އެމްއެމްއޭ

ކުރީގެ ނޫޓުގެ 182 މިލިއަން ރުފިޔާ އަދިވެސް ބަދަލުނުކޮށް!

މިދިޔަ އަހަރު ނިމުނުއިރު ރަންދިހަފަހަކަށް ބަދަލު ނުކުރާ ކުރީގެ ނޫޓުތަކުގެ 182 މިލިއަން ރުފިޔާގެ އަދިވެސް އެބަހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހަކީ ބޭންކުތަކުން ނޫޓު ބަދަލުކޮށްދިން ފަހު ތާރީހެވެ. މިހާރު ނޫޓު ބޭންކުތަކުން ބަދަލުކޮށް ނުދިން ނަމަވެސް އެމްއެމްއޭއިން އަދިވެސް ނޫޓު ބަދަލުކޮށްދެ އެވެ. އެމްއެމްއޭއިން ކުރިން ވެސް އިއުލާން ކޮށްފައިވާ ގޮތަށް 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ނޫޓުތައް އެމްއެމްއޭއިން ބަދަލުކޮށްދޭނެ ކަމަށެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި، 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ހުރި ދައުރުވާ ކުރީގެ ނޫޓުގެ އަދަދަކީ 2،901 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން އެ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހާ ހަމައަށް 2،719 މިލިއަން ރުފިޔާ ބޭންކަށް ނަގާފައިވާ ކަމަށެވެ. އެއީ ކުރީގެ ނޫޓުގެ 93 ޕަސެންޓެވެ.

މިހާރު ނުނެގި ވަނީ 6.3 ޕަސެންޓް ކުރީގެ ނޫޓެވެ. އެއީ، 182 މިލިއަން ރުފިޔާގެ ނޫޓެވެ.

ރާއްޖޭގެ އާ ނޫޓު ސީރީޒް، ރަންދިހަފަހެއް ތައާރަފްކޮށްފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ ނޫޓުތަކަކީ ސެކިއުރިޓީ ވަރުގަދަ ނޫޓުތަކެކެވެ.