ހުޅުމާލެ

މައްސަލަޖެހުނު ފޮތުގެ ބަދަލުގައި ކިޔަވާނީ ރާއްޖޭގެ ސޯޝަލް ފޮތް: ގޭޓްވޭ

އެހެން ދީންތަކުގެ މައުލޫމާތު ހުރުމުން މައްސަލަ ޖެހުނު ސޯޝަލް ސްޓަޑީސް ފޮތަށް ބަދަލު ގެންނަން ބޭނުންވާތީ، ނެޝަނަލް ކަރިކިއުލަމް ގައި މިހާރު ކިޔަވައިދޭ ސޯޝަލް ފޮތް ސްކޫލުގައި ބޭނުން ކުރަން ހުޅުމާލޭ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުން ނިންމައިފި އެވެ.

ސްރީލަންކާގެ ގޭޓްވޭ ކޮލެޖާ ގުޅިގެން ހުޅުމާލޭގައި މިއަހަރު އަލަށް ހުޅުވާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލަށް ގެނައި ފޮތްތަކުގެ ތެރެއިން، ޕްރައިމަރީ ބައެއް ގްރޭޑްތަކުގެ ސޯޝަލް ފޮތުގައި އިސްލާމް ދީނާ ފުށުއަރާ މައުލޫމާތުތަކެއް ހިމަނާފައިވުމުން މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. ނޭނގުމެއްގެ ތެރޭގައި ދިމާވި ކަމަށް ބުނާ އެ މައްސަލަ ހައްލުކޮށް ފޮތަށް ބަދަލުގެންނަން ގޭޓްވޭއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ގޭޓްވޭ އިންޓަނޭޝަނަލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ، ފޮތްތަކަށް ދިމާވި މައްސަލައަކީ "ނޭނގުމެއްގެ ތެރޭގައި ދިމާވި މައްސަލައެއް" ކަމަށެވެ. އެ މައްސަލަ ހައްލު ނުކުރެވި ކުދިންނާ ހަމައަށް ފޮތްތަށް ދާންޖެހުނީ، ފޮތް ބެހުމުގެ ކުރިން ބަލަންޖެހޭ ވަރަށް ނުބެލުމުން ކަމަށާއި އެކަމަށް މައާފަށް އެދި ވަޑައިގަންނަވާ ކަމަށެވެ. ފޮތްތައް އަލުން ސްރީލަންކާއަށް ފޮނުވައި، އިސްލާމް ދީނާއި ރާއްޖޭގެ އާދަކާދަ އާ ގުޅޭ ކޮންޓެންޓް ހިމެނޭ ގޮތަށް ކޮންޓެންޓަށް ބަދަލު ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޭޓްވޭގެ ސޯޝަލް ފޮތުގެ މައްސަލަ ފެންމަތިވީ އެ ފޮތުގެ އެއް ޗެޕްޓާގައި ނަސާރާ ދީނުގެ މައުލޫމާތުތައް ހިމަނާފައިވުމުންނެވެ. މައްސަލަ ހުރީ ގްރޭޑް އެކަކުން ފެށިގެން ފަހަކާ ދޭތެރޭގެ ސޯޝަލް ފޮތްތަކުގަ އެވެ. ގްރޭޑް ފަހަކާ ހަމައަށް އެ ސްކޫލްގައި 250 އެއްހާ ދަރިވަރުން މިއަހަރު ކިޔަވާނެ އެވެ.

ރަޝީދު ވިދާޅުވީ، ސޯޝަލް ފޮތްތަކަށް ދިމާވި މައްސަލައާ ގުޅިގެން އެ ފޮތްތައް މިވަގުތަށް ބޭނުން ކުރެވެން ނެތުމުން ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވައިދޭ ސޯޝަލް ފޮތްތައް އެ ސްކޫލުގައި ވަގުތީގޮތުން ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަ ދައްކާފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި ފޮތްތައް އެ ސްކޫލަށް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވާ ކަމަށެވެ.