ލައިފްސްޓައިލް

ދިވެހި ސިނަމާ ދޫކޮށް ސީޒަން ލަންކާއަށް ބަދަލުވީތަ؟

ދިވެހި ސިނަމާގައި އެއް ގޮތެއްގައި އެންމެ ގިނަ ދުވަހު ހިފަހައްޓާލި ތަރިއަކަށް އަލީ ސީޒަން ވާނެ އެވެ. ރާއްޖޭގެ އެއްވަނަ އެކްޓަރުގެ ގޮތުގައި އޭނާ ވަނީ ދުވަސްތަކެއް ހޭދަކޮށްފަ އެވެ. ގިނަ ފިލްމްތަކެއް ވެސް ކުޅެފަ އެވެ. ސީޒަންއަކީ އަބަދުވެސް އެޕްސްޕެރިމެންޓްކޮށް ތަފާތު ފިލްމްތަކެއް ބެލެންތެރިންނަށް ގެނެސްދޭ މިހާރު ޑައިރެކްޓަރެއްވެސްމެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވެސް ސީޒަންގެ ތަފާތު ފިލްމެއް ކަމަށްވާ "އަހުޝަމް" ބެލުންތެރިންނާ ހަމައަށް އެވެ. އަދި މި އަހަރު ތަފާތު ނަމެއްގެ ފިލްމެއް ކަމަށްވާ "ވަފާތެރި ކެހިވެރިޔާ" ފެނިގެންދިޔަ އެވެ. އެ ފިލްމްގެ ކާމިޔާބީއަށްފަހު ސީޒަންގެ އަޑެއް ނީވެ އެވެ. ސީޒަންގެ ހަބަރެއް ދަބަރެއް ނުވެ އެވެ. އާ ފިލްމެއްގެ މަސައްކަތް ކުރާ ތަނެއް ވެސް ނުފެނެ އެވެ. ކުއްލިއަކަށް ސީޒަންގެ އަޑު ކެނޑުނުއިރު އޭނާ ވަނީ ދިރިއުޅުން ލަންކާއަށް ބަދަލުކޮށްފަ އެވެ. އަނެއްކާވެސް ނަން މަޝްހޫރު ދިވެހި އެކްޓަރެއްގެ ތަރި އޮއްސުނީބާވަ އެވެ.

މިހާރު ވެސް ރާއްޖޭގައި އެންމެ މަގުބޫލު ކަމެއް ހޯދި ގިނަ ތަރިންތަކެއް ފިލްމް ކުޅުން ހުއްޓާލުމަށްފަހު ތިބީ ރާއްޖެއިން ބޭރުގަ އެވެ. އިސްމާއިލް ވަޖީހާއި ޖަމްޝީދާ އަދި ޝީރީން ފަދަ ނަންތައް އޭގައި ހިމެނެ އެވެ. ސީޒަން ވެސް މި ލިސްޓަށް އިތުރުވީ ހެއްޔެވެ؟

ޖަވާބަކީ ނޫނެކޭ އެވެ. އޭނާ ލަންކާއަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ ދެ އަހަރެށެވެ. މީގެ މަސްތަކެއް ކުރިން ސީޒަން އާއި އޭނާގެ ލޯބިވާ އަންހެނުން އަދި ފިރިހެން ދަރިފުޅު ލަންކާއަށް ބަދަލުވީ ސީޒަން އިތުރަށް ކިޔެވުމަށެވެ. ދިވެހި ސިނަމާގެ މަތީ ހަރުފަތުގައި ސީޒަން މިވަގުތު ހުރި ނަމަވެސް އޭނާ ބޭނުންވަނީ އިތުރަށް މިކަން އުނގެނޭށެވެ. ސީޒަން ލަންކާއަށް ދިޔައީ ފިލްމް މޭކިންއާ ގުޅޭ ގޮތުން ކޯހެއް ހެދުމަށެވެ. އެ ކޯހަކީ ބޮޑަށް ތަޖުރިބާ ކޯހެކެވެ. މިހާރު ވެސް ގިނަ ކްލާސްތަކެއް ސީޒަން ނަގާފައިވާއިރު ސްވިޒްލޭންޑް ފަދަ ގައުމުތަކުގެ ލެކްޗަރާއިންގެ ލެކްޗާތަކުގައި ސީޒަން ވަނީ ބައިވެރިވެފަ އެވެ.

ސީޒަން ބުނި ގޮތުގައި މިހާރު ވެސް އޭނާއަށް ވަނީ ކުރިން ނޭނގޭ ވަރަށް ގިނަ އެއްޗެއް ދަސްވެފަ އެވެ. އަދިވެސް ކޯހުގައި ބޮޑު ބައި ނުނިމި އޮތްއިރު ކުރިއަށް ވެސް އިތުރު ތަޖުރިބާތަކާއި އުކުޅުތައް ދަސްވާނެ ކަމަށެވެ.

ލަންކާ ސީޒަން ހަމައެކަނި ކިޔަވަނީއެއް ނޫނެވެ. ކިޔަވަން ގޮސް އަތް އުރާލައިގެން ހުރީއެއް ނޫނެވެ. ސިންގަޅަ ފިލްމެއް ޑައިރެކްޓްކުރުމުގެ މަސައްކަތް އޭނާ ދަނީ ކުރަމުންނެވެ. ޝޫޓިން ފެށުމަށް ތައްޔާރުވެފައިވާ އެ ފިލްމަކީ ދިވެހި ބަޔަކާއި ލަންކާ ބަޔަކުވެގެން އުފައްދާ ފިލްމެކެވެ. މުޅިން ވެސް ސިންގަޅަ ބަހުން އުފައްދާ ފިލްމުން މުޅިން ވެސް ފެންނާނީ ލަންކާގެ ތަރިންނެވެ. ފިލްމްގެ އެއް ލީޑަށް ނެގުމަށް ހަމަޖެހިފައިވަނީ ވެސް ލަންކާގެ މަޝްހޫރު މީހެކެވެ.

"ކައުޝީ"ގެ ނަމުން ނަން ދީފައިވާ މި ފިލްމަކީ ބިރުވެރި ލޯބީގެ ވާހަކަ އެކެވެ. "ކައުޝީ"ގައި ފިލްމްގެ އަންހެން ލީޑްގެ ނަމެވެ. ލަންކާގައި އެޅުމަށް ހަދާ މި ފިލްމް ރާއްޖޭގައި ދެއްކުމަށް އަދި ނިންމާފައެއް ނުވެ އެވެ.

އިބްރީހީމް ނިފާރު (ތިއްތި) ގެ ކޮންސެޕްޓަކަށް ހަދާ "ކައުޝީ" ސީޒަން ޑައިރެކްޓްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއިން ބޭރުގައި މަސައްކަތްކޮށް، ތަޖުރިބާ ހޯދުމެވެ. އަދި ރާއްޖޭގެ ފިލްމު އިންޑަސްޓްރީ އަށް ބޭރުގެ އެކްސްޕޯޝާއެއް ހޯދުމަކީ ވެސް ސީޒަން މި މައްސަކަތް ކުރުމުގެ ބޭނުމެކެވެ. އޭނާ ބުނީ މި ފިލްމް ލަންކާ ނޫން އެހެން ބައެއް ގައުމުތަކުގައި އެޅުވުމަށް ވެސް ވާހަކަތައް ދެކެވުން އަންނަ ކަމަށެވެ.

ކޮލަންބޯ އަދި ކެންޑީގައި ޝޫޓްކުރާ "ކައުޝީ"ގައި ސިންގަޅަ ބަހުގެ ސީޒަންގެ ފަހު ފިލްމަކަށް ނުވާނެ އެވެ. ކުރިއަށް ވެސް އިތުރު ފިލްމްތަކުގެ މަސަކަތް ކުރުމުގެ ވިސްނުން އޭނާގެ އެބަހުއްޓެވެ. ސީޒަން ދެން ފިލްމެއް ހަދަން ބޭނުންވަނީ ރާއްޖެ އިޝްތިހާރުވާ ގޮތަށް ރާއްޖޭގެ ލޮކޭޝަންތަކުގައި ސިންގަޅަ ބަހުން ކަމަށެވެ. ސިންގަޅަ ބަހުން ފިލްމް ހެދުމުން ގިނަ ގައުމުތަކެއްގައި ފިލްމް އެޅުވި އެ ގައުމުތަކުގެ ސަމާލުކަން ވެސް ލިބިގެންދާނެ ކަމަށް ސީޒަން ބުންޏެވެ.

ދެން އުފެދޭ ސުވާލަކީ ސީޒަން ދިވެހި ފިލްމުތައް ދެން ނުކުޅޭނެބާވަ އެވެ؟ މުޅިން ވެސް ސިންގަޅަ ފިލްމްތަކަށް ހުސްވީބާވަ އެވެ؟ އެހެނެވެސް ނޫނެވެ. މިހާރު ސީޒަން ދަނީ ދިވެހި ފިލްމެއްގެ ލީޑެއް ކުޅުމަށް ވާހަކަ ދައްކަމުންނެވެ. އަދި ޑޮކިއުމެންޓްރީގެ މަސައްކަތް ވެސް ސީޒަން ވަނީ ކުރަން ނިންމާފަ އެވެ.

ސީޒަން ބުނީ ކޮންމެ އަހަރަކު ވެސް ދިވެހިންނަށް އޭނާގެ އެއް ފިލްމް ނަމަވެސް ގެނެސްދޭން ބޭނުންވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރު ވެސް އޭނާގެ ފިލްމެއް ފެންނާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ފިލްމްގެ މަސައްކަތް ކުރާނީ އޭނާއަށް ލިބޭ ފަސޭހަ ވަގުތެއްގައި ރާއްޖެ އައިހެވެ. އެގޮތަށް ވަގުތުދޭ ފިލްމެއްގައި ނޫނީ މަސައްކަތް މިހާރު ކުރެވެން ނެތް ކަމަށް ވެސް ސީޒަން ބުންޏެވެ.

ސީޒަން ބުނި ގޮތުގައި ދެ އަހަރުގެ ކޯސް ނިންމާފައި އޭނާ ރާއްޖެ ބަދަލުވާނެ އެވެ. ކުރިއެކޭ އެއްގޮތަށް ދިވެހި ސިނަމާގައި މަސަކަތްކުރަން ފަށާނެ އެވެ. އެހެނަސް އޭނާގެ އާއިލާ ދެން ދިރިއުޅެމުންދާނީ ލަންކާގައި ކަމަށް ސީޒަން ބުންޏެވެ. ގައުމީ ފިލްމް އެވޯޑްސްގައި ބައިވެރިވުމަށް ރާއްޖެ އައި ސީޒަން އިއްޔެ ވަނީ ލަންކާއަށް ފުރާފަ އެވެ.