އިރްތިޝާމް އާދަމް

މި މިނިސްޓަރާމެދު ދެކުނީ މިގޮތަށްތަ؟

ޔޫތް އެންޑް ސްޕޯޓްސްގެ މަގާމަށް ހެލްތް މިނިސްޓަރުގެ މަގާމު ހުންނެވި އިރުތިޝާމް އާދަމް އައްޔަން ކުރުވެއްމަކީ ކެބިނެޓަށް ގެނައި ބަދަލުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި ބަދަލެވެ. އެކަމަނާއަށް ޔޫތް އެންޑް ސްޕޯޓްސްގެ މިނިސްޓަރުކަން ކުރެވިދާނެކަމާމެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. ޒުވާނުންނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމާމެދު ސުވާލު އުފެއްދި އެވެ. ހެލްތު ދާއިރާއާ ބެލެހެއްޓި، އަދި މިފަދަ ދާއިރާއަކަށް ތަޖުރިބާ ނެތް ބޭފުޅަކަށް ކުޅިވަރުގެ ދާއިރާ ކޮޅަށް ޖެހިދާނެތޯ ބޮޑެތި ބަހުސްތައް ކުރެވުނެވެ.

ޔޫތް މިނިސްޓަރުގެ މަގާމާ އިރުތިޝާމް ހަވާލުވެވަޑައިގެންނެވިތާ ހަ މަސް ދުވަސް މިވަނީ ވެފަ އެވެ. މީހުން ކީ ފާޑުކިޔުންތަކާއި ސުވާލުތަކަށް ވެސް ވަނީ ޖަވާބު ދެއްވާފަ އެވެ. ފާއިތުވެދިޔަ ހަ މަސް ދުވަހަކީ ހަމަ ޔަގީނަށް ވެސް މިފަހުން ކުޅިވަރުގައި ދެކުނު އެންމެ ފާގަތި ދުވަސްތަކެވެ. ކުޅިވަރުގެ ސިޔާސަތަށް ތަންފީޒުކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެވުނު ދުވަސްތަކެވެ.

"އިރުތިޝާމްއަކީ ވަރަށް ބަރާބަރު މިނިސްޓަރެއް، އަދި މިހާތަނަށް ދުށް އެންމެ ހިންގުންތެރި މިނިސްޓަރު އެއީ، ކުޅިވަރު ސިޔާސަތުތައް ތަންފީޒުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ،" އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ މަރުޒޫގު އަހުމަދު (މަރޭ) ވިދާޅުވި އެވެ.

މަރޭ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ކުޅިވަރުގެ ސިޔާސަތުތައް ތަންފީޒުވާން ފެށީ، އިރުތިޝާމް، މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކަމަށެވެ. މިނިސްޓަރަކީ ވަކި މީހަކަށް ނުބަލައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ކަންކަން ވަރަށް ގާތުން ބައްލަވާ އެއްވެސް އެސޯސިއޭޝަނެއް ބާކީ ނުކުރައްވާ މިނިސްޓަރެއްކަން ވެސް މަރޭ ފާހަގަކުރެއްވި އެވެ.

"ޕާސަނަލީ ވަރަށް ކައިރިން ބައްލަވާ، ވަކި މީހަކަށް ކަނދުރާއަކަށް ނުބައްލަވާ، މީގެކުރިން ފެނުގެން ދިޔަ އަމިއްލަ އެޖެންޑާއަކާއެކު ބައެއް ފަރާތްކުން މަސައްކަތް ކުރެއްވިތަން، އެހެނަސް މިނިސްޓަރު އިރުތިޝާމްގެ އަމިއްލަ އެޖެންޑާއެއް ނުގެންގުޅުއްވާ، ކުރައްވާ މަސައްކަތަކީ ކުޅިވަރު ސިޔާސަތުތައް ތަންފީޒުކުރުން، މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަކުރުން،" މަރޭ ވިދާޅުވި އެވެ.

މަރޭ އިތުރަށް ވިދާޅުވި ގޮތުގައި، މިނިސްޓަރު ވަނީ މިނިސްޓްރީ ތެރެއަށް ވެސް ހެޔޮ ބަދަލެއް ގެންނަވާފަ ކަމަށެވެ. އަދި އެސޯސިއޭޝަންތަކާ ވެސް މިހާރު ގާތް ގުޅުމެއް އޮންނަ ކަމަށެވެ. ހުރިހާ އެސޯސިއޭޝަންތަކެއްހެން ވެސް މިނިސްޓަރު އިރުތިޝާމްގެ ހިންގުންތެރި ކަމަށް ތައުރީފުކުރާ ކަމަށެވެ. މަރޭ ވިދާޅުވީ، ކަމަކު މެސެޖެއް ނޫނީ ސިޓީ ފޮނުވައިފިނަމަ އެއަށް ވަރަށް އަވަހަށް މިނިސްޓަރު އެޓެންޑް ކުރައްވާ ކަމަށެވެ. އަދި، އެދޭ ކަންކަމަކީ ވާނެ ކަމެއް ނުވަތަ ނުވާނެ ކަމެއް ކަން ވެސް ދެ ދުވަސް ތެރޭގައި އަންގާ ކަމަށް މަރޭ ވިދާޅުވި އެވެ.

އެކަމަނާގެ ހިންގުންތެރިކަމަށް ރައީސް އަބްދުﷲ ޔާމީން ވެސް ތައުރީފު ކުރައްވާފައިވާއިރު ކުޅިވަރަށް އާ އިންގިލާބެއް ގެންނަ މިނިސްޓަރަކަށް އިރުތިޝާމް ވެވަޑައިގަންނަވާނެއެވެ. އެތައް ބައިވަރު އެތެރޭގެ މައްސަލަތަކެއް އޮތް، މައްސަލަތާ ހުރެ ކުޅިވަރުގެ ކުރިމަގަށް ހުރަސް އެޅިފައިވަނިކޮށް އެ ހުރަސްތަކުން ގިރާރުވުމަށް މަގު ދައްކުވައިދޭ މޭސްތިރިއަކަށް މިހާރު ހުންނެވީ އެންމެ ކަމަށް ގާބިލު ބޭފުޅާކަން މިހާރު ކުޅިވަރުގެ ސަހުސިއްޔަތުން ދެކެ އެވެ.

ކުޅިވަރުގެ ސަހުސިއްޔަތުންގެ އިތުރުން މިނިސްޓަރު އިރުތިޝާމްއާއެކު މަސައްކަތް ކުރައްވާ މުވައްޒަފުން ވެސް އެކަމަނާއާމެދު ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ. މިނިސްޓްރީ ތެރެއަށް ބަދަލުތަކެއް އައިސް، ބާރު ސްޕީޑް މަސައްކަތް ކުރުމުގެ ރޫހު އެ މިނިސްޓްރީ ތެރޭގައި މިހާރު އެބަ އޮތެވެ.

"މިނިސްޓަރާ ވަރަށް ބޮޑަށް ޓީމް ވޯކަށް ވިސްނަވާ، ޓީމް ވޯކްގައި މަސައްކަތް ކުރާތީ މިނިސްޓަރާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ، މިނިސްޓަރަކީ ޕޮލިޓިކަލް އަދި ސިވިލް ސާޓްފުން ވެސް ތަފާތު ކުރުމެއް ނެތި އެއްވަރަށް މޯޓިވޭޓްކޮށް އެޕްރިޝިއޭޓް ކުރައްވާ މިނިސްޓަރެއް، އެއީ ލީޑަޝިޕް ހުންނެވި މިނިސްޓަރެއް، މިނިސްޓަރުގެ ލީޑަޝިޕްގެ މިނިސްޓްރީގެ މަސައްކަތްތައް މިވަނީ މެކުހަށް ޖަހާފައި،" ޔޫތް މިނިސްޓްރީގެ އެކްޒެކެޓިވް ކޯޑިނޭޓާ އަބްދުލް ޝަކޫރު އަބްދުﷲ ވިދާޅުވި އެވެ.

އަބްދުލް ޝަކޫރު ވިދާޅުވި ގޮތުގައި، މިނިސްޓަރު އިރުތިޝާމްއަކީ މުވައްޒަފުންގެ މަސައްކަތްތައް ވަރަށް ގާތުން ބައްލަވާ ހިތްވަރުދޭ މިނިސްޓަރެކެވެ. އަދި މަސައްކަތް ކުރިއަށް ނުދާނަމަ ފިޔަވަޅު ވެސް އަޅުއްވާ މިނިސްޓަރެކެވެ.

ޒުވާނުންނާ ދުރު މިނިސްޓަރަކަށްވާނެ ކަމަށް ގިނަ ބަޔަކު ދެކުނު މިނިސްޓަރު އިރުތިޝާމް މިހާރު ވަނީ ޒުވާނުންގެ ލޯބި ހޯދާފަ އެވެ. މިހާރު ފުޓްބޯޅަ ކުޅުނަސް ނޫނީ ބަށި ބޯޅަ ކުޅުނަސް މިނިސްޓަރު އެތަނަކަށް ޒިޔާރަތްކުރެ އެވެ. ކޮންމެ ކުޅިވަރަކަށް ވެސް އިސްކަން ދެއްވަ އެވެ. ކުރިކެޓް ޓީމު ފުރިޔަސް އެހެން ޓީމެއް ފުރިޔަސް މިނިސްޓަރު ހިތްވަރު ދެއްވަ އެވެ. އެންމެ ފަހުން ބޭއްވި ގައުމީ ފިލްމް އެވޯޑްސްގައި ބައިވެރިވެ ފަންނާނުންނާ މިނިސްޓަރު މުހާތަބުކުރެއްވުމުން އެކަމަށް ދެއްވާ ސަމާލުކަން ވެސް ހާމަވި އެވެ.

އަމަލީ ގޮތުން މިނިސްޓަރު ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު ކުޅިވަރު ސަހުސިއްޔަތުންނާއެކު ކުޅިވަރު ކުޅުމުގައި ވެސް މިނިސްޓަރު ދަނީ ބައިވެރިވެލައްވަމުންނެވެ. އެހެންކަމަށްވާއިރު މި މިނިސްޓަރު ވެގެން ގޮސްފައިމިވަނީ ދެކުނު ގޮތާ މުޅިން ހިލާފު މިނިސްޓަރަކަށެވެ.