ރިޕޯޓް

މެދު ޒިޔާރަތް ހުޅުވުން، މައްސަލައެއްތަ؟

ޑިމޮކްރަޓިކް ނިޒާމެއްގައި، ހިޔާލު ފާޅު ކުރުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން ނިންމުމުގައި އިދިކޮޅު ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަކީ މި ނިޒާމުގެ އުސޫލެވެ. ނަމަވެސް، ކަން ހިނގަނީ މިހެން ބާވަ އެވެ؟ ވެރިކަމުގެ ބާރުން ނިންމާ ނިންމުންތަކާ މެދު ހިތްހަމަނުޖެހި، ކިތަންމެ މާތް މަގުސަދެއްގައި ކަމެއް ކުރިކަމުގައިވީ ނަމަވެސް އެކަމަކާ ދެކޮޅުވެރިވެ، އެކަމުގެ ހަގީގީ ނަތީޖާއާ ހާސިލް ވިޔަ ނުދިނުމަށް މަސައްކަތް ކުރުމަކީ މިހާރު އާންމު ކަމެކެވެ.

ދާދި ފަހުން، މެދުޒިޔާރަތް އާންމުންނަށް ވަކި ގަޑިއެއްގައި ހުޅުވާލައި، މެދުޒިޔާރަތާއި ރާއްޖެ އިސްލާމް ވެގެން ދިޔުމާއި އޭގެ ފަހުން އިސްލާމް ދީން ރާއްޖޭގައި ފުޅާ ވެގެން އައި ގޮތުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރުމަށް ހުޅުވާލަން ނިންމާ އެކަން މީޑީއާ ގައި އާންމު ކުރިއެވެ. އެހިސާބުން، ސޯޝަލް މީޑިއާގައި އެއްބަޔަކު އެތަން ބަލައިލަން ދާން ވާނެ ކަމަށް ބުނެ އެހެން މީހުންނަށް އެއުފާވެރި ހަބަރު ދެމުން ގެންދިޔައެވެ. އަނެއް ބަޔަކު، މިކަމަކީ ދީނީ ކަމެއްގެ ގޮތުގައި ދެކި އެކަމާ ދެކޮޅަށް އަޑު އުފުލަމުން ދިޔައެވެ. މިކަމުގެ ސަބަބުން ގަބުރުތަކަށް އަޅުކަން ކުރުމަށް މަގުފަހިފާނެ ކަމަށް ބުނެ އަޑު އުފުލަމުން ދިޔަ ބައެއްގެ އަޑުވެސް އިވުނެވެ.

ދީނީ އިލްމްވެރިން އެންމެ ބޮޑަށް ކަންބޮޑުވީ އެ ތަނަކީ އިހު ޒަމާނުގައި ނަދުރު ބުނި ތަނަކަށްވާތީ އަލުން ޝިރުކާއި، ބިދުއަތައް ދިރިގެން ހިނގައިދާނެތީ އެވެ. އެހެނަސް މިހާރު ދިވެހިން އެހާ ނާތަހުޒީބު ހެއްޔެވެ؟ ދިވެހިންނަކީ ދީނަށް ލޯބިކުރާ، ވަރަށް ބޮޑަށް ދީނުގެ ކަންކަން އޮޅުން ފިލުވައިގެން ތިބި ބައެކެވެ. ދީނީ އިލްމްވެރިންގެ މަސައްކަތުން ކަމަށް ވެސް ވެދާނެ އެވެ. އެހެންވީމަ އެތަން އަލުން ހުޅުވާލައި ދައްކާލުމަކުން އެފަދަ ކަމެއް ހިނގާދާނެ ކަމަކަށް ނުބެލެވެ އެވެ. ހއ. އުތީމުގައި ބޮޑުތަކުރުފާނު ގަނޑުވަރަށް ވެސް މީހުން ޒިޔާރަތްކުރަނީ ނޫން ހެއްޔެވެ؟ އެފަދަ ކަންކަން ދިރުމުގެ ބަދަލުގައި ވަނީ އުވި ގޮސްފަ އެވެ.

ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރުމަށް މައްކާ އަށް ދާ ދިވެހިން ވެސް މަގްބަރާތަކަށް ޒިޔާރަތް ކުރެ އެވެ. ނަމަވެސް، އެތަންތަނަށް ދިވެހިން ގޮސް، އެތަންތަނަށް އަޅުކަން ކޮށް، ގަބުރުތަކަށް ތަގްދީސް ކުރުން ފަދަ އަމަލަކަށް މަގުފަހި ވާތަނެއް ނުފެނެ އެވެ. ހުކުރު މިސްކިތް ވެސް ހުންނަނީ އާންމުންނަށް ނުވަދެވޭހެން ބަންދު ކޮށްފައެއް ނޫނެވެ. ނަމަވެސް، އެތަން ހުޅުވާފައި ހުރެގެން މިފަދަ އާދައެއް ދިވެހިން އެތަނުގައި ފަރިތަ ކުރާ ނަމަ ކުރާހާ ދުވަސް މިހާރު ވެއްޖެކަން ގައިމެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު މެދު ޒިޔާރަތް ހުޅުވާލައި އާންމުންނަށް ދައްކާފައިވެ އެވެ. އެ ފަހަރު ވެސް އެތަނަށް ގިނަ ބަޔަކު ޒިޔާރަތްކުރި އެވެ. އެހެނަސް އެތާ އެއްވެސް އަޅުކަމެއް ނުކުރެ އެވެ.

މެދުޒިޔާރަތް އަލުން ހުުޅުވާލަން ނިންމި މި ދަނޑިވަޅަކީ ދިވެހި ބަހާއި ސަގާފަތާއި ތާރީހްގެ ކަންކަން ދިރާސާކޮށް ދަސްކުރުމަށް އިސްނަގާ ކުދިން މަދު ކަމަށް ފާހަގަވާ ދަނޑިވަޅެއްގަ އެވެ. މެދުޒިޔާރަތުގެ ވާހަކަ ނޭނގޭ ނުވަތަ މެދުޒިޔަރަތުގެ އެތެރެ ލޮލުން ފެނިފައި ހުރީ ދިވެހިންގެ ތެރެއިން ކިތައް މީހުންނަށް ބާވަ އެވެ؟ މެދުޒިޔާރަތް އާންމުންނަށް ދައްކާލުމަށް ވަކި ގަޑިއެއްގައި ހުޅުވާލައި، އެގަޑީގެ ތެރޭގައި ދިވެހި ބަހުގެ އެކެޑަމީގެ ތާރީހް އިލްމް ދިރާސާ ކުރައްވާ ބޭފުޅުން އެތަނުގައި ތިއްބަވައިގެން އެތަނާއި ބެހޭ މައުލޫމާތު ދީ ދިވެހި މުއްސަނދި ތާރީހް އޮޅުންފިލުވައި އެތާރީހަށް ހިތް ޖެއްސުމަށް މަސައްކަތް ކުރުމާއި އެތަނުގައި ދީނީ އަޅުކަމެއް ކުރުމާއި ހުރި ތަފާތު އެންމެ ތުއްތު ކުއްޖާއަށް ވެސް ވިސްނޭނެކަން ޔަގީނެވެ.

"އެއީ ތާރީީހީ ތަނެއް ދެއްތޯ؟ އެތަން ހުޅުވޭނެ ގޮތް ހަމަޖެހިގެން ނުދިޔުމަކީ އެކަމަށް އިންތިޒާރުކޮށްގެން ތިބި ވަރަށް ގިނަ ބަޔަކަށް ލިބުނު ދެރައެއް، އަޅުގަނޑު ވެސް ހިތަށް އަރާ އަބަދުވެސް އެތަން ފެންނަން ހުންނާނެ ނަމައޭ، މިއަދުގެ ކިޔަވާ ކުދިންނަށް ގައުމިއްޔަތުގެ ބަހާތައް ދަސްކޮށްދީ، ގައުމިއްޔަތުގެ ލޯބި އަށަގެންނެވުމަށްޓަކައި ވެސް އެއީ މުހިންމު ކަމެއް، އަޅުގަނޑުމެންނަށް އިސްލާމް ދީނުގެ ނަސީބު މިންވަރުވެގެން ދިޔަ ގޮތުގެ ތާރީހު މިއަދުގެ މި ޖީލަށް އެނގެން ޖެހޭ، އަޅުގަނޑުމެން މީ އިސްލާމްދީން ގަބޫލުކޮށްގެން ތިބި ﷲ އަށާއި ރަސޫލާއަށް ކިޔަމަންވާ ބައެއް، އެ ހަގީގަތަށް ބަދަލެއް ނާންނާނެ،" ދިވެހި ބަހަށާއި ތާރީހަށް މަސައްކަތް ކުރައްވާ ވަރަށް އިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އަތަނުން ހިލޭ ބަހަން ގަސްތުކުރި ތަރީހީ ފޮތްތައް ގެއަށް ގެންގޮސް އެފޮތްތައް ފަހުންވެސް ކިޔާލަން އަތުގައި ހުރުމަކީ އޭގެން މަންފާ ކުރާނެ ކަމެކެވެ. މިއީ ހަމަޔަގީނުން ވެސް އުވެމުންދާ ގައުމީ ލޯބި އިޔާދަ ކުރުމަށް އެޅުނު ފިޔަވަޅެކެވެ. މިކަން ދީނީ ކަމަކަށް ވަނީ ކިހިނަކުން ކަމެއް އެއްގޮތަކަށް ވެސް ނުވިސްނެ އެވެ. ކޮންމެއަކަސް، ހިޔާލަކީ ތަފާތު އެއްޗެކެވެ.

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާސިރު އަވަހާރަވުމުން އެމަނިކުފާނުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވާ، އިބްރާހީމް ނާސިރުގެ ރަސްމީ އިއްޒަތުގައި ފަސްދާނު ލައްވައި، މިހާރު ވެސް އެހުރީ އާންމުންނަށް އެތަނަށް ޒިޔާރަތް ކުރެވޭ ގޮތަށް ހުޅުވާލާފަ އެވެ. ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ކަމެއް ބަޔަކު ކޮށް ޒިޔާރަތެއް އާންމުންނަށް ހުޅުވާލައިގެން ލާދީނީ ކަމަކަށް މަގުފަހިވާނެ ނަމަ މިހާރު ވީހެވެ. ނަމަވެސް، މެދުޒިޔާރަތް ދިވެހި ބަހާއި، ސަގާފަތާއި ތާރީހާ ގުޅުން ހުރި މުހިންމު އަދި ރަނގަޅު ކަމަކަށް މިކަން ވީ އިރުވެސް ދޮކޮޅުވެރިކަމާއި ނުރުހުން މިވަނީ ފެނިފަ އެވެ.

އެހެން ކަމެކެވެ. 2015 ވަނަ އަހަރުގެ ފަހު ކޮޅު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މަސައްކަތުން އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސާ އަދި ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ތާރިގް ރަމަޟާން، ރާއްޖޭގައި ތަގްރީރު ކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވި އެވެ. ތާރިގް ރަމަޟާން ހުތުބާ ދެއްވާ ނަމަ ހުތުބާ ދެއްވަން ޖެހިވަޑައިގަންނަވާނީ އިނގިރޭސި ބަހުން ކަމަށް ވާތީ އެކަމަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހިތްހަމަނުޖެހޭ ކަމެއް ކަމަށް ބުނެ ގިނަ ޖަމިއްޔާތަކުން އަޑު އުފުލި އެވެ. ކަން މިހެން ދިމާ ވުމުން އިސްލާމިކް މިނިސްޓްރީގެ ޕޮލިސީ ލެވެލްގައި މަޝްވަރާ ކުރެވި ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ވަނީ ނިންމުމެއް ނިންމާފައެވެ. އެއީ ދިވެހިބަހުން ނޫން ގޮތަކަށް އެއްވެސް ދީނީ ހުތުބާއެއް ނުދެވޭނެ ކަމަށެވެ.

މި އަހަރުގެ ނޮވެމްބަރުގެ ތެރޭގައި ދީނީ ކަންތައްތަކަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއަކުން ދުނިޔޭގެ މަޝްހޫރު ދީނީ އިލްވުވެރިޔާ މުފްތީ މެންކްގެ ދަރުހެއް ބޭއްވުމަށް ނިންމި އެވެ. އަދި، މުފްތީ މެންކް ރާއްޖޭގައި ހުންނަ ދުވަސްތަކުގައި ހުކުރު ދުވަހަކާއި ދިމާވާތީ، މުފްތީ މެންކްގެ ހުކުރު ހުތުބާ އެއް ބޭއްވުމަށް އެދި އިސްލާމިކް މިނިސްޓްރީ އަށް ދިޔަ އެވެ. ނަމަވެސް، އިސްލާމިކް މިނިސްޓްރީއިން ޖަވާބުގައި ބުނެފައިވަނީ ދިވެހި ބަހުން ނޫން ބަހަކުން ހުތުބާ ނުކިޔޭނެ ކަމަށެވެ. ނަމަވެސް، މިކަން ކުރީ ރަނގަޅަށް ނޫން ކަމަށް ބުނެ ގިނަ ދީނީ ޖަމިއްޔާތަކުން ވަނީ ނުރުހުން ފާޅުކޮށް ސަރުކާރާއި ދެކޮޅަށް އަޑުއުފުލާފަ އެވެ.

ސަރުކާރުން ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިއަކު ގެނެސް ދިވެހި ބަސް ނޫން ބަހަކުން ބަހަކުން ދަރުހެއް ރޭވުމުން އެކަން ގޯހެވެ. ނަމަވެސް، އަމިއްލަ ދީނީ ޖަމިއްޔާއަކުން ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިއަކު ގެނެސް ދިވެހި ބަސް ނޫން ބަހަކުން ބަހަކުން ދަރުހެއް ރޭވުމުން އެކަން ރަނގަޅެވެ.

ޑިމޮކްރަޓިކް ނިޒާމެއްގައި ކޮންމެހެން އޮންނަން ޖެހޭ ކަމެއްގެ ގޮތުގައި އެންމެން އެއްބަސްވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުން ހަމައެކަނި ފެންނަ ހިޔާލުތަކަކީ ދެކޮޅު ނުޖެހޭ ފޫނުބެދޭ، ހަސަދައާއި ނުރުހުމުން ފުރިގެންވާ ހިޔާލު ތަކަށް ވުމުން ވާނެ ގޮތް މިފެންނަނީ އެވެ. މިކަމުގައި އެންމެ ހިތާމަ ކުރަން ޖެހޭ އެއް ކަމަކީ ދީނީ ކަންކަމުގައި އެންމެން އެއްގަލަކަށް ނާރާކަން ހާމަ ވާން ހުރުމެވެ. ސަރުކާރަކުން ނިންމާ ނިންމުން ތަކަށް ރައްޔިތުން ހިތަށް އެރި ގޮތަކަށް އަމަލު ކުރުމުގެ ބާރު ލިބިފައި ވާނަމަ ސަރުކާރެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯ މިއީ މިހާރު ހުރިހާ ގައުމުތަކަކުން ވެސް ކުރާ ސުވާލެކެވެ.