ރިޕޯޓް

މުސްހަފުގެ ދިވެހި ފަރުމާއިން އަބޯ އުފާވެފައި!

ރާއްޖޭގެ ކޮންމެ ރައްޔިތަކަށް މުސްހަފެއް ބެހުމަށް ސަރުކާރުން އަމާޒު ހިފީ މީގެ ދެ އަހަރު ކުރިންނެވެ. އެ މަޝްރޫއު ފެށީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްގެ ބެއްލެވުމުގެ ދަށުންނެވެ. މިއީ ސަރުކާރުން ޗާޕްކޮށްގެން ދިވެހިންނަށް ހާއްސަ މުސްހަފެއް ބަހަން ނިންމި ފުރަތަމަ ފަހަރެވެ.

ސަރުކާރުން ޗާޕްކޮށްގެން މުސްހަފު ބެހުމަށް ނިންމީ، ދިވެހި މުސްހަފެއް ތައާރަފްކޮށްގެންނެވެ. މީގެ ކުރިން ރާއްޖޭގައި މުސްހަފު މަދީނާ ފަދަ މުސްހަފު ބެހި ނަމަވެސް މިފަހަރު ރާއްޖޭގެ މުސްހަފެއް ތައާރަފްކުރުމުގެ ގޮތުން "މުސްހަފު މަލްދީފު" ނެރުމަށް ނިންމި އެވެ. މި މުސްހަފު ނެރުމަށް އެންމެ މުހިންމު ކަމަކަށްވީ ދިވެހި ފަރުމާއެއްގެ މުސްހަފެއް ހެދުމެވެ.

މި މަސައްކަތްތަކާ ހަވާލުވީ، ހދ. ވައިކަރަދޫ، ހިސާން، އަބްދުﷲ ޝަފީއު (އަބޯ) އެވެ. ދި އިސްލާމް މެދުވެރިކޮށް އަބޯއަށް ލިބުނު މި ފުރުސަތުގައި މުސްހަފުގެ ބޭރުގަނޑާއި އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތަކުގެ ޑިޒައިންތައް ކުރި އެވެ. އެކަން އޭނާ ކުރީ ހިލޭ ސާބަހަށެވެ. މި ހާއްސަ މަސައްކަތެއް ކުރަން ލިބުމަކީ އަބޯއަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެވެ. ދިވެހިންނަށް ހާއްސަ ފުރަތަމަ މުސްހަފު ފަރުމާކުރުމުގެ މަސްއޫލިއްޔަތު އޭނާ އުފުލީ ފަހުރުވެރިކަމާއެކު އެވެ.

"ޑިޒައިނަރަކަށް އެންމެ ޝަރަފުވެރި މަސައްކަތަށް ވާނެ ހަތިމެއް ޑިޒައިންކުރަން ލިބުން، އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް،" އަބޯ ބުންޏެވެ.

މުސްހަފު މަލްދީފުގެ ބޭރުގަނޑާއި އެހެން ޑިޒައިންތަކުން ވެސް ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް ފެނިގެންދެ އެވެ. އެ ޑިޒައިން ވަރަށް ދިވެހިވަންތަވެފައި ހިތްގައިމެވެ.

ބޭރުގަނޑުގައި ބޭނުންކޮށްފައިވާ ސިއްކައަކީ އިސްކަންދަރު ރަސްގެފާނަށް ނިސްބަތްވާ، ހުކުރު މިސްކިތުގެ މުންނާރުގައި އިންނަ ސިއްކަ އެވެ. ބޭރުގަނޑުގެ އިތުރުން އަޔާތް ނަންބަރު ޖަހާފައިވާ ބޮޅުގެ ޑިޒައިނާއި އެތެރެ ސަފުހާތަކުގެ ބޯޑަރާއި ސޫރަތުގެ ނަން ޖަހާފައިވާ ގޮޅިން ވެސް އަބޯގެ ޑިޒައިންތައް ފެނިގެންދެ އެވެ.

މި ފުރުސަތު ލިބުމާއެކު އަބޯ އެންމެ ފުރަތަމަ ވެސް ވިސްނީ، މުސްހަފެއްގެ ސިފަ ނުގެއްލޭ ގޮތަށް ޑިޒައިން ތައްޔާރު ކުރުމަށެވެ. އެގޮތުން އެހެން ގައުމުތަކުގެ މުސްހަފުގެ ޑިޒައިންތައް ބަލައި ހިޔާލު ވަނީ އެއްކޮށްފަ އެވެ. އޭނާ ދެން ކުރި މަސައްކަތަކީ ދިވެހިވަންތަ ފަރުމާއެއް ތައްޔާރުކުރުމެވެ. އެކަމަށް އޭނާ ދިޔައީ ދިވެހިންގެ އެންމެ އަދާޔާ ހިލާފު މޮޅު އަތްތެރި މަސައްކަތުގެ ފަންނު ފެނިގެންދާ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒަށެވެ. ހުކުރު މިސްކިތުގެ އަތްތެރި ފަރުމާތައް ބަލައި ރިސާޗްކުރުމުގެ ގިނަ ވަގުތުތަކެއް އަބޯ ހޭދަކުރި އެވެ. އެކަމުގައި އަބޯގެ ދެ ބޭބެ ކަމަށްވާ އިބްރާހިމް އަޝްވާގާއި އަލީ އަހުސަންގެ ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަ އެވެ.

އޭގެއިތުރަށް އޭރުގެ އިސްލާމިކް މިނިސްޓަރު ޝަހީމްގެ ވަރަށް ގާތުން މި މައްސަކަތް ބައްލަވައި އަބޯއާ ބައްދަލުކޮށް ހިޔާލު ދެއްވާފައިވެ އެވެ. އަބޯ ބުނާ ގޮތުގައި ޑިޒައިންކުރިއިރު ޝަހީމްގެ އިރުޝާދާއި އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ.

"ފުރަތަމަ ވެސް ބެލީ ހަތިމަކަށް ލިބޭ ރެސްޕެކްޓް ލިބޭ ކަހަލަ ޑިޒައިނެއް ހަދަން، އެހެންވެ ބެލީ އެހެން ބައިވަރު ހަތިމުތައް، ދެން ބެލީ އެ ފީލް އަންނަ ގޮތަށް ދިވެހި ތީމްތަކެއް ހިމަނައިގެން ޑިޒައިނެއް ހަދަން، އެގޮތުން ހުކުރު މިސްކިތަށާއި އިސްލާމިކް ސެންޓަރަށް ގޮސް އެތާ ހުރި އެއްޗެހިތައް ސްޓަޑީކޮށްލީ،" އަބޯ ބުންޏެވެ.

"މުޅި ހުކުރު މިސްކިތުން އަސްލު އިންސްޕެއާވެފައި މިވަނީ ޑިޒައިންކުރަން، އެ މިސްކިތުގައިވާ ތަފާތު ފަރުމާތައް ބޭނުންކޮށްފައި ހުންނާނީ،" އަބޯ ބުންޏެވެ.

މަހެއްހާ ދުވަހުގެ މަސައްކަތަށްފަހު އަބޯގެ މުސްހަފު މަލްދީފުގެ ޑިޒައިން ނިންމައިފި އެވެ. އެހެނަސް އެ ޑިޒައިން މިނިސްޓްރީން ފާހެއް ނުވި އެވެ. އެހެންކަމުން އެ ޑިޒައިންގައި ހުރި މައްސަލަތައް ބަލައި ކުރިއަށްވުރެ ޖޯޝުގައި އާ ޑިޒައިނެއް ހެދުމަށް މަސައްކަތް ފެށި އެވެ. ދެވަނަ ޑިޒައިން ނިންމާލީ އެއް ރޭއިންނެވެ. އެއީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އެވެ. މިހާރު މުސްހަފުން އެ ފެންނަ ޑިޒައިންނަކީ އެއީ އެވެ.

"ފުރަތަމަ ޑިޒައިންގެ މަސައްކަތް ކުރިއިރު ވެސް ދެވަނަ ޑިޒަނަކަށް ކޮންމެ ވެސް ވަރަކަށް މަސައްކަތް ކޮށްފައި ހުންނާނީ، އަބަދުވެސް މަސައްކަތް ކުރާ ގޮތް އެއީ، ދެވަނަ ޑިޒައިން އެއް ރެއިން ނިންމާލެވުނީ ވެސް ކުރިން ކޮންމެ ވެސް ވަރަކަށް އެއަށް މަސައްކަތް ކޮށްފައި އޮތުމުން،" އަބޯ ބުންޏެވެ.

ފައިނަލް ޑިޒައިނަށް ވެސް ފަހުން ވަނީ ކުދި ބަދަލުތަކެއް ގެނެސްފަ އެވެ. އެއީ މި މަސައްކަތުގައި މިނިސްޓްރީއާ ބައިވެރިވި އަދި ޕްރިންޓްކުރުމުގެ މަސައްކަތްކުރި ބަހުރެއިންގެ ގުރުއާން ކެއާ ސޮސައިޓީގެ ބައެއް އިރުޝާދުގެ ދަށުންނެވެ. ބަދަލުތައް ގެނެސްފައިވަނީ ސީދާ އެ ޖަމިއްޔާގެ ބޭފުޅުންނާ ވާހަކަ ދެކެވިގެންނެވެ.

މިހާރު އިސްލާމިކް ޔުނިވާސިޓީގެ މާކެޓިން އެންޑް ޑިޒައިނާގެ ވަޒީފާ އަދާކުރަމުންދާ އަބޯ މިހާރު ހުރީ މުސްހަފެއްގެ ކޮޕީއެއް ލިބޭނެ އިންތިޒާރުގަ އެވެ. އެއީ ވަރަށް ހާއްސަ ސަބަބެއް އޮތުމުންނެވެ.

"އެންމެ ފުރަތަމަ ލިބޭ ކޮޕީ ވެސް ބޭނުންވަނީ މަންމަ އާއި ބައްޕަ ހަދިޔާކުރަން، އެހެންވެ ކޮޕީއެއް ލިބޭނެ ދުވަހަކަށް އިންތިޒާރުގަ މި ހުރީ،" އަބޯ ބުންޏެވެ.

އަބޯއަށް މިފަދަ ތާރީހެއް ފުރުސަތެއް ލިބި އެކަން ކާމިޔާބުކަމާއެކު ނިންމާލެވިފައިވާތީ ޝުކުރުގެ ލިސްޓެއް ވެސް އެބަ އޮތެވެ. މި ފުރުސަތު ދެއްވި ކަމަށްޓަކައި ޝަހީމަށް އަބޯ ޝުކުރު އަދާކުރާއިރު މިކަމުގައި އެހީތެރިވެދިން އޭނާގެ ދެ ބޭބެއަށް ވެސް ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. އޭގެއިތުރަށް އަބޯއާމެދު އޭނާގެ މަންމަ އާއި ބައްޕަ ކުރާ އިތުބާރަށް ހިތުގެ އެންމެ އަޑިން އަބޯ ޝުކުރުވެރިވެ އެވެ. އަދި މުޅި އާއިލާއަށް ވެސް އޭނާ ޝުކުރުވެރިވެ އެވެ.

މައިންޑް އާޓް ކޮމްޕެނީގެ ދަށުން މިހާރު އަބޯ ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ހައްޖު ކޯޕަރޭޝަނުން ތައްޔާރުކޮށްފައިވާ ހައްޖު ކިޓްގައި ހިމެނޭ ފޮށިތަކާއި އެއްޗެހި ވެސް ޑިޒައިންކޮށްފައިވަނީ އަބޯ އެވެ. އޭގެއިތުރަށް ވެސް ހައްޖު ކޯޕަރޭޝަންގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު އެންސްޕާގެ މި އަހަރުގެ ކަލަންޑަރު ވެސް ހެދީ އަބޯ އެވެ.

މިފަދަ މަސައްކަތްތަކީ އެތައް ވަގުތެއް ހޭދަކޮށް، އެތައް ގިނަ ގުރުބާނީތަކެއްވެގެން ކުރެވޭ މަސައްކަތްތަކެވެ. އެހެންކަމުން މިފަދަ ޑިޒައިނަރުންގެ އެ ބުރަ މަސައްކަތުގެ އަގު އެންމެ ފުރިހަމަ ގޮތުގައި ވަޒަންކުރުމަކީ ކުރަން ޖެހޭނެ ކަމެކެވެ. އެހެނަސް އަބޯގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބައެއް ފަހަރަށް ނަމަވެސް ޑިޒައިނަރުންގެ އަގު ވަޒަން ނުކުރާތީ އެވެ. ދެން ޖެހޭ އެޕްރިސިއޭޝަން ނުދޭތީ އެވެ. އަބޯ އެންމެ ދެކެން ބޭނުންވަނީ ވެސް އެ ދުވަހެވެ. ޑިޒައިނަރުންގެ އަގު ވަޒަންކުރާނެ ދުވަހެކެވެ.