- ނާގޯއްޓަށް އިންވެސްޓަރުން ޝައުގުވެރިވޭ
- އަންނަ މަހު ރަށާ ހަވާލުވޭވަރުވާނެ
- ކޮންސެޕްޓަށް ބަދަލެއް ނުގެންނާނެ
ހދ. ނާގޯށީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާ ހަވާލު ކުރަން މަޝްވަރާތައް ފަށައިފި އެވެ.
އެމްއައިޓީޑީސީން މީޑިއާ އަށް ދިން ފުރަތަމަ އިންޓަވިއުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާހިދު މިއަދު އަވަސް އަށް ވިދާޅުވީ މީގެ ކުރިން އެމްޓީޑީސީގެ ދަށުގައި އޮތް ހދ. ނާގޯށި އެމްއައިޓީޑީސީގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.
"ގާނޫނީ އިޖުރާތުތައް ނިމުމުން އިންވެސްޓަރުންގެ ބައި ފެށޭނެ. މިހާރު ވެސް އިންވެސްޓަރުންނާ ވާހަކަ އެބަ ދައްކަން އެރަށް [ނާގޯށި] ނިންމަން. ރަށް ހަވާލުވުމުން އިންވެސްޓަރުންނާއެކު ސޮއި ކުރެވޭނެ. ވަރަށް ބޮޑު ޝައުގުވެރިކަމެއް އެ ބޭފުޅުން [އިންވެސްޓަރުން] ގެ އެބަހުރި،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނާގޯއްޓަކީ މަތީ ފަންތީގެ ރިސޯޓެއް ތަރައްގީ ކުރާ ރަށަކަށްވުމުން އެ ރަށް ތަރައްގީ ކުރާނީ ވެސް އެ ކޮންސެޕްޓަށް ކަމަށާއި އެކަމަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެމްޓީޑީސީ އަށް ހދ. ނާގޯށި ދޫކޮށްފައިވަނީ 2006 ވަނަ އަހަރެވެ. އެރަށުގައި ތަރައްގީ ކުރަނީ 600 އެނދުގެ ރިސޯޓެވެ. ރަށް ތަރައްގީ ކުރުމަށް ސަބްލީޒް ކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ތްރީ ކޭ އިންޓަނޭޝަނަލައާ އެވެ. ނާގޯށި ރިސޯޓު ހިންގުމުގެ އެއްބަސްވުމެއްގައި އެމެރިކާގެ ހޮޓެލް ޗެއިން ކާލްސަންއާ އެކު ތްރީ ކޭ އިން ހަވާލުކޮށްފައިވަނީ 2011 ވަނަ އަހަރު އެވެ. އަދި އެ ކުންފުނިން ކުރިން ބުނެފައިވަނީ 2012 ގައި އެ ރިސޯޓް ހުޅުވޭނެ ކަމަށެވެ. އަދި އޭގެ ފަހުން މިއަހަރު އެރަށް ހުޅުވާނެ ކަމަށް އެމްޓީޑީސީން ބުނެފައިވެ އެވެ. ނަމަވެސް މި ރަށް އެމްޓީޑީސީގެ އަތުން ނަގަން ނިންމާފައިވާ ކަމަށް ސަރުކާރުން މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ އިއުލާންކޮށްފަ އެވެ.