"މޯލްޑިވްސް ގެޓަވޭސް" އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ފެއާ ކަމަށްވާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އަކީ ރާއްޖޭގެ ޓޫރިޒަމަށް މި ވަގުތަށް ވަރަށް މުހިންމު ފެއާއެއް ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.
"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ ރާއްޖެ ޕްރޮމޯޓް ކުރުމަށް ގިނަ އިވެންޓްތަކެއް ރާއްޖޭގައި ވެސް ރޭވިދާނެ ކަމަށާއި، މި ގޮތުން ޓީޓީއެމްއަކީ އެފަަދަ ވަރަށް މުހިންމު އިވެންޓެއް ކަމަށެވެ.
"އެންމެ ފުރަތަމަ އެ ފެއާ [ޓީޓީއެމް] އެންޑޯޒް ކުރީ އަޅުގަނޑުމެން [އެމްއެމްޕީއާރުސީ] އިން. އޭގައި ވަރަށް ޕޮޓެންޝަލް ހުރީމަ. ރާއްޖެ މިވަގުތު ޕްރޮމޯޓް ކުރަން ކުރެވޭނެ އެންމެ މުހިންމު ކަމަކީ މި ފަދަ އިވެންޓްތައް ހޮސްޓު ކުރުން. އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ ވަރަށް މުހިންމު ކަމެއް،" ހާރިސް ވިދާޅުވި އެވެ.
ދިވެހި ޕީއާރު ކުންފުންޏެއް ކަމަށްވާ "މޯލްޑިވްސް ގެޓަވޭސް" ގެ ފެއާ އޮންނަނީ އަހަރުގެ ޖުލައި މަހު އެވެ. ކުރި އަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަކާއެކު، ބާއްވާ މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާ ދަނީ ބޮޑެތި ޖަމިއްޔާ ތަކުން ބައިވެރިވަމުންނެވެ.