ރިޕޯޓް

އެންމެ އުސް އިމާރާތް: 35 ފޫޓު ނުވަ އިންޗި!

Jan 1, 2017
3

ފުރަތަމަ ސުވާލަކީ މާލޭގައި އެހެރަ މުންނާރުން ކުރަމުން އައި ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަނެއް ސުވާލަކީ މުންނާރުގެ އުސް މިނަކީ ކޮބައި ހެއްޔެވެ؟ ފަހު ސުވާލަކީ މުންނާރު ހެދީ ކޮން ދުވަސްވަރެއްގައި ކާކު ހެއްޔެވެ؟ މި ތިން ސުވާލަކީ ވެސް ރޭޑިއޯ ޗެނަލަކުން ފޮނުވި ޕްރޮގްރާމެއްގައި އެހުންތެރިންނާ ކުރިމަތި ކުރުވި ތިން ސުވާލެވެ.

މި ސުވާލުތައް ފެންމަތިވުމުން އަންގައި ދެނީ ރާއްޖޭގައި ހާއްސަކޮށް ވެރިރަށް މާލޭގެ އިސްލާމީ ދަންމަރާއި ހައިބަތު ދައްކައިދޭ އެންމެ މުހިއްމު "ލޭންޑްމާކް" ގެ މައުލޫމާތު އޭގެ އަހުލުވެރިންގެ ކިބައިން ވީއްލިފައިވާ ކަމެވެ. އާސާރީ އެ ހާއްސާ ބިނާއާ ބެހޭ ވާހަކަ މިހާރަށް "ކޮށި" ވެފައިވާ ކަމެވެ. އެހެންކަމުން ދިވެހިން ފަހުރުވެރިވާ އެ ބިނާގެ "ޓުއާ" އެއް ހެދިއްޔާ ކިހިނެއް ވާނެ ބާ އެވެ؟ މައުލޫމާތާ އެކު ތާރީހާއި ދިވެހިންގެ އިސްލާމްވަންތަ ކަމާ ގުޅިފައިވާ އެ ބިނާއާ ބެހޭ ގޮތުން މުއްސަނދިވެލުމަށެވެ.

ބުރިބުރިއަށް އަރާފައިވާ އުސް އިމާރާތްތައް މާލޭގައި މިހާރު އެބަހުއްޓެވެ. އެހެންނަމަވެސް މީގެ ބައި ގަރުނަށް ވުރެ ވެސް ކުރިއަށް ދާއިރު ދިވެހި ރާއްޖޭގައި ހުރި އެންމެ އުސް އިމާރާތަކީ މާލޭގެ މުންނާރެވެ. އުސް ކަމުން އޭރުގެ ދިވެހިން ހައިރާންވާ އެ އުސް ބިނާގެ އުސްމިން ކިހާވަރެއް ކަމަށް ހީކުރެވޭ ހެއްޔެވެ؟ އޭރު ރާއްޖޭގެ އެންމެ އުސް އެ އިމާރާތުގެ އުސްމިނަކީ 35 ފޫޓު ނުވަ އިންޗި އެވެ.

ތާރީހުން ސާފުވާ ގޮތުގައި މިހާ އުސް އިމާރާތެއްގެ ގޮތުގައި މުންނާރު ބިނާ ކުރެއްވީ މަޝްހޫރު ބޮޑު ރަސްގެފާނުގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނު ނުވަތަ އައްސުލްތޯނު އިބުރާހިމް އިސްކަންދަރު ސްރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އިސްކަންދަރު ރަސްގެފާނު މުންނާރު ހައްދަވައި ނިންމެވީ މީލާދީން 1674 ގަ އެވެ. މުންނާރަކީ އާސާރީ އަދި އިސްލާމީ "ލޭންޑްމާކެ" އްގެ ގޮތުގައި އެކަނި މިހާރު ބެލޭ ތަނެއް ނަމަވެސް އިސްކަންދަރު ރަސްގެފާނު، މުންނާރު ފަރުމާކޮށް ބިނާ ކުރެއްވީއްސުރެ އެ ބިނާ ބެލެވެމުން އައީ ދިވެހި ދައުލަތުގެ ހާއްސަ މުއައްސަސާއެއްގެ ގޮތުގަ އެވެ. މުންނާރުން ގޮވާ "މުންނާރު ކަލޭގެ" އަކީ ދިވެހި ދައުލަތުގެ ވަރަށް ބޮޑު މުސާރައެއް ލިބޭ ހާއްސަ ބޭފުޅެކެވެ. އެ އިމާރާތާ މެދު އެންމެން ދެކެމުން އައީ ހާއްސަ ނަޒަރަކުންނެވެ.

މިހާރު 342 އަހަރުގެ އުމުރެއް ކެނޑިގެން ގޮސްފައިވާ ބިނާއެއް މިހާރުގެ ޖީލާ ހަމައަށް ފެންނަން ހުއްޓަސް ތާރީހީ އެ ބިނާއާ ބެހޭ ގޮތުން އެންމެ ސާފު މައުލޫމާތު އާންމުކޮށް އެންމެނާ ހަމައަށް ފޯރުކޮށްދެވިފައި ނެތްކަން އެއީ ވަރަށް ބޮޑު އުނި ކަމެކެވެ. ވަރަށް ސާފުކޮށް ޖަވާބު ދެވޭވަރަށް މައުލޫމާތު ލިބިފައި ހުންނަންޖެހޭނެ ހާއްސަ ބިނާއަކަށް މުންނާރު ވިޔަސް އެއީ "މުންނާރު" ކަމާއި އެއީ މާލޭގައި ހުންނަ ތަނެއްކަން އެނގޭ އެނގުމެއް ފިޔަވައި މާ ބޮޑު މައުލޫމާތެއް މިހާރަކު ނެތެވެ. އެ މިންވަރަށް ރޯ ފިލާފައި ނެތް މީހުން ވެސް މަދުވާނެއެކޭ ހިތަކަށެއް ނުވަދެ އެވެ.

މުންނާރާ ބެހޭ ގޮތުން އިހުގައި ވެސް މާ ބޮޑު ހޯދުންތަކެއް ހޯދައި އެއްކޮށްފައެއް ނުވެ އެވެ. ނަމަވެސް މަޝްހޫރު ލިޔުންތެރިޔާ އަލީ އަހުމަދު މުންނާރާ މެދު ބެހެއްޓެވި ޝައުގުވެރި ކަމެއްގެ ތެރެއިން ބައެއް މައުލޫމާތު އޭނާގެ ނޯޓް ފަޮތްތަކުގައި ލިޔުއްވި އެވެ. އެއިން ބައެއް ވާހަަކަ ސަރުކާރުގެ ހަބަރުގައި ވެސް ލިޔުއްވި އެވެ.

އަހަރެމެން މިދެކޭ މުންނާރުގެ ތިރީ ބުރީގެ އުސްމިނަކީ 25 ފޫޓު ހަ އިންޗި އެވެ. އެތާނގެ މަތީ ބުރީގެ އުސް މިނަކީ 10 ފޫޓު ތިން އިއްޗި އެވެ. އެހެންކަމުން މުޅި މުންނާރުގައިވާ ދެ ބުރީގެ އުސްމިނަކީ 35 ފޫޓު ނުވަ އިންޗި އެވެ.

މުންނާރުގެ އެންމެ ތިރިން ވަށައިގެން ފަލަމިނަކީ 65 ފޫޓެވެ. ތިރީ ބުރީގެ މަތީގެ ވަށަމިނަކީ 60 ފޫޓެވެ. މަތީބުރީ ވަށައި ފަލަމިނަކީ 40 ފޫޓު އަށް އިންޗި އެވެ. މަތީ ޗެންޗޭނުގެ އުސްމިނަކީ ތިން ފޫޓެވެ. އެ ޗެންޗޭނު އެކުލެވިގެން ވަނީ ޖުމްލަ 11 ދަގަނޑުގެ މައްޗަށެވެ. ތިރީ ޗެންޗޭނުގައި 15 ދަގަނޑު ހިމެނޭއިރު އުސްމިނަކީ ތިން ފޫޓު ފަސް އިންޗި އެވެ.

މުންނާރުގައި ވަނީ ތިރީ ބުރީގައި ހަ ބަންދު، މަތީ ބުރީގައި ދެ ބަންދު އަދި ޖުމްލަ އަށް ބަންދެވެ. މި ހުރިހާ ބަންދެއް ވެސް ހަދާފައި ވަނީ ލޮއިންނެވެ. އެހެން ނަމަވެސް އެ ލޮއި ބަންދުތައް ކުރިން ހަދާފައި ވަނީ ބޮޑު ރޯނުންނެވެ. ރޯނުން ބަންދު ހަދާފައި ހުންނައިރު އޭގެ މަތީގައި އުނގުޅާފައި ހުންނަނީ އުވަ އެވެ.

މިހާރު ފެންނަން އެހެރަ ގޮތަށް ލޮއި ބަންދުތަކެއް މުންނާރުގައި އެޅީ މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގަ އެވެ. އެ މަސައްކަތް ކުރީ ހުކުރު މިސްކިތުގައި ޓިނު ޖެހި ދުވަސްވަރު އަތިރީގޭ އިބުރާހިމް ދޮށިމޭނާ ކިލެގެފާނެވެ. މުންނާރުގެ މަތީ ބުރީގައި ޗެންޗޭނު ޖެހީ ވެސް އިބުރާހިމް ދޮށިމެނޭ ކިލެގެފާނުގެ ސިޔާސީ ބާރުވެރިކަން އޮތް ދުވަސްވަރު އެވެ. އެމަނިކުފާނު އެޅުއްވި ފިޔަވަޅެއްގެ ގޮތުންނެވެ.

ޗެންޗޭނުން ޖަހަން ސަރުކާރުން ނިންމައި އެކަން ކުރީ "މުންނާރުން ގޮވަން" ބޮޑޭ ހަސަންފުޅު ކޮޔާ ހަވާލުވެފައި އޮތް ދުވަސްވަރު ވަރަށް ގަދަފަދަ ހޮނު ގުގުރި އާއި ބާރު ވަޔާ އެކު ވާރޭ އޮއްސަމުންދިޔަ ވިއްސާރަ ރެއެއްގައި މުންނާރަށް އަރައި މުނާޖާ ގޮވަން ހުންނަވަނިކޮށް އިންތިހާއަށް ވައިބާރުވެ އޭނާ އަރި އަޅައިލުމުން، މުންނާރުގެ މަތިން ނުރައްކާތެރި ހާދިސާއެއް އަތުވެދާނެ ކަމަށް ބަލައިގެން ސަލާމަތީ ފަށަލައެއް ލުމުގެ ގޮތުންނެވެ. މުންނާރުގެ ތިރީބުރީގައި ޗެންޗޭނުން ޖެހީ އޭގެ މާފަހުން ދިވެހި ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުގެ ގޮތުގައި ހަސަން ފަރީދު ސަރުކާރު ހިންގެވި ދުވަސްވަރު ޝައިހު އިބުރާހިމް ރުޝްދީ "ޕަބްލިކް އެންޑޯމަންޓް މިނިސްޓްރީ" ނުވަތަ ވުޒާރަތުލް އައުގާފުގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުންނެވެ.

މުންނާރުގެ ދޮރު ކުރިން ހުންނަނީ ތަޅެއް ނުލައި ދޫކޮށްލައިފަ އެވެ. އެކަމަކު ދޮރުފަތް ހިފެހެއްޓުމަށް ހައްޔަރުކުރެވޭ ޒާތުގެ ތަންޑެއް ލައިފަ އެވެ. ދޮރު ތަޅުލާ ގޮތަށް ހަމަޖެހުނީ ދޮރުގެ އެތެރޭ ކައިރިއަށް ކޮންމެވެސް މީހަކު ފުޅިތޮށި އަޅައިގެންނެވެ.

މުންނާރުގެ ތިރީގައިވާ ހަރުފަތް ބަރީގެ ފުޅާމިނަކީ އެއް ފޫޓު ތިން އިންޗި އެވެ. އެތެރެއަށް ވަންނަ އުތުރު ފަރާތަށް ވާގޮތަށް ހުންނަ ދޮރު ކައިރީގައި ވަނީ ހަތަރުގަނޑު ހަރުފަތެވެ. އެއީ ގަލުގެ ހަރުފަތްތަކެކެވެ. ތިރީ ބުރީގައި 34 ގަނޑު ހަރުފަތާއި މަތީބުރީގައިވާ 15 ހަރުފަތްގަނޑެވެ. އެ ހަރުފަތްތަކުން މައްޗަށް އެރޭނީ އެއް ރިޔަނުގެ ފުޅާ މަގަކުން އެނބުރެމުންނެވެ. މުޅިން ވެސް 15 އިންޗީގެ ބޯމިން ހުރި ހިރިގަލުން ހަދާފައިވާ މުންނާރަށް ވަންނަ ހުންނަ ދޮރުގެ ފުޅާމިނަކީ ދެ ފޫޓު ދެ އިންޗި އެވެ. އުސްމިން ލިބެނީ ހަ ފޫޓު ހަ އިންޗިއަށެވެ.

މުންނާރުގެ ވަށައިގެން ލިޔެފައިވަނީ ބަންގި ނަމަވެސް ފެށުމާއި ނިންމުމުގައި ތަފާތެއް ވެއެވެ. ފަށަނީ ބިސް މިނުންނެވެ. ނިންމާފައި ވަނީ މުންނާރު ނިސްބަތްވާ ރަސްގެފާނު، އިސްކަންދަރު ރަސްގެފާނުގެ ނަންފުޅާއި މުންނާރު ހަދާ ނިންމި ތާރީހުންނެވެ. މި ލިޔުންތަކުގެ އަކުރު ހަދާފައި ވަނީ ގަލުން އުފުލިފައިވާ ގޮތަށް ފަންނުވެރިކަން ނެރެގެންނެވެ. އަކުރުތަކުގަ އާއި އޭގެ ތިރިއާ މަތިން ފާޅުކޮށްދޭ މާތަކުގައިލާފައި ވަނީ ނޫ ކުލަ އެވެ. ބަންދުތަކުގައި އަޅިކުލަ އެވެ. ދޮރުތަކުގައި އެ ޒާތުގެ ދަވާދެކެވެ. އެހެން ދިމަދިމާގައި ލާފައި ވަނީ ސަފޭދު ނުވަތަ ހުދު ކުލަ އެވެ.