ވިޔަފާރި

ބަރެސްދޫގެ ބިންތައް އަންނަ މަހު ހަވާލު ކުރަނީ

  • ބަރެސްދޫ އަންނަ އަހަރު ހުޅުވާނެ
  • މޫދު ކޮޓަރިއާއެކު ތިން ހޮޓާ ހުންނާނެ
  • 30 އަށްވުރެ ގިނަ ގެސްޓްހައުސް

ސަރުކާރުގެ ގެސްޓްހައުސް މަޝްރޫއު ފަށާ، ލ. ބަރެސްދޫގެ ބިންތައް ކުއްޔަށް ހިފި ކުންފުނިތަކާ އަންނަ މަހު ބިންތައް ހަވާލު ކުރަން ފަށާނެ ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފި އެވެ.

އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ ކުރިން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބަލަހައްޓަމުން ދިޔަ ބަރެސްދޫ މަޝްރޫއު އެ ކުންފުންޏަށް ބަދަލު ކުރިއިރު، ބަރެސްދޫ އާ ޖެހިގެން އޮންނަ މާކަންފުށީގެ ބަނދަރުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.

"މާކަންފުއްޓާއި ބަރެސްދޫގެ މަސައްކަތް އެއްކޮށް ދަނީ. އެމްއެމްޕީއާރުސީއިން ވަނީ ބައެއް ބޭފުޅުންނާއެކު އެގްރިމެންޓް ހަދާފަ. އެހެންވެ އަޅުގަނޑުމެން އެ ބޭފުޅުންނާ ބައްދަލުކޮށް ކުރިއަށް ދާން ބޭނުންވާ ބޭފުޅުންނާއެކު ކުރި އަށް ދާން ނިންމާފައިވާނީ. އެގްރީމެންޓޭޝަންގެ މަަސައްކަތް މިމަހު ނޫނީ އަންނަމަހު ނިމި އެބޭފުޅުންނަށް އެރަށު [ބަރެސްދޫ] ގައި މަސައްކަތް ފެށިގެން ދާނެ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިންތައް ނަގާފައިވާ ހުރިހާ އިންވެސްޓަރުން ވެސް މަޝްރޫއާއެކު ކުރިއަށްދާން އެދެމުން އަންނަ ކަމަށާއި އިންވެސްޓަރުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ބަރެސްދޫ މަޝްރޫއު ކުރުކޮށް

  • 30 އަށްވުރެ ގިނަ ގެސްޓްހައުސް
  • ތިން ހޮޓާ، މޫދު ވިލާއާއެކު
  • ކޮންމެ ހޮޓަލެއްގައި 100 ކޮޓަރި
  • 50 ކޮޓަރީގެ ގެސްޓްހައުސްތައް
  • ގާތްގަނޑަކަށް 1600 އެނދު ހުންނާނެ

ޝާހިދު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ހަދާ ތިން ހޮޓަލުގެ ތެރެއިން އެއް ހޮޓާލާއި 25 ގެސްޓްހައުސް ވެސް ކުއްޔަށް ނަގާފައިވާ ކަމަށެވެ.

"ބާކީ މި އޮތީ ގާތްގަނޑަކަށް 15 ވަރަށް ޕްލޮޓް. މި ތަންތަން ކުއްޔަށް ދިނުމުގެ މަސައްކަތް އަޅުގަނޑުމެއް ކުރާނަން. އިންވެސްޓަރުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބަހުރި،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަރެސްދޫގެ ހުރިހާ ޕްލޮޓްތައް ވެސް ނަގާފައިވަނީ ދިވެހި ކުންފުނިތަކުން ކަމަށެވެ.

"ކުންފުނިތަކުގައި ބޭރު ހިއްސާ ނެތެކޭ ނޫން. އެކަމަކު ލޯކަލީ އެސްޓާބްލިޝް ވެފައިތިބި ކުންފުނިތައް ހުރީ،" ޝާހިދު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން، ބަރެސްދޫގައި ހަދާ ރެސްޓޯރެންޓާއި ވޯޓާ ސްޕޯޓްސް ފަދަ ވަސީލަތްތައް ވެސް ގާއިމް ކުރާނެ އެވެ. ނަމަވެސް އެމްއައިޓީޑީސީން އަދި މި ތަންތަން ކުއްޔަށް ދޫކުރަން ހުޅުވާލާފައެއް ނުވެ އެވެ. ނަމަވެސް މި ތަންތަން ހެދުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅު ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއައިޓީޑީސީގެ އަމާޒަކީ ބަރެސްދޫގެ އަމަލީ މަސައްކަތް އަންނަ މަހު އަލުން ފަށައި ދޮޅު އަހަރު ދުވަހުން މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ.

"މަސައްކަތް ކުރަމުން މިދަނީ 18 މަސް ދުވަހުގެ ތެރޭގައި ފުލް ފްލެޖް ތަނެއްގެ ގޮތުގައި އޮޕަރޭޝަނަށް ގެނައުމަށް،" ޝާހިދު ވިދާޅުވި އެވެ.

އެމްއައިޓީޑީސީއިން ބަރެސްދޫ ހުޅުވުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ބަރެސްދޫގެ މަގުތައް ހެދުމުގެ މަސައްކަތް 3.9 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވަނީ ހެވީ ފޯސްއާ އެވެ.