓުން ތިން ފަނޑިޔާރަކު ކަނޑައަޅަންޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.