އެކްސިޑެންޓް

އައްޑޫގައި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

އެކްސިޑެންޓުތައް ގިނަ، އައްޑޫގައި މިއަދު ވެސް އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު އިރިއޮއްސި 6:20 އެހާކަންހާއިރު ދެ ސައިކަލް ޖެހި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، މިއަދު ހިތަދޫ ބޮޑު މަގުގައި އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލް ޖެހިގެން ކަމަށާއި ކޮންމެ ސައިކަލެއްގައި ދެ މީހުން ތިބިއިރު އެ ހަތަރު މީހުންނަށް ވެސް މި އެކްސިޑެންޓްގައި އަނިޔާވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ޕާކުކޮށްފައިހުރި ސައިކަލެއް ޕާކިން ޒޯނުން ނެރެނިކޮށް ބޮޑުމަގުން އައި އެހެން ސައިކަލެއް އޭގައި ޖެހިގެނެވެ. އެކްސިޑެންވި ސަރަހައްދަށް ގިނަ އަދަދެއްގެ ލޭ ވެސް ވަނީ އޮހޮރިފަ އެވެ.

އަނިޔާވި މީހުންނަށް މިހާރު ގެންދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނީ ތިން މީހަކަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެކަކު ހާލު ސީރިއަސް އެވެ. އޭނާގެ ލޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ. އެއީ ހިތަދޫގެ 46 އަހަރުގެ ހިތަދޫ މީހެކެވެ. ދެން އަނިޔާވެގެން ފަރުވާދެމުން ދަނީ 17 އަހަރުގެ ކުއްޖަކަށާއި 66 އަހަރުގެ ދުވަސްވީ މީހަކަށެވެ. އެމީހުންގެ ހާލު ސީރިއަސްއެއް ނޫނެވެ.