ރިޕޯޓް

އިހުގެ ކެރެކްޓާސްތައް، ޒަމާނީ ގޮތްތައް!

އާ އަހަރާއެކު ކަލެންޑަރުތައް ހަދިޔާގެ ގޮތުން ލިބެން ފަށައިފި އެވެ. އެތއް ބައިވަރު ކަލަންޑަރެއް ހަދިޔާގެ ގޮތުގައި ލިބިފައިވީ ނަމަވެސް މިފަހަރު ވެސް އެންމެ ފާހަގަކޮށްލުވުނު ތަފާތު ކަލެންޑަރަކީ އުރީދޫ މޯލްޑިވްސްއިން ތައާރަފްކޮށްފައިވާ 2017 ވަނަ ކަލަންޑަރެވެ. މިފަހަރު 12 ސުވާލެއް ނޫނެވެ. އެކަމަކު ތަފާތެވެ.

މި އަހަރުގެ އުރީދޫ ކަލަންޑަރަކީ ވަރަށް އިހުގެ އަދި ވަރަށް ޒަމާނީ ކަލަންޑެކެވެ. އިހާއި މިހާރު ކަލަންޑަރުގައި ގުޅުވާލާފައިވަނީ މަޖާ އަދި ހިތްގައިމު ގޮތަކަށެވެ. އެހެންކަމުން އުރީދޫގެ މި ތަފާތު ކަލަންޑަރަށް ކުޑަ ގޮތަކަށް ބަލައިލާނަމެވެ.

މިހާރު ހިނގަމުން މިދާ ޖެނުއަރީ މަހަކީ މާކުންބެގެ މަހެވެ. ޒަމާނާއެކު މާކުންބެ ވެސް ވަނީ ޒަމާނީވެފަ އެވެ. އަބަދު ހައިވެފައި ހުންނަ މާކުންބެ މިހާރު ޕިއްޒާ އޯޑަރު ކުރަނީ އޮންލައިންކޮށެވެ.

"ފައިނަލީ މޭޑް އިޓް އޮފިޝިއަލް އޮން ފޭސްބުކް 3>،" ފެބްރުއަރީ މަހު ދޮންހިޔަލަ ފޭސްބުކްގައި ޖަހަނީ މިހެނެވެ. މިހާރުގެ ޒުވާން ކުދިންގެ ރިލޭޝަންޝިޕް ސްޓޭޓަސް ޖަހާ ގޮތް ދޮންހިޔަލަ ވެސް މިވަނީ ދަސްކޮށްފަ އެވެ. ދޮންހިޔަލަގެ ލޯބި ލިބިފައިމިވަނީ ހަމަ އަލިފުޅަށެވެ.

އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކައަކީ އެންމެން ވެސް ދަންނަ ވާހަކައެކެވެ. ދަނބޮއްފުޅުގައި ގަހުގައި ތާށިވުމުން އެހީއަށް އަނބޮއްފުޅު ދުވި ވާހަކަ އެނގޭނެ އެވެ. އެކަމަކު މި މާޗް މަހު ދަނބޮއްފުޅު ގަހުގައި ތާށިވުމުން ފޭސްބުކުން ލައިވްކޮށްލީ އެވެ. އަނބޮއްފުޅެކޭ އެއްގޮތަށް ސަންތި މަރިޔަބު މިވަނީ ޒަމާނީވެފަ އެވެ. މިހާރު ގެންގުޅެނީ ދަތް ގޯންޏެއް ނޫނެވެ. އޭޕްރީލް މަހު އެމަޒޮންއިން އޯޑާކޮށްލަނީ އެންމެ ޒަމާނީ ބެކް ޕެކެކެވެ. އަނގަގަދަ މިތުރާ ބައްދަލުކުރާނީ އެ ދަބަހާއެކު އެވެ.

މެއި މަހު މި ދިމާވީ މާ އަދާޔާ ހިލާފު ކަމެކެވެ. އިހެކޭ އެއްގޮތަށް އައިމިނާބީއަށް ގަބުރުސްތާނުން ފޫޅުދިގު ހަންޑިއެއް ފެނުނު ނަމަވެސް އެ ވަގުތު ކޮށްލެވުނީ ސްނެޕެކެވެ. "ފޫޅުދިގު ހަންޑި؟" ތޯ ސުވާލުކޮށް އައިމިނާބީއަށް ސްނެޕް ކޮށްލުވުނީ ބޭއިހުތިޔާރުގަ އެވެ. އައިމިނާބީއަށްފަހު ކުއްޅަވައްފަލު ރަނި ކަމަނާ އެވެ. ކުޅައްވައް ކައިގެން ބޮޑުވި ރަނަކަމަނާއެއް ކަމަކު ކުއްޅަވަކަކީ ކޮބައިތޯ ބެލުމަށް އޭނާ ވެސް ހާވާލީ ގޫގުލް އެވެ. އެކަން ރަނިކަމަނާ ކުރީ ޖޫން މަހު އެވެ.

އަހަރުގެ މެދަށް ދެވުނުއިރު އިންސްޓާގްރާމްގެ އަވާގައި ހުޅުލޭ ބޮޑުމީހާ ވެސް މިވަނީ ޖެހިފަ އެވެ. ޖުލައި މަހު ބޮޑުމީހާ ޖިމަށް ނައްޓާލުމުގެ ކުރިން އިންސްޓަގްރާމަށް ވައްޓާލަނީ ފައިގެ ފޮޓޯއެކެވެ. "އޮފް ޓް ޖިމް" ކެޕްޝަން ޖަހައި، ލެގް ޑޭ، ޖިމް، ފިޓްނެސް ހޭޝްޓެގް ޖެހުމަށްފަހު އެވެ.

ދެން އޮތީ އޯގަސްޓް މަހެވެ. ރޯނު އެދުރެއް ކަމަކު މައުލޫމާތު އޭނާ ވެސް މިހާރު ހޯދަނީ ވިކިޕީޑިއާއިންނެވެ. އެއޮތް މަހަށްދާ ހިތުން ހޯދި ދޯނި ދޮންމޮހޮނު ވެސް ވިއްކާލަނީ އެވެ. ފައިސާ ބޭނުންވެގެންނެވެ. އީބޭ މެދުވެރިކޮށެވެ. ދޯނި ވިއްކާލަނީ 14،9000 ޑޮލަރަށެވެ. މިކަމެއް ދޮން މޮހޮނު ކުރަނީ ސެޕްޓެމްބަރު މަހު އެވެ.

މި އައީ އޮކްޓޯބަރު މަހެވެ. ސަފަރު މަސް ވެސް ލައްވާލީ އެވެ. ސަފަރުކައްދައަށް ފެންވަރަށް ޖެހުނީ އެވެ. ފޯނު ކަލަންޑަރުން ދުވަސް ބަލަން ހުރެފައި ސަފަރުކައްދަ ހިތަށް އަރަނީ އަނެއްކާވެސް ފެންވަރަށް ޖެހުނީ އެވެ. މިފަހަރު ކިތައް ދަރިން ފެންވަރުން ޖެހޭތޯ ވެސް ކޮށްލީ ސުވާލަކުންނެވެ.

"ދަ ގާލް އިސް އޮން ފަޔާ،" ނަމަކަށްކިޔާ ލަވަ ސައުންޑް ކްލައުޑުން އަޑުއަހަމުން ކައްކަން އިނީ އަރާމަގު ދޮންކަމަނަ އެވެ. އޭނާ ކައްކަން އިނީ ދަރުގެ ބަދަލުގައި ފައި އުނދުނަށް ލައިގެންނެވެ. ނޮވެމްބަރު މަހު އަރާމަގު ދޮންކަމަނަ ވާހަކަ ކިޔާލަން ކިހިނެއްވާނެ ހެއްޔެވެ؟

މިދިޔަ އަހަރު ރާއްޖެ އިސްލާމީ ދުވަސް ފާހަގަކުރީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެހެންވެ މިފަހަރު ރަންނަމާރި މިއެރީ ޑިސެމްބަރު މަހު އެވެ. ޓެމްޕަލްއަށް ޗެކިންވެލީ ރަންނަމާރި އެވެ. އެވެސް ޑިނާއަކަށެވެ.

ކޮންމެއަކަސް މި ކަލަންޑަރު ތަފާތެވެ. ހިޔާލު ތަފާތެވެ. މުޅި އަހަރު މޭޒުމަތި ފަޅުފިލުވާލުމަށް ބަހައްޓާލަން އެންމެ ރަނގަޅު އެއް ކަލަންޑަރަށް މި ކަލަންޑަރު ވާނެ އެވެ.