ރިޕޯޓް

ރާއްޖޭގެ ގެސްޓް ހައުސްތަކަށް އިންޑިޔާ މާކެޓް ހޯދިދާނެތަ؟

Mar 16, 2015

ރާއްޖޭގެ މުޅި ޓޫރިޒަމް "ހުއްޓިފައި" އޮތީ ޗައިނާ އާއި ޔޫރަޕަށެވެ. މުޅި ޓޫރިޒަމް ބަރޯސާވެފައި އޮތީ މި ދެ މާކެޓަށެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކާއި، ގެސްޓް ހައުސްތަކުގެ ނަޒަރު ހުރީ މި ދެ މާކެޓަށެވެ. ނަމަވެސް ރާއްޖެ އަވަށްޓެރި އިންޑިޔާ މާކެޓަކީ ވެސް ރާއްޖޭގެ ޓޫރިޒަމަށް ހޯދިދާނެ މާކެޓެކެވެ. ހާއްސަކޮށް ގެސްޓް ހައުސްތަކަށް މި މާކެޓު ހުޅުވާލެވިދާނެ ކަމަށް ގިނަ ތަޖުރިބާކާރުން ދެކެ އެވެ. ނަމަވެސް ގެސްޓް ހައުސްތަކުން މި މާކެޓު ހޯދަން އުޅޭ ތަނެއް ނުފެނެ އެވެ؛ ސަބަބަކީ ކޮބައި ހެއްޔެވެ؟

"އަޅުގަނޑު ދިޔައިން ދިއްލީ އާއި ޗެންނާއީ އަދި ބެންގަލޫރުގެ ޓްއާ އޮޕަރޭޓަރުންނާ ބައްދަލު ކުރަން. އެ މީހުންނަކަށް ރާއްޖޭގެ ގެސްޓް ހައުސް މާކެޓެއް ނޭނގެ. އެކަމަކު އެމީހުން ވެސް ގަބޫލުކުރޭ ރާއްޖޭގެ ގެސްޓް ހައުސް މާކެޓަކީ އިންޑިޔާ އިން ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނެވިދާނެ މާކެޓެއް ކަން. އެކަމަކު މި މާކެޓު ހޯދަން ގެސްޓް ހައުސްތަކުން އުޅޭ ތަނެއް ނުފެނޭ،" ގެސްޓް ހައުސް ވިޔަފާރީގައި މަސައްކަތް ކުރަމުން ގެންދާ އިބްރާހިމް އަބްދުﷲ ވިދާޅުވި އެވެ.

ވޭތުވެދިޔަ ހަ އަހަރު އިންޑިޔާއިން ރާއްޖެއަށް ޓޫރިސްޓުން އައިސްފައިވާ އަދަދަށް ބަލާއިރު މި މާކެޓަކީ ރާއްޖެއަށް އުންމީދުތަކެއް އޮތް މާކެޓެކޭ ބުނެވިދާނެ އެވެ.

އިންޑިޔާ އިން 2009 ވަނަ އަހަރު 15،850 ޓޫރިސްޓުން އައިސްފައިވާއިރު، 2010 ވަނަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 25،751 އަށް އިތުރުވެފަ އެވެ. މިއީ 25 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި 2011 ވަނަ އަހަރު 30،978 ޓޫރިސްޓުން އައިސްފައިވާއިރު، 2012 ވަނަ އަހަރު އެ ގައުމުން 31،721 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ 20.3 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި 2013 ވަނަ އަހަރު 38،014 ޓޫރިސްޓުން އައިސްފައިވާއިރު، 2014 ވަނަ އަހަރު 45،587 ޓޫރިސްޓުން އައިސްފައިވެ އެވެ. ހިސާބުތަކުން ދައްކާ ގޮތުގައި އަހަރުން އަހަރަށް އިންޑިޔާއިން ރާއްޖެއަށް އަންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ޓޫރިސްޓު އެރައިވަލް ހިސާބުތަކަށް ބަލާއިރު، އިންޑިޔާ ފާހަގަ ކުރެވެނީ އެއްވަރެއަގައި ހިފަހައްޓާ މަދު ގައުމުތަކުގެ ތެރޭގަ އެވެ. އަދި ހާއްސަކޮށް ރާއްޖެ ހަލަބޮލިވިނަމަވެސް ޓޫރިޒަމަށް އަސަރު ކުރުން ކުޑަ ގައުމުތަކުގެ ތެރޭގަ އެވެ. މިކަން އެނގެނީ 2012 ވަނަ އަހަރު ރާއްޖޭގެ ހަލަބޮލި ވެގެން ދިޔަ ނަމަވެސް އެ އަހަރު 31،721 ޓޫރިސްޓުން އައިސްފައިވެ އެވެ. އެހެންކަމުން އިންޑިޔާ މާކެޓާއި މެދު އުންމީދުތައް އެބައޮތެވެ.

އިންޑިޔާ މާކެޓުން "އުންމީދުތަކެއް" ފެންނަން ހުރުމާއިއެކު މޯލްޑިވްސް މާކެޓިން އެންމެ ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދަނީ މި މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރަން ތަކެއް ކުރަމުންނެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ފަރާތްތަކެއް ގުޅިގެން ދާދިފަހުން ވަނީ އިންޑިޔާގެ ގިނަ ސިޓީތަކެއްގައި ރޯޑް ޝޯވްތަކެއް ބާއްވާފަ އެވެ. އިންޑިޔާގެ ވެރިރަށް ނިއުދިއްލީ އާއި ބެންގަލޫރު އަދި ޓްރިވެންޑްރަމްގެ އިތުރުން މުންބާއީ ފަދަ ސިޓީތަކުގައި ބޭއްވި މި ރޯޑު ޝޯވްތަކުގެ ސަބަބުން އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ އުންމީދު ކުރެ އެވެ.

އިންޑިޔާގައި ބޭއްވި ރޯޑްޝޯވްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރު ވިދާޅުވީ އިންޑިޔާއަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ. މި އަހަރު އެ ގައުމުން 50،000 އަށްވުރެ ގިނަ ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު 45000 ޓޫރިސްޓުން އިންޑިޔާ އިން ޒިޔާރަތް ކުރި. އެހެންވެ އުންމީދު ކުރެވޭ އިންޑިޔާ ޓޫރިސްޓުން އިތުރު ކުރެވޭނެ ކަމަށް. މި ދަތުރުގެ ބޭނުމަކީ މި ޓޫރިޒަމް ފަރާތްތައް މެދުވެރިކޮށް ރާއްޖެއަށް ޒިޔާރަތް ކުރެވެން ހުރި ފުރުސަތުތައް އަންގައި ދިނުން،" ލިރާރު ވިދާޅުވި އެވެ.

ޗައިނާ ޓޫރިސްޓުގެ މާކެޓު ރާއްޖެއަށް ހުޅުވިގެން އައި ދުވަސްވަރު ގިނަ ދަތިތަކެއް އެ ގައުމުގެ ޓޫރިސްޓުންނަށް ކުރިމަތިވި އެވެ. މީގެ އެއް ސަބަބަކީ ޗައިނާ މީހުން ބޭނުންވާ "ރަހަތައް" ރާއްޖޭން ލިބުން ދަތިވުމެވެ. ހާއްސަކޮށް ޗައިނީސް ކެއުންތައް ލިބޭ ރިސޯޓުތައް ރާއްޖޭގައި މަދުވުންވީ ބޮޑު މައްސަލަ އަކަށެވެ. ނަމަވެސް މިހާރު އެމީހުންގެ ބޭނުންތަކަށް ރިސޯޓުތަކުން ވަނީ އިސްކަންދީފަ އެވެ. އިންޑިޔާ ޓޫރިސްޓުން އިތުރުކުރާއިރު ވެސް އެމީހުންގެ ބޭނުންތައް ފުރިހަމަ ކުރެވޭނެ ޕެކޭޖުތަކެއް ހަދައިފިނަމަ ގިނަ އަދަދެއްގެ އިންޑިޔާ ޓޫރިސްޓުން ގެސްޓް ހައުސްތަކަށް ގެނެވިދާނެ ކަމަށް ޓޫރިޒަމް ދާއިރާގެ މާހިރުން ދެކެ އެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ (މަޓާޓޯ) ގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ އިންޑިޔާ ޓޫރިސްޓުންނަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފިނަމަ، ގެސްޓް ހައުސްތައް ފުރާލެވިދާނެ ކަމަށެވެ.

" އަޅުގަނޑުމެން އޮޕަރޭޓާސް ވެސް ބުނަނީ އިންޑިއަން ފުޑް ވަރަށް އިމްޕޯޓެންޓްކަމަށް އިންޑިޔާ ޓޫރިސްޓުންނަށް. އެއީ އިންޑިއަންސް އަށް ވަރަށް މުހިންމު ކަމެއް. މީގައި މުހިންމީ އެމީހުނާއި ފްރެންޑްލީ ގޮތަކަށް ޕްރޮޑަކްޓްތަކެއް ހެދުން. އިންޑިޔާ ޓޫރިސްޓުން ގިނައިން ރިކުއެސްޓް ކުރަނީ އޯލް އިންކްލޫސިވް އަށް. ނަމަވެސް އޯލް އިންކްލޫސިވް ނުހުރޭ އެހާ ލޯކޮސްޓް ހޮޓެލް ތަކެއް ރާއްޖެއަކު. އެހެންވެ ގެސްޓް ހައުސް މާކެޓުން މި ފަދަ ޕެކޭޖުތަކެއް ތައާރަފުކޮށްގެން،" އަބްދުﷲ ވިދާޅުވި އެވެ.

ރާއްޖެއާއި އިންޑިޔާއަކީ އަވައްޓެރި ދެ ގައުމަށްވުމަކީ އެ ގައުމުން އަންނަ ޓޫރިސްޓުން އިތުރުވުމުގެ އެއް ސަބަބެވެ. ރާއްޖެ އާއި އިންޑިޔާއާ ދެމެދު މިހާރު ގިނަ ފްލައިޓްތަކެއް ބާއްވަ އެވެ. އެހެންކަމުން މިއީ މި މާކެޓު ރާއްޖެއަށް ހޯދުމަށް އޮތް ރަނުގެ ފުރުސަތެކެވެ.

ކުރިން ވާހަކަ ދެއްކެވި އަބްދުﷲ ވިދާޅުވީ އިންޑިޔާގައި ރާއްޖޭގެ ގެސްޓް ހައުސްތަކަށް ރަނގަޅު މާކެޓެއް އެބައޮތް ކަމަށެވެ.

" ގެސްޓް ހައުސްތަކަށް ވަރަށް ރަނގަޅު އޮޕަޗޫނިޓީއެއް އެބައޮތް އިންޑިޔާ އިން. ގެސްޓް ހައުސް ތަކުން ވެސް މި ޓެޕް ކުރަނީ ޔޫރަޕިއަން މާކެޓު. އެހެން ނަމަވެސް ލޯ ސީޒަންގައި ކޮންތާކުން ތޯ ގެސްޓުން ގެންނާނީ؟،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިޔާ ޓޫރިސްޓުން ވެސް ބޭނުންވަނީ "މޯލްޑިވްސް އެކްސްޕީރިއަންސް" ކަމަށެވެ.

"ގެސްޓް ހައުސްއަށް އައިސްގެން ވެސް އެމީހުނަށް އެބަ ލިބޭ މޯލްޑިވްސް އެކްސްޕީރިއަންސް. އެމީހުން ބޭނުންވަނީ ކޮންމެހެން ރިސޯޓެއްގައި ހުރުމެއް ނޫން. އެމީހުން ބުނާނީ އައި ވެންޓް މޯލްޑިވްސް އޭ! ކޮންމެހެން އަންނަ ހޮޓަލެއް ނޫން މުހިންމު ވަނީ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގައި ހުރި ގިނަ ކަންތައްތައް ހިމަނައިގެން ޕެކޭޖުތަކެއް ހަދައިފިނަމަ، އިންޑިޔާއިން ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނެވިދާނެ ކަމަށެވެ.

" ޕެކޭޖު ހަދަންވީ. އެއްރޭ ސަފާރީގައި، އަނެއް ރޭ ގެސްޓް ހައުސްގައި ނޫނީ އޮފާ ކުރެވިދާނެ ސަމްބެރިން ޑައިވެއް ނޫނީ މާލެސިޓީ ޓުއާއެއް. މިފަދަ ޕެކޭޖެއް ހަދައިފިނަމަ ވަރަށް ހިނގާނެ. މިފަދަ ޕެކޭޖެއް އޮފާ ކުރެވިއްޖިއްޔާ އަގު ވަރަށް އެބަ ކުޑަ ވެގެންދޭ،" އަބްދުﷲ ވިދާޅުވި އެވެ.

އިންޑިޔާގެ ގިނަ ބަޔަކު ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރެ އެވެ. އެހެންކަމުން ގެސްޓް ހައުސްތަކުން މަސައްކަތް ކޮށްފިނަމަ، އެ ގައުމުން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ ގެނެވިދާނެ އެވެ؛ އެ ގައުމަކީ ވެސް މުހިންމު މާކެޓެކެވެ.