ބޮޑު އާބާދީއެއް އޮތް ވެރިރަށް މާލެ ކައިރިން ފަޅެއް ހިއްކައިގެން ދިވެހިން ދަތުރުދާން ރަށެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އިންޓަގްރޭޑެޑް ޓޫރިޒަމް ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފި އެވެ.
"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ ދިވެހިން ދަތުރުދާން ރަށެއް ތަރައްގީ ކުރުމުގެ މަޝްރޫއެއްގެ މަސައްކަތް ފެށުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަކަމަށެވެ.
"މި އަހަރުތެރޭގައި މާލެ އަތޮޅު ފަޅެއް ހިއްކައިގެން މިޑް ރޭންޖް ރިސޯޓަކާއި ޕިކްނިކް އައިލެންޑެއްގެ މަސައްކަތް ފެށޭނެ،" ޝާހިދު ވިދާޅުވި އެވެ.
ނަމަވެސް، ޕިކްނިކް އައިލެންޑް ތަރައްގީކުރަނީ ކޮން ފަޅެއްގައި ކަމެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެ އެވެ.
ޝާހިދު ވިދާޅުވީ ޕިކްނިކް އައިލެންޑް ތަރައްގީ ކުރާނީ މާލެއާ ވަރަށް ކައިރީގައި އޮތް ފަޅެއްގައި ކަމަށެވެ.
"މި އަހަރު ނިމުމުގެ ކުރިން ދިވެހިންނަށް [އެ ރަށަށް] ދަތުރުދެވޭ ވަރުވޭތޯ މި މަސައްކަތް ކުރަނީ. އޭރުން ކުރިއެކޭ އެއްގޮތަށް ދިވެހިން ދަތުރުދެވޭނެ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕިކްނިކް އައިލެންޑު ހަދާނީ ވީހާވެސް ގިނަ މީހުންނަށް ދަތުރުވެދޭ ގޮތަށް ފުރިހަމަ ވަސީލަތްތަކާ ވެސް އެކުގައި ކަމަށެވެ.
"ވިސްނުން ހުރީ ފިޒިކަލް ސެޕަރޭޝަނެއް ގެނައުން. އެކަމަކު ވެސް އޮންނާނީ އެއް ފަޅެއްގެ ތެރޭގައި،" ޝާހިދު ވިދާޅުވި އެވެ.
މާލެ ކައިރީގައި ދަތުރުދާން މީގެ ކުރިން ބޭނުން ކުރަމުން އައީ ކުޑަ ބަނޑޮހާއި ފޭދޫ ފިނޮޅާއި ކޮއްދިއްޕަރެވެ. ނަމަވެސް މިހާރު މި ރަށްތައް ވަނީ ރިސޯޓު ހިންގުމަށް ދޫކޮށްފަ އެވެ. މިގޮތުން އެންމެ ފަހުން ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކޮށްފައިވަނީ ފޭދޫ ފިނޮޅެވެ. ދިވެހިން މިހާތަނަށް އެންމެ ގިނަ ދުވަސް ވަންދެން ދިވެހިން ދަތުރުދާން ބޭނުން ކުރީ ކުޑަ ބަނޑޮހެވެ.